2018 ވަނަ އަހަރު ޙައްޖަށް ދިޔަ ދެމަފިރިއެކެވެ. ޙާޖީން މިނާއަށް ދިއުމަށް މައްކާގައި ބޭއްވުނު މީޓިންގ ނިމިގެން މިދެމަފިރިން އައިސް އަޅުގަނޑު ގާތު ބުންޏެވެ. ކޮއްކޯއެވެ. ތިކުދިން ޙައްޖަށް ދާށެވެ. ބޭބެމެން ދެމަފިރިން މި ނިންމީ ޙައްޖަށް ނުގޮސް ހޮޓަލުގައި މަޑުކޮށްލައިގެން ތިބޭށެވެ. ޙައްޖަށްގޮސް އުޅޭނެ ހިތްވަރެއް އަހުރެމެންގެ ދެން ނެތެވެ. ޢުމްރާ ކޮށްލެވުނީ އެތައް އިރަކުން ވަރަށް ޙާލުންނެވެ. ހިނގައި ހިނގައި އުނުގަނޑުގައި ރިއްސަނީ ވަކި ވަރަކަށް ނޫނެވެ. މިއީ މިހާ ވަރުގެ ކަމެއް ކަމެއް ކުރިއަކުން ނޭނގެއެވެ. ކޮއްކޮ ޙައްޖަށް ގޮސް ބޭބެމެންނަށް ދުޢާކޮށްލަދެއްޗެވެ.
މިދެމަފިރިންގެ ވާހަކައާ އެކު އަޅުގަނޑުވެސް ފެންކަޅިވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ބޭބެއަށާ ދައްތައަށް އަޅުގަނޑު އެހީވާނަމެވެ. ޙައްޖަށް ދާންވާނެއެވެ. ކޮންމެއަކަސް އަޅުގަނޑު އެދެމަފިރިން ޙައްޖަށް ގެންގޮސް ވަރަށް އެހީވީމެވެ. الله އަށް ޓަކައެވެ. ދެމީހުން ލައިގެން ގޮނޑި ދުއްވައި އެމީހުންގެ ބަދަލުގައި ޖަމްރާތަކަށް ހިލަ އުކައިދީވެސް ހެދީމެވެ.
ބުނަން މިއުޅޭ ވާހަކަ އަކީ 65 އަހަރު ވިޔަސް ޙައްޖަށް ދެވޭނެ ކަމުގައި އިޢުލާން ކުރެވިފައި ވާތީ ދެލޯފަދަ ލޮބުވެތި މުސްކުޅި މައިންބަފައިން، ޚާއްޞަ އެހީތެރިއެއް ނެތި އެކަނި ޙައްޖަށް ނުފޮނުވައްޗެވެ. ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޙާލަތު އެތައް އަހަރެއް ވަންދެން ވަރަށް ގާތުން ދެކެފީމެވެ. އެމީހުން އެކަނި މާއެކަނި ޢުމްރާ އަށާއި ޙައްޖަށް ގޮސް އުޅެނީ ވަރަށް ޙާލުގައެވެ. މީހުންގެ ބައިބޯކަމުން ޙަރަމްފުޅުގެ ނުވަތަ މިނާ ޢަރަފާތުގެ ފާޚާނާއަކަށް ގޮއްސިއްޔާވެސް އަންނާކަށް ނޭނގެއެވެ. ލިފްޓެއް ބޭނުން ކޮށްލާކަށްވެސް ގިނަ މީހުންނަކަށް ނޭނގެއެވެ. ދުރަށް ހިނގަން ޖެހުމުންނާއި ޖެހޭ ވަރުގަދަ ރޯގާއާއި ހުމުގެ ވޭނުގައި އެކުރާ ޝަކުވާ ތަކުން ހިތް ފަޅައިގެން ދާވަރު ވެއެވެ. ދަރިންގެ ޚަރަދުގައި މައްކާއަށް ދެވި، އެމާތް ބިމުގައި ފައި ޖެހި މާތްވެގެންވީ ގެފުޅު ހަމަލޮލުމް ފެނުނު ކަމަށްޓަކައި އެމީހުން އުފަލުން އެނބުރި އަންނަނީއެވެ. ނަމަވެސް ޙަޤީޤަތަކީ ދަރިންނަށް އެމީހުންގެ މުސްކުޅި މައިންބަފައިން މައްކާއަށް އެއްލާލެވުނު ކަމެވެ! އާނއެކެވެ! އެމީހުނަށް ޚާއްޞަ އެހީތެރިއެއް ނެތީތީއެވެ!
ދަރިންނޭ ހެޔޮ ނުވާނެއެވެ! މައިންބަފައިން މުސްކުޅި ޢުމުރަށް އެޅީމާ އެކަނި ޙައްޖު ޢުމްރާއަށް ފޮނުވުމީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ގުރޫޕްތަކުގައި އެއިން ކޮންމެ މީހަކަށް ޚާއްޞަ އެހީތެރިއެއް ނުހުރެއެވެ. ޙަޤީޤަތުގައި އެމީހުން އެތަނުން އެ އަންނަނީ އެކަނި މާއެކަނި ވަރަށް ޙާލުގައި ”ގަނަ ތެޅިފަ“ އެވެ! 😔
ޒުވާނުންނޭވެ. އަތްފައިގައި ބާރު ހުރި ދުވަހު ޙައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރާށެވެ!
މިއީ އައްޝައިޚް އަޙްމަދު ނާޒިލް ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމެކެވެ.