ނަޞޭޙަތާއި އިރުޝާދު
ކައިވެނިގެ ގުޅުން ހީނަރުވެ ވަރިއާ ހަމައަށް ދާން މެދުވެރިވާ ބައެއް ސަބަބުތައް

ކައިވެނީގެ ރޫޙަކީ އެކަކު އަނެކަކަށް އެހީތެރިވުމާއި ރަޙުމުކުރުމެވެ. ކައިވެނި ބާއްޖަވެރިވެ ދެމިގެންވާނެ ސަބަބުތަކުގެ ތެރޭގައި: ކެތްތެރިކަމާއި މާފުކުރުމާއި އެކަކު އަނެކެއްގެ ޙައްޤުތަކަށް ރައްކާތެރިވުމާއި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އިމުގެ ތެރެއިން އަނބިމީހާ އިޞްލާޙުކުރުންވެސް ހިމެނެއެވެ. ކެތްތެރިކަމުގެ ހިތިކަމުގައި ކުޑަކޮށް މަޑުކޮށްލައިފިނަމަ ދިގު ޒަމާނަކަށް އެކަމުގެ ފޮނިކަން ލިބިދާނެއެވެ. ޤާޟީންގެ މައްޗަށް އޮތީ: އެބައިމީހުންނަށް ހުށަހެޅޭ މައްސަލަތަކުގައި ދެމަފިރިންގެ ދެމެދުގައި ޞުލްޙަކުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތްކުރުމެވެ.

ކައިވެނިގެ ގުޅުން ހީނަރުވެ ވަރިއާ ހަމައަށް ދާން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި: އަނބިމިހާގެ ދޫ ނުބައިވުމާއި އޭނާގެ އަޚްލާޤު ގޯސްވުމާއި ދެމަފިރިންގެ ތެރެއިން ކޮންމެސް އެކެއްގެ ގާތްތިމާގެ މީހުން އެދެމީހުންގެ ކަންކަމުގެ ތެރެއަށް ވަނުން ހިމެނެއެވެ. އަދި މީގެ އިތުރުން ޓީވީ ތަކުން ދައްކާ ސިލްސިލާތަކަކީ ވެސް އަޚްލާޤު ހަކާކުކޮށްލާ މުޖުތަމަޢުގައި ފަސާދަ ފެތުރުމުގެ ސަބަބެކެވެ. އަދިވެސް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި: އަނބިމިހާ ފިރިމީހާގެ ހުއްދަ ނެތި ތަންތަނަށް ދިޔުން ހިމެނެއެވެ. ކައިވެނި ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށްފަހުވެސް ކުރިއަށް ދިއުމަށް ޢުޛުރުވެރިވާނަމަ ވަރިކުރުން ހުއްދަވެގެން ވެއެވެ.

ޒަވާޖީ ޙަޔާތަކުން ދަރިފަސްކޮޅެއް ތަރުބިއްޔަތުކޮށް އެކުދިންނަށް ލޯބިދީ، އުނގަންނައިދީ، ބަލަހައްޓާނެ ގެއެއް ބިނާކޮށްދެއެވެ. އަދި ޙަޔާތުގެ އުނދަގޫތައް ކޮނޑުއަޅާ، މުޖުތަމަޢަށް ފައިދާކޮށްދީ ކުރިއަރުވާނެ ޖީލެއް، ބައްޕައާއި މަންމަގެ މަސައްކަތުން ތައްޔާރުކޮށްދެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ، ثُمَّ يَبْعَثُ سَرَايَاهُ، فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً، يَجِيءُ أَحَدُهُمْ فَيَقُولُ: فَعَلْتُ كَذَا وَكَذَا، فَيَقُولُ: مَا صَنَعْتَ شَيْئًا،» قَالَ «ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ: مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ،» قَالَ: «فَيُدْنِيهِ مِنْهُ وَيَقُولُ: نِعْمَ أَنْتَ» قَالَ: «فَيَلْتَزِمُهُ» [رواه مسلم]

މާނައީ: “އިބިލީސް އޭނާގެ ތަހުތު ފެނުގެމަތީގައި ބަހައްޓައެވެ. ދެން އޭނާގެ ލަޝްކަރަށް ގޮވައެވެ. ފަހެ، އެސޮރުމެންގެ ތެރެއިން އިބިލިހާ އެންމެ ގާތުގައިވާ މީހަކީ އެންމެ ފިތުނަ ބޮޑު މިހާއެވެ. އެސޮރުމެންގެ ތެރެއިން އެކަކު އައިސް ބުނެއެވެ. “ތިމަން އެވެނި މިވެނި ކަމެއް ކުރީމެވެ.” ފަހެ، އިބިލީސް ބުނެއެވެ. “ކަލެއަށް ކަމެއް ނުވިއެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދެން އަނެއްކާވެސް އެސޮރުމެންގެ ތެރެއިން އެހެންމީހަކު އައިސްބުނެއެވެ. “މީހަކު އޭނާގެ އަނބިމީހާއާ ދުރުކޮށްފަ މެނުވީ ތިމަން ދޫނުކުރަމެވެ.” ފަހެ، އިބިލީސް އޭނާގެ ގާތަށް އެސޮރު ގެނެއެވެ. އަދި ބުނެއެވެ. “ކަލޭ ތިޔައީ ރަނގަޅު މީހެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދެން އޭނާ އެސޮރު ގާތްކުރެއެވެ.” މިޒަމާނުގައި ވަރީގެ ސަބަބުތައް ވަރަށް ގިނައެވެ. އަދި އޭގެތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ޝަރީޢަތުގައިވާ ވަރީގެ ޙުކުމްތަކާމެދު މިސްތަކުން ޖާހިލުވެފައިވުމެވެ. އަދި ޤުރުއާނާއި ސުންނަތަށް ފުރިހަމައަށް ތަބާނުވެވުމެވެ. ފަހެ، ކައިވެނީގެ ޢަޤުދަށް ރައްކާތެރިވުމަށް ﷲ ތަޢާލާވަނީ ކީރިތި ޤުރުއާނުގައި އަމުރު ކުރައްވާފައެވެ.

﴿وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا وَمَنْ يَفْعَلْ ذَلِكَ فَقَدْ ظَلَمَ نَفْسَهُ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا﴾ [البقرة: 231]

މާނައީ: “އަދި، ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ! އަދި، އެކަން އެގޮތަށް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފިކަން ކަށަވަރެވެ. އަދި، ﷲ ގެ އާޔަތްތައް އެއީ ފުރައްސާރައެއްކަމުގައި ތިޔަބައިމީހުން ނަހަދާށެވެ!”

އަދިވެސް ވަޙީކުރައްވާފައިވެއެވެ.

﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ﴾ [البقرة: 228] މާނައީ: “އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ.” ފަހެ، ފިރިމީހާއަށް އޮތީ ހެޔޮގޮތުގައި އިޙްސާންތެރިކަމާއެކު ދިރިއުޅުމެވެ. އަނބިމީހާއާމެދު ނުރުހިއްޖެނަމަ އޮތީ އޭނާގެ ކަންކަމަށް ކެތްތެރިވުމެވެ. އަދި އޭނާގެ ކަންތައްތައް ހެޔޮގޮތަކަށް ބަދަލުވެދާނެ ކަމަށް އުންމީދުކޮށް މަސައްކަތްކުރުމެވެ. ނުވަތަ އެކަނބުލޭގެގެ ކިބައިން ޞާލިޙު ދަރިންތަކެއް ރިޒްޤުކުރައްވާނެ ކަމަށް އުންމީދުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَعَاشِرُوهُنَّ بِالْمَعْرُوفِ فَإِنْ كَرِهْتُمُوهُنَّ فَعَسَى أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴾ [النساء: 19]

މާނައީ: “އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.”

 

މަސްދަރު:ދިސަލަފިއްޔާ

53