އިބުރަތްތެރި ވާހަކަ
ޖިންނީންގެ ވަފުދު އިސްލާމްވި ހާދިސާ

މޭބިސްކަދުރު ބަގީޗާގެ ވެރީންކަމުގައިވާ ޢުތުބާއާއި ޝައިބާގެ ހިތުގައި ރަސޫލާ ﷺ އާއި މެދު ހަމްދަރުދީ އުފެދުނެވެ. އެދެމީހުން ނަޞާރާ ޚާދިމު އައްދާސަށް ގޮވައި ގެނެސް ތައްޓަކަށް މޭބިސްކަދުރު ކޯނިތަކެއް ލައިފައި އަރިހަށް ފޮނުވިއެވެ. ރަސޫލާ ﷺ ބިސްމި ވިދާޅުވެފައި ފަރީއްކުޅުއްވާން ފެއްޓެވިއެވެ. އެ ވަގުތު ޢައްދާސް ދެންނެވިއެވެ.

”ކަލާނގެ ރަސްކަންފުޅު ގަންދީ ދަންނަވަމެވެ. ތިޔަ ވިދާޅުވީ މި ކަރައިގެ މީހުން މީގެ ކުރީން ކިޔައި އުޅޭ އެއްޗެއް ނޫނެވެ.“

ރަސޫލާ ﷺ ސުވާލުކުރެއްވިއެވެ. ”ކަލެޔަކީ ކޮން ރަށެއްގެ މީހަކީމު ހެއްޔެވެ؟ ތިބާގެ ދީނަކީ ކޮބައިހެއްޔެވެ؟“

އައްދާސް ޖަވާބުދެއްވިއެވެ. ”އަޅުގަނޑަކީ ނަޞާރާއަކީމެވެ. ނައިނަވާ މީހަކީމެވެ.“

ރަސޫލާ ﷺ ސުވާލުކުރެއްވިއެވެ. ”ޔޫނުސް ބިން މައްތާ ރަށުގެ މީހަކީމު ދޯއެވެ؟“

އެހިނދު ޢައްދާސް ހައިރާންކަމާއިއެކު ސުވާލުކުރެއްވިއެވެ. ”ކަލޭގެފާނަށް ޔޫނުސް ބިން މައްތާ އެނގިވަޑައިގަތީ ކޮންފަދައަކުންތޯއެވެ؟“ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.“އެކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަޚެކެވެ. އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. އަދި ތިމަންކަލޭގެފާނަކީވެސް ނަބީބޭކަލެކެވެ.“ އެހިނދު ޢައްދާސް ރަސޫލާ ﷺ ގެ އިސްތަށިފުޅާއި އަތްޕުޅާއި ފައިންޕުޅުގައި ބޮސްދެއްވުމަށްފަހު އިސްލާމްވެވަޑައިގަތެވެ. މި ތަން ބަލަން ތިބެފައި ރަބީޢާގެ ދެ ދަރިން އެކަކު އަނެކަކަށް ބުނެފިއެވެ.“އަހަރެމެންގެ ޚާދިމު މަގުފުރެދިއްޖެއެވެ.“ ރަސޫލާ ﷺ ގެ ދީނަށްވުރެ ނަޞާރާދީން މާ ރަނގަޅުވާނެކަމަށް ބުނެ ރަބީޢާގެ ދެދަރިން ޢައްދާސަށް ވަސްވާސް ދިނުމުން ޖަވާބުގައި ދެންނެވިއެވެ. “ ރަސޫލާ ﷺ އަށް ވުރެ ވަކި ރަނގަޅު މީހަކު މި އުޑު ދަށުގައި ނުވެއެވެ. ތިމަންނައަށް އޭނާ އެކިޔައިދިން ކަންތައްތަކަކީ ނަބީބޭކަލަކަށް ނޫނީ އެނގޭނެ ކަންތަކެއްނޫނެވެ.“

ދެން އެތަނުން ތެދުވެވަޑައިގެން އިންތިހާއަށް ދެރަފުޅުވެ ހުންނަވައި މައްކާއަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެ ގޮތުން ”ޤަރުނުލް ޘަޢާލިބު“ އޭ ކިޔާ ތަނާ ހަމައަށް ވަޑައިގަތްތަނާ މާތް ﷲ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމާއި ފަރުބަދަތަކުގެ މަލާއިކާތާ ފޮނުއްވިއެވެ.

ފަރުބަދަތަކާ ބެހޭ މަލާއިކަތާ ވިދާޅުވިއެވެ. ”އަރަހުށި މާތް ﷲ ކަލޭގެފާނުގެ ގައުމުގެ މީހުން ކަލޭގެފާނަށް ރައްދުކުޅަ ބަސްތައް އައްސަވައި ވޮޑިގެންފިއެވެ. ކަލޭގެފާނު އަމުރުކުރައްވާށެވެ. އެމީހުންގެ މައްޗަށް އަޚްޝަބައިނެވެ. ކިޔުނު ދެ ފަރުބަދަ ވައްޓައިލާ ހުށީމެވެ.“

ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ”ނޫނެކެވެ. ތިމަންކަލޭގެފާނު އެދިވަޑައިގަންނަވަނީ ތިޔަ ގޮތެއް ނޫނެވެ. އެބައިމީހުންގެ ބުރަކަށިތަކުން ވިޔަސް އެކަލާނގެ އެއްކައުވަންތަކަމަށް ހެކިވާ ބަޔަކު ނެރުއްވުމެވެ.“

ކީރިތި ރަސޫލާ ( صلى الله عليه و سلم ) ޙަދީޘްކުރެއްވީ ރަޙްމަތުން ފުރިގެންވާ ބަސްކޮޅެކެވެ.

ކުރީގެ ދިވެހި މަދަހައެއްގައި ރަސޫލާ ﷺ ސިފަކުރައްވައިފައިވަނީ މިފަދައިންނެވެ.“ މިފަދަ ރަޙްމަތް ހިތެއް މަޑުމޮޅި ކޮބައިތޯއޭ މިދުނިޔޭގައި “ މިއީ ތެދެއްކަން ޠާއިފުގެ ހާދިސާއިންވެސް އެނގެއެވެ.

މި ބަގީޗާއިން ނުކުމެ ވަޑައިގެން ދެން ރަސޫލާ ﷺ ވަޑައިގަތީ ވާދީ ނަޚްލާއަށެވެ. އެތަނުގައި ދަމުނަމާދުކުރެއްވި ރެއެއްގައި މާތް ﷲ سبحانه و تعالى ނަބިއްޔާ ﷺ ގެ އަރިހަށް ޖިންނީންގެ ޖަމާޢަތެއް ފޮނުއްވިއެވެ. މި ޖިންނީންގެ ވަފުދުވެސް އިސްލާމްވިއެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ (29)

ތިމަންރަސްކަލާނގެ ޖިންނީންގެ ތެރެއިންބަޔަކު، ޤުރުއާނުގެ ގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން، އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހައިބަލާށެވެ! ދެންފަހެ ކިޔަވައިވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެމީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ.

ޠާއިފުގެ ހާދިސާ އަކީ ސީރަތުގެ މުހިއްމު ބާބެކެވެ. ރަސޫލާ ﷺ ގެ ސީރަތު މުޠާލިޢާކޮށްފި ކޮންމެ މީހަކަށް އެނގި ޔަޤީންވާނެކަމަކީ އެކަލޭގެފާނަކީ އިންސާނީ ތާރީޚު ދުށް އެންމެ މަތިވެރި ޝަޚްސިއްޔަތު ކަމެވެ.

 

26