ނަޞޭޙަތާއި އިރުޝާދު
ބިރުގަންނަން ނުޖެހޭ، ހިތާމަކުރަން ނުޖެހޭ މީހުންގެ ތެރެއިން ވާން ބޭނުންތަ؟

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އެމީހެއްގެ ޙަޔާތް، ބިރުވެރިކަމާއި ހިތާމައިން ސަލާމަތްވެފައިވާ ރައްކާތެރި ޙަޔާތަކަށް ވުމަށް ބޭނުންވެއެވެ. މިކަމުގެ ޔަޤީންކަން ނުވަތަ ގެރެންޓީ ލިބިއްޖެނަމަ އެމީހެއްގެ ޙަޔާތް ވެގެންދާނީ ވަރަށް ބާއްޖަވެރި ޙަޔާތަކަށް ކަން އެންމެން ވެސް ޤަބޫލުކުރާނެއެވެ. މިފަދަ ބާއްޖަވެރި ޙަޔާތެއް ބޭނުން މީހަކަށް މާތް ﷲ ވަނީ ފުރިހަމަ އިރުޝާދުތަކެއް ދެއްވަވާފައެވެ.

 

 1. މާތް ﷲ ބަޔާންކޮށްދެއްވާފައިވާ ތެދުމަގަށް ތަބާވުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ فَمَن تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة البقرة : 38) މާނައީ: ”ތިމަން އިލާހުގެ ތެދުމަގާ ތަބާ ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައި ވެސް ނުމެވޭމެއެވެ.“

ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ‎﴿ لَا خَوْفٌ عَلَيْهِمْ ﴾‏ ”އެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ.“ މީގެ މުރާދަކީ އާޚިރަތް ދުވަހުގެ ވާހަކައެވެ. އަދި ﴿ وَلَا هُمْ يَحْزَنُونَ ﴾‏ ”އަދި އެބައިމީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައި ވެސް ނުމެވޭމެއެވެ.“ ގެ މުރާދަކީ ދުނިޔޭގެ ވާހަކައެވެ. މާނައަކީ މި ސީޣާއިން (ނުވަތަ މި އިބާރާތުން) އައިސްފައިވާ ހުރިހާ އާޔަތްތަކުގެ މުރާދަކީ ވެސް މިއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ، އަދި އެކަލާނގެ ދެއްވާފައިވާ މި އިރުޝާދު ތަކުގައި ހިފައިފިނަމަ ބިރުވެރިކަމާއި ހިތާމައިން ސަލާމަތްވެ، ބާއްޖަވެރިވެގެންދާނީ ހަމައެކަނި ދުނިޔެއެއް ނޫނެވެ. ނުވަތަ ހަމައެކަނި އާޚިރަތެއް ވެސް ނޫނެވެ. ނަމަވެސް ދުނިޔެއާއި އާޚިރަތުގެ، މި ދެ ޙަޔާތެވެ. މިއީ ކޮންފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ނޫން ތޯއެވެ؟

 

 1. މާތް ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ، ސާލިހު އަމަލުކުރުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَعَمِلَ صَالِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾‏ (سورة البقرة : 62) މާނައީ: “ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ، ސާލިހު އަމަލުކުރި މީހުންގެ ވެރި ރައްބުގެ ހަޒްރަތުގައި، އެބައިމީހުންގެ ދަރުމަ، އެބައިމީހުންނަށް ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނީ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

 

 1. މާތް ﷲ އަށް ކިޔަމަންވެ، ހެޔޮ ޢަމަލުކުރުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ مَنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ فَلَهُ أَجْرُهُ عِندَ رَبِّهِ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة البقرة : 112) މާނައީ: “ ހެޔޮކޮށް ކަންތައްކުރާ މީހަކު ކަމުގައިވާ ހާލު، އެ މީހެއްގެ މޫނު (އެބަހީ: މުޅި އެ މީހާ) ﷲ އަށް ކިޔަމަންކޮށްފި މީހަކަށް، ފަހެ، އޭނާގެ ވެރި ރައްބުގެ ހަޒްރަތުގައި އޭނާގެ ދަރުމަހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް (އެއްވެސް) ބިރެއްނެތެވެ. އަދި އެބައިމީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

 

 1. މާތް ﷲ ގެ މަގުގައި މުދާ ހޭދަކޮށް، އެ ހޭދަކުރި އެއްޗަކާ މެދު ކަލަނުގޮވުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ ثُمَّ لَا يُتْبِعُونَ مَا أَنفَقُوا مَنًّا وَلَا أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾‏ (سورة البقرة : 262) މާނައީ: “ އެބައިމީހުންގެ މުދާ، ﷲގެ މަގުގައި ހޭދަކޮށް، ދެން އެއަށްފަހު، އެބައިމީހުން ހޭދަކުރި އެއްޗަކާ ގުޅިގެން ކަލަގޮވުމެއްނުވާ، އަދި (ބަހުން ނުވަތަ އަމަލުން ވިޔަސް) އުނދަގުލެއް ނުދޭ މީހުންނަށް އެބައިމީހުންގެ އުޖޫރަ (އެބަހީ: ސަވާބު) އެބައިމީހުންގެ ވެރި ރައްބުގެ ހަޒްރަތުގައި އެބައިމީހުންނަށް ވެއެވެ. އަދި، އެބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

 

 1. ރެއާއިދުވާލު، ސިއްރާއި ފާޅުގައި، މާތް ﷲ ގެ މަގުގައި މުދާ ހޭދަކުރުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة البقرة : 274) މާނައީ: “ އެބައިމީހުންނީ، ރެއާއިދުވާލު، ސިއްރާއި ފާޅުގައި، އެބައިމީހުންގެ މުދާތައް ހޭދަކުރާ މީހުންނެވެ. ފަހެ، އެބައިމީހުންގެ ވެރި ރައްބުގެ ހަޒްރަތުގައި އެބައިމީހުންގެ ދަރުމަ، އެބައިމީހުންނަށް ހުއްޓެވެ. އަދި، އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް އެބައިމީހުން ނުމެވޭމެއެވެ.“

 

 1. އީމާންވެ، ސާލިހު އަމަލުތައް ކޮށް، ނަމާދު ގާއިމު ކޮށް، ޒަކާތް ދީ އުޅުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة البقرة : 277) މާނައީ: “ ހަމަކަށަވަރުން އީމާންވެ، ސާލިހު އަމަލުތައް ކޮށް، ނަމާދު ގާއިމު ކޮށް، ޒަކާތް ދީ އުޅުނު މީހުންނަށް އެބައިމީހުންގެ ދަރުމަ، އެބައިމީހުންގެ ވެރި ރައްބުގެ ހަޒްރަތުގައި ވެއެވެ. އަދި، އެބައިމީހުންގެ މައްޗަށް އެއްވެސް ބިރެއް ނެތެވެ. އަދި، އެބައިމީހުންނަކީ، ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

 

 1. މާތް ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ‎،‏ فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة آل عمران : 169،170) މާނައީ: “ ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެބައިމީހުންނީ އެބައިމީހުންގެ ވެރި ރައްބުގެ ހަޒްރަތުގައި ރިޒްގު ލިބޭ ހާލު، ދިރިތިބި ބަޔެކެވެ. (އެބައިމީހުން ތިބޭހުށީ) ﷲ، އެ އިލާހުގެ ފަޟްލުވަންތަކަމުން އެބައިމީހުންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ ހާލުގައެވެ. އަދި، އެބައިމީހުންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެބައިމީހުންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެބައިމީހުން އުފާކުރާ ހާލުގައެވެ.“

 

 1. މާތް ﷲ އަށް އީމާންވެ އެމީހެއްގެ ޢަމަލުތައް އިސްލާހުކުރުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ فَمَنْ آمَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة الأنعام : 48) މާނައީ: “ ފަހެ، އީމާންވެ އިސްލާހުކުރި މީހުން (ދަންނާށެވެ!) ފަހެ، އެބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. “

 

 1. މާތް ﷲ އަށް ތަޤުވާވެރިވެ، އެ މީހެއްގެ އަމަލުތައް އިސްލާހު ކުރުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة الأعراف : 35) މާނައީ: “ ފަހެ، ތަގުވާވެރިވެ، އަދި (އަމަލުތައް) އިސްލާހު ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

 

 1. މާތް ﷲ ގެ ވަލިއްޔަކަށް ވުން

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة يونس : 62) މާނައީ: ”ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.“

ވަލީވެރިންނަކީ މާތް ﷲ އަށް ތަޤްވާވެރިވާ މީހުންނެވެ. އެހެންކަމުން މާތް ﷲ އަށް ތަޤްވާވެރިވާ ކޮންމެ މީހަކީ އެކަލާނގެ ޙަޟްރަތުގައި ވަލިއްޔެކެވެ. (ތަފްސީރު އިބްނި ކަޘީރު)

 

 1. ތިމަންމެންގެ ވެރި ރައްބަކީ، ﷲ އޭ ބުނެ، ސީދާމަގުގައި ދެމިތިބޭ މީހުން.

މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿ إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾‏ (سورة الأحقاف : 13) މާނައީ: “ ހަމަކަށަވަރުން، ތިމަންމެންގެ ވެރި ރައްބަކީ، ﷲ އޭ ބުނެ، ދެން ސީދާވެގަތްމީހުން (ދަންނާށެވެ!) ފަހެ، އެބައިމީހުންގެ މައްޗަކަށް ބިރެއްނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުމެވޭމެއެވެ. ”

70