ނަޞޭޙަތާއި އިރުޝާދު
ހެނދުނާއި ހަވީރުގެ ޒިކުރުތައް ކޮންމެ އިރަކުން ވެސް ކުރެވޭނެތަ؟

ޢިލްމުވެރިން ވިދާޅުވާގޮތުގައި ހެނދުނުގެ ޒިކުރުތައް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ފަޖުރުގެ އަލިކަން ފާޅުވީއްސުރެން އިރުއެރުމާ ހަމައަށެވެ. އެހެންނަމަވެސް، ހަނދާންނެތިގެން ނުވަތަ އެނޫން އެހެންކަމެއް ދިމާވެގެން އެ ވަގުތުގައި ޒިކުރު ނުކުރެވުނުނަމަ،އިރުއެރުމަށްފަހު ވެސް ކުރެވިދާނެއެވެ. ހެނދުނުގެ ޒިކުރު ކުރުމުގެ ވަގުތު މެންދުރު ނަމާދުގެ ވަގުތު ކައިރިވުމަށްދާންދެން ދެމިގެންވެއެވެ. ހަނދާނުގައި ބަހައްޓަވަންވީ ކަމަކީ، ކުރާ ޒިކުރުތަކުގެ ފައިދާ ބަރޯސާވަނީ ޒިކުރުކުރާ ވަގުތުގެ އަވަސްމިނާއި ލަސްމިނަށެވެ. ފަތިސް ނަމާދުގެ ފަހުން ޒިކުރުތައް ކޮށްލަވައިފިނަމަ، ޒިކުރުތަކުގެ ސަބަބުން ލިބޭ ފައިދާތަކުގެ ވަގުތު، އެދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު ޒިކުރުތައް ކުރާމީހާއަށް ވުރެ ދިގުވާނެއެވެ.

ޒިކުރުތަށް ކުރުމުގެ ސަބަބުން ލިބޭ ފައިދާތަކޭ ބުނެވޭބަހުގެ މާނައަކީ ކޮބައިތޯއެވެ؟ މިސާލަކަށް ދަންނަވާނަމަ، ”بسم اللهِ الذي لا يَضُرُّ مَعَ اسْمِه شَيءٌ فِي الأرْضِ ولا فِي السَّماءِ وهُوَ السمِيعُ العليم“  މި ޒިކުރު ހެނދުނާއި ހަވީރު ތިން ފަހަރު ކޮށްފިމީހާއަށް އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެ ކަމަށް އައިސްފައިވެއެވެ. މި ޒިކުރުގެ ސަބަބުން ލިބޭ ރައްކާތެރިކަން ފެށޭނީ، އޭނާ މި ޒިކުރު ކުރާ ވަގުތުންނެވެ. ލަސްކޮށްފި ކަމުގައިވާނަމަ ފަހަރުގައި ގެއްލުމެއް ލިބިދާނެއެވެ. -މާތް ﷲ އަޅަމެން ރައްކާތެރި ކުރައްވާށިއެވެ!-

ޢިލްމުވެރިން އިރުޝާދު ދެއްވާގޮތުގައި ހަވީރުގެ ޒިކުރުތައް އަޞުރުގެ ފަހުން ކުރުން މޮޅު އިތުރުވެގެންވެއެވެ. އޭރުން ގިނައިރު އޭގެ ފައިދާ ދެމިގެންދާނެއެވެ. އެހެންނަމަވެސް، އެވަގުތުގައި ނުކުރެވިއްޖެނަމަ، ރޭގަނޑު ތިންބައިކުޅަ އެއްބައިވުމަށް ދާންދެން ވަގުތު ދެމިގެންވެއެވެ.

ﷲ ސުބްޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ﴾ سورة غافر ٥٥

މާނައީ: ”އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ހަވީރާއި، ހެނދުނު  ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ!“

އެހެންކަމުން، އަޅުގަނޑުމެން ހެނދުނާއި ހަވީރުގެ ޒިކުރުތައް ވީ އެންމެ އަވަހަކަށް ކުރައްވަމާ ހިންގަވާށެވެ!

އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދުގެ (حفظه الله) ދަރުހަކުން

211