ނަޞޭޙަތާއި އިރުޝާދު
ހެނދުނާއި ހަވީރުގެ ޒިކުރުތައް ކުރަން ވަރަށް އުދަނގޫތަ؟

މި ލިޔުން ކިޔަން ފެއްޓެވުމުގެ ކުރީން އެނގެން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ، މި ލިޔުމަކީ އެއްވެސް ޙާލެއްގައި ބަރާބަރަށް ހުރިހާ ޒިކުރެއް ކޮންމެ ދުވަހަކު ކުރަމުން އަންނަ ބޭފުޅުން، އެކަން ހުއްޓުވުމުގެ ނިޔަތުގައި ލިޔުނު ލިޔުމެއް ނޫނެވެ. ނުވަތަ ހުރިހައި ޒިކުރެއް ކުރުން ހުއްޓާލުމަށް ގޮވާލައި ލިޔުމެއް ވެސް ނޫނެވެ.

 އެއްވެސް ޝައްކެތް  ނެތް ގޮތުގައި، ހެނދުނާއި ހަވީރުގެ ހުރިހައި ޒިކުރަކާގެން އަންނަ މީހާ އެހުރީ ހެޔޮ ކަމުގެ މަތީގައިވާ ހެޔޮ ކަމެއްގައެވެ. އެ މީހަކަށް ފަށްފަށުން ތަހުނިޔާއާއި މަރުޙަބާ ދަންނަވަމެވެ! އަދި އެ ގޮތުގައި ޘާބިތު ކޮށްދިނުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރަމެވެ.

އަތުގެ ފަސް އިނގިލި އެއްވަރު ނުވާ ފަދައިން، އިންސާނުން ހަމަހަމަ ނުވާކަމީ ކޮންމެ އިންސާނަކު ވެސް ޤަބޫލު ކުރާ ޙަޤީޤަތެކެވެ. ހަމަ އެފަދައިން، ކޮންމެ ދުވަހަކު ދެ ފަހަރު ބަރު ހިލަގަނޑެއް އުފުއްލާ މީހަކާ ދުވަހަކުވެސް ހިލައެއް ނުއުފުލާ މީހަކާ ހަމަހަމަ ވާނެ ހެއްޔެވެ؟ ކޮންމެ ދުވަހަކު އެ ކަން ކުރާ މީހަކަށް އެއީ އުދަނގޫ ކަމަކަށް ނުވާނެއެވެ. އެ ކަމަކީ އޭނައަށް ފަސޭހަކަމެވެ. ނަމަވެސް، ދުވަހަކުވެސް ހިލައެއް ނުއުފުލާ މީހަކު، ޔަޤީނުން ވެސް އޭނާ އެކަން ކުރުމުގައި އުދަނގޫތަކެއް ކުރިމަތި ނުވެ ދިޔުމަކީ ނާދިރު ކަމެކެވެ. އުފުލުމަށްޓަކައި ހިލާގައި ހިފަންޖެހޭ ގޮތް ނޭނގިދާނެއެވެ. ނުވަތަ ކުޑަކުޑަކޮށް އުފުލާލެވިފައި އަނެއްކާ އަތުން ދޫވެދާނެއެވެ.  ކިތައްމެ ބޭނުންވި ކަމުގައި ވިޔަސް ނުއުފުލިދާނެއެވެ.  އެންމެފަހުން، ހިލަ އުފުލުމުގެ ޚިޔާލު އެއްކޮށް ދޫކޮށްލަފާނެއެވެ.

މި ދެމީހުންގެ މިސާލަކީ ހެނދުނާއި ހަވީރުގެ ހުރިހާ ޒިކުރެއް ކުރާ މީހަކާއި އެ ޒިކުރުތައް ކުރަން ބޭނުންވާ ނަމަވެސް އެކަން އުދަނގޫވެފައިވާ ނުވަތަ ޒިކުރުތައް ކުރަން ފަށަން ބޭނުންވެ އެ ކަމަކީ ނުވާނެ ކަމަށް ހީކުރާ ދެ މީހުންގެ މިސާލެވެ. ކޮންމެ ދުވަހަކު ދެ ފަހަރު ބަރު ހިލަގަނޑު ހިއްލާ މީހާ، އެއީ ހެނދުނާއި ހަވީރުގެ ހުރިހާ ޒިކުރެއް ކުރާ މީހާއެވެ. އޭނާއަށް ހުރިހާ ޒިކުރެއް ކިޔުމަކީ މާ ބޮޑު ކަމެއް ނޫނެވެ. އަޅުގަނޑު އެދުމަކީ އޭނާ އެގޮތުގައި ހުރުމެވެ.

ދުވަހަކުވެސް ހިލައެއް ނުއުފުލާ މީހާ، އެއީ ހެނދުނާއި ހަވީރުގެ ހުރިހާ ޒިކުރެއް ކުރުމަށް ބުރަ ބުރަވެފައިވާ މީހާއެވެ. އޭނާއަށް ހުރިހާ ޒިކުރެއް ކުރަން އުދަނގޫވެއެވެ. އެ ކަމުގެ ހައްލަކީ ކޮބައިތޯ؟ ހައްލަކީ އޭނާ ހެނދުނާއި ހަވީރުގެ ހުރިހާ ޒިކުރެއް ކިޔުމުގެ ބަދަލުގައި، މަދުވެގެން އެއް ޒިކުރު ނަމަވެސް ކިޔުމެވެ. މަޑުމަޑުން ޒިކުރު އިތުރު ކުރާނީއެވެ. އޭރުން، ދުރު ނޫން މުސްތަޤުބަލެއްގައި ހުރިހާ ޒިކުރެއް ކިޔޭތަން މާތް ﷲ ގެ އިރާދަފުޅައެކު ފެންނާނެއެވެ. “ހިލަގަނޑު” އެއްކޮށް އުދަނގޫކަމެއްނެތި ﷲ ވާގިފުޅާއެކު އުފުއްލާލެވޭނެއެވެ.

ހުރިހާ ޒިކުރެއް ނުކުރެވުމަކީ އެއްވެސް ޒިކުރެއް ނުކޮށް ދޫކޮށްލަންވީ ސަބަބެއް ނޫނެވެ. އެހެނީ، ޒިކުރުތަކުގެ ސަވާބާއި ދަރުމަ އައިސްފައިވަނީ ވަކިވަކި ޒިކުރު ތަކަށެވެ.  ހުރިހާ ޒިކުރެއް ނުކޮށްފިނަމަ އެއްވެސް އަޖުރެއް ނުލިބޭ ގޮތަކަށް ނޫނެވެ. ބައެއް ޒިކުރުތައް ކުރިކަމުގައި ވިޔަސް ﷲ އިރާދަފުޅާއެކު އަޖުރު ލިބޭނެއެވެ.

އެހެންކަމުން، މި ލިޔުމުގެ މަޤްޞަދަކީ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމުގައި ފަރުވާކުޑަކުރެވޭ ނުވަތަ ނުކުޅެދިފައިވާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. ހުރިހާ ޒިކުރެއް ނުކުރެވުމަކީ އެއްވެސް ޒިކުރެއް ނުކޮށް ދޫކޮށްލަންވީ ސަބަބެއް ނޫންކަން ބަޔާން ކޮށްދިނުމެވެ. ތިބާއަށް ކުޅަދާނަވީ މިންވަރަކުން ވަރަކުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުއްތަންވާށެވެ! ﷲ، އެއްވެސް އިންސާނަކަށް އޭނާއަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވައެވެ.

وصلى الله على نبينا محمد.

13