ނަޞޭޙަތާއި އިރުޝާދު
އުފެއްދުންތެރި ދުވަހެއް ބޭނުންނަމަ މި ކަންކަން ކުރަން ހަނދާން ނައްތާނުލާށެވެ.

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ކުރިއަރަން ބޭނުންވެއެވެ. ކޮންމެ މީހަކުވެސް އުފެއްދުންތެރި ގޮތުގައި ޙަޔާތުގެ ދުވަސްތައް ހޭދަކުރަން ބޭނުންވެއެވެ. އިސްލާމްދީނަކީ ޝާމިލު ފުރިހަމަ ދީނެއްކަމުން އުފެއްދުންތެރިކަން އިތުރުކުރާނެ ގޮތްތައްވެސް މި ދީނުގައި ބަޔާންވެފައިވެއެވެ.

ނިދުމުގެ ކުރިން މިޒިކުރު ކިޔައިފިނަމަ އަނެއް ދުވަހު އަޖައިބުތައް ފެންނާނެއެވެ.

ކުރަން ޖެހިފައިވާ ކަންކަން ފަސޭހައިން ކޮށްނިންމާލަން ބޭނުންނަމަ، ނިދުމުގެ ކުރިން މިކަން ކޮށްލާށެވެ!

علي بن أبي طالب رضي الله عنه ގެ ކިބައިން ރިވާވެފައިވެއެވެ. ހަމަކަށަވަރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނަށާއި (އެކަލޭގެފާނުގެ އަނބިކަމަނާ) ފާޠިމަތުގެފާނާ ދެކަނބަލުންނަށް ޙަދީޘްކުރެއްވިއެވެ. ތަންމައްޗަށް ގޮސްފިނަމަ، ނުވަތަ ތަންމަތީގައި އޮށޯންނަމުން، 33 ފަހަރު ތަސްބީޙަ ކިޔާށެވެ. އަދި 33ފަހަރު ޙަމްދުކުރާށެވެ. އަދި 34 ފަހަރު ތަކުބީރުކިޔާށެވެ. މިއީ އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވައިފައިވާ ޙަދީޘެކެވެ.

ތަސްބީޙަ ކިޔުމަކީ سبحان الله ކިޔުމެވެ. (މި ޙަދީޘްގައި) ޙަމްދުކުރުމޭ ބުނެވިފައިވަނީ الحمد لله ކިޔުމަށެވެ. އަދި ތަކުބީރު ކިޔުމަކީ الله أكبر މިފަދައިން ކިޔުމެވެ.

ގިނަގިނައިން ޤުރުއާން ކިޔެވުން

އުފެއްދުންތެރިކަން އިތުރުކޮށްދޭ އެންމެ މުހިންމު އެއްކަމަކީ ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާނާއި އެއްކީއްޔަށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ.

އެންމެ މުހިންމު ގުޅުން

ކޮންމެ މީހެއްގެ ޙަޔާތުގައި ވެސް އެންމެ މުހިންމު ގުޅުމަކީ ކުޅަދުންވަންތަ އިލާހާ އޮންނަ ގުޅުމެވެ. އެ ގުޅުން އަބަދުވެސް ތާޒާވަމުން ދާނަމަ، ތިބާގެ ދުވަސްތަކަކީ އުފެއްދުންތެރި ދުވަސްތަކެއް ކަމުގައި ވެގެން ދާނެއެވެ. އެ ގުޅުން ހީނަރުވާނަމަ، ތިބާ އަބަދުވެސް ހުންނާނީ “ ވަޅޯތާފަނާ “ މޯޑުގައެވެ. އެހެންކަމުން ފަރުޟު 5 ނަމާދު ބަރާބަރަށް އަދާކުރާށެވެ. ގިނަގިނައިން ޛިކުރުކޮށް استغفارކުރާށެވެ. ޤުރުއާން ކިޔަވާށެވެ. ހެޔޮ ޢަމަލުތައް ކުރާށެވެ.

ފަތިސްނަމާދު ކުރުން

ދިރިއުޅުމުގައި ކުރިއަރަން ބޭނުންވާ މީހާ ދުވަސްތައް ހޭދަކުރާނީ އުފެއްދުންތެރި ގޮތެއްގައެވެ. ދިރިއުޅުމުގައި ކުރިއަރަން ބޭނުންވާ މީހާ ފަތިހު ފަތިހާ ދުވަސް ފަށާނެއެވެ.އެހެނީފަތިސްނަމާދަކީހިތްތަކުގެނޫރެވެ .ނަފުސުތަކުގެ އިސްލާހެވެ. ދުވަހުގެ ބަރަކާތެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ [رواه مسلم]

މާނައީ: ”ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގައެވެ.“

ހެނދުނު ރިޒުޤު ހޯދުމުގެ މަސައްކަތް ފަށައިގަތުމުގެ ކުރިން ދުވަސް ރާވާލުމަކީ މުހިއްމު ކަމެކެވެ. ދުވަހުގެ ތާވަލު ރާވާލާއިރު އެދުވަހު އެންމެ އިސްކަމެއް ދޭންޖެހޭ ޓާސްކަކީ ކޮބައިކަން ކަނޑައެޅުމަށް ސަމާލުކަންދޭންވާނެއެވެ.

ކުރަން ޖެހިފައިވާ ކަންކަން ފަސޭހައިން ކޮށްނިންމާލެވޭނެ އެއް އުކުޅަކީ އެއް ވައްތަރު ޓާސްކުތައް އެއްފަހަރާ ކުރުމެވެ. މިސާލަކަށް ލިޔުންތެރިއެއްނަމަ ލިޔަންޖެހޭ ހުރިހާ ލިޔުމެއް އެއްދުވަހެއްގެ އެއްވަގުތެއްގައި ލިޔުމެވެ.

އެކިއެކި މާއްދާ ކިޔަވައިދޭ ޓީޗަރެއް ހުރިހާ މާއްދާގެ އިމްތިޚާން ކަރުދާސް ހެދުމަށް އެއް ދުވަސް ހުސްކުރުމެވެ. ކަކުނި ހަރުކޮންނަ އުސޫލުން އެކި ވަގުތުތަކުގައި އިމްތިޚާން ކަރުދާސްތައް ހެދުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ދުވަހެއްގެ ވަކި ވަގުތެއް ޚާއްސަކޮށް އެ ޚާއްސަކުރި ވަގުތުގައި އިމްތިޚާން ކަރުދާސްތައް ހަދާ ނިންމާލުމެވެ.

ލޮބުވެތި ޒުވާނުންނޭވެ. ފައިދާހުރި ފޮތްތައް ކިޔާށެވެ. ޝަރުޢީ ގޮތުން ހުއްދަ ހުނަރުތައް ލިބިގަންނާށެވެ. އާ ބަސްތައް ދަސްކުރާށެވެ. ވަގުތު ބޭކާރު ކުރުން ހުއްޓާލާށެވެ. ކޮންމެ ދުވަހަކީ ވެސް، ފެން ހިފޭ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހަދާށެވެ.

މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ކަންނެތްކަމާއި ވަޅޯތާފަނާކަމުގެ ހިރަފުސްތައް އަޅުގަނޑުމެންގެ ހަށިތަކުން ފޮޅާލަމާތޯއެވެ؟

އިބުނުލް ޖައުޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.“ من تذكر حلاوة العاقبة نسي مرارة الصبر“ ނިމޭކޮޅުގެ ފޮނިކަން ހަނދާންވާނަމަ، ކެތްތެރިކަމުގެ ދުވަސްތަކުގެ ހިތިކަން ހަނދާންނެތޭނެއެވެ.“.

28