މަދީނާއަކީ އިސްލާމީ ތާރީޚުގެ އެންމެ މުހިއްމު އެއް ރަށެވެ. ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ މަތިވެރި ޞަޙާބީން މަދީނާއަށް ހިޖުރަކުރުން ވެގެންދިޔައީ އިސްލާމީ ދައުލަތުގެ ފެށުން ކަމުގައެވެ.
މަދީނާގައިވާ މަސްޖިދުއްނަބަވީގައި ކުރާ އެންމެ ނަމާދެއްގެ ޘަވާބު (މަސްޖިދުލްޙަރާމް ފިޔަވައި) އެނޫން އެހެން މިސްކިތްތަކުގައި ކުރާ 1000 ނަމާދުގެ ޘަވާބަށް ވުރެ އިތުވެގެންވެއެވެ.
މިމިސްކިތުގައި ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއް ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((مَا بَيْنَ بَيْتِي وَمِنْبَرِي رَوْضَةٌ مِنْ رِيَاضِ الجَنَّةِ)) رواه البخارى و مسلم
މާނައީ : ”ތިމަންކަލޭގެފާނުގެ ގެކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާއި ދެމެދުގައިވާ ތަނަކީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެކެވެ.“
މަދީނާގެ މަތިވެރި ބިމަށް ޠާޢޫން ބަލި ނައުމާއި އަދި މަލާއިކަތް ބޭކަލުން މި ރަށް ހިމާޔަތް ކުރެއްވުމާއި އަދި ދައްޖާލަށް މި ބިމަށް ނޭރެވުމަކީ މި ބިމުގެ މުޤައްދަސްކަމާއި މާތްކަމުގެ ތެރޭގައި ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (على أنقاب المدينة ملائكة لا يدخلها الطاعون و لا الدجال) ]رواه البخاري و مسلم[ މާނައީ: ”މަދީނާއަށް ވަދެވޭ ހުރިހާ މަގެއްގައި މަލާއިކަތުންވެއެވެ. އެ ރަށަށް ދައްޖާލެއް އަދި ޠާޢޫން ބައްޔެއް ނުވަންނާނެއެވެ.“
އީމާންކަމުގެ ނޫރު ފައްކާވީ މަދީނާގެ ބިމުގައެވެ. ޤިޔާމަތާއި ކައިރިވީވީހެން އީމާންކަމުގެ ނޫރު ދުނިޔޭގެ އެހެން ޤައުމުތަކާއި ރަށްތަކުގައި ފަނޑުވަމުންދާނެއެވެ. އަދި ފަހު ޒަމާނުގައި އީމާންކަން އެނބުރި މަދީނާއަށް އަންނާނެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (إن الإيمان ليأرز إلى المدينة كما تأرز الحية إلى حجرها) ]رواه البخاري و مسلم[ މާނައީ:“ހަރުފަ އޭތީގެ ހަރަށް އެނބުރި އަންނަ ފަދައިން އީމާންކަން އެނބުރި މަދީނާއަށް އަންނާނެއެވެ.“ މުއުމިނުންގެ ހިތުގައި މަދީނާއާއިމެދު ލެއްވިފައިވާ ދަގަތްފާނީ ޝައުޤުވެރިކަމާއި އެބައިމީހުންގެ ވަރުގަދަ އީމާނުގެ ސަބަބުން މަދީނާގައި ވަޒަންވެރިވަމުންދާ ދިޔުމަކީ މި ޙަދީޘްގައި މިވާ ފަދައިން އީމާންކަން އެނބުރި މަދީނާއަށް އަންނާނެކަން ދޭހަކޮށްދޭ ކަމެކެވެ.
މަދީނާގައި އުޅޭއިރު ދިމާވާ ދަތިތަކަށް ކެތްކުރުމުން ރަސޫލާ ﷺ ގެ ޝަފާޢަތް ލިބޭނެކަން ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ. (المدينة خير لهم لو كانوا يعلمون لا يدعها أحد رغبة عنها إلا أبدل الله فيها من هو خير منه ولا يثبت أحد على لأوائها و جهدها إلا كنت له شفيعا أو شهيدا يوم القيامة) ]رواه مسلم[ މާނައީ: ”އެބައިމީހުން ދަންނަ ކަމުގައިވާނަމަ އެބައިމީހުންނަށް މަދީނާ ހެޔޮކަން ބޮޑެވެ. އެރަށް ކަމުނުގޮސްގެން އެރަށް ދޫކޮށްލައިފި މީހެއްގެ ބަދަލުގައި އޭނާއަށްވުރެ ހެޔޮ މީހެއް އެ ރަށަށް ބަދަލުކުރައްވާނެއެވެ. އަދި އެރަށުގެ ހޫނަށާއި ދަތިކަމަށް ކެތްކޮށްފިމީހަކަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނު އެމީހެއްގެ ޝަފާޢަތްތެރިއަކަށް ނުވަތަ ހެކިވެރިއަކަށް ވެވަޑައިގަންނަވާހުށީމެވެ.“
ޙަދީޘް ކުރައްވާފައިވެއެވެ. (لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ : الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ وَبَيْتِ الْمَقْدِسِ ) މާނައަކީ: ”ތިންމިސްކިތަކަށް މެނުވީ ދަތުރު ހަދާފައި ދިޔުމެއް ނެތެވެ. މަސްޖިދުލް ޙަރާމާއި، ރަސޫލާގެ މިސްކިތާއި އަދި ބައިތިލް މަގްދިސް އެވެ.“
މަދީނާއަށް ޒިޔާރަތްކުރުމުގެ މަތިވެރި ޝަރަފު ލިބިއްޖެނަމަ އެނބުރި ރަށަށް ދާންވާނީ ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ޞާލިޙް ޢަމަލުތައް ގިނަ ކުރުމުގެ ޢަޒުމުގައެވެ. އަޅަމެންނަށް ގިނަގިނައިން މަދީނާއަށް ޒިޔާރަތްކުރުމުގެ ތައުފީޤު ދެއްވާށި. އާމީން.
Aameen