ލުޤުމާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތްތަކާއި ޙިކުމަތްތެރި ބަސްތަކަކީ އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތް އަމާންކަމާއެކު އައްސޭރިއާ ހަމައަށް ދިއުމަށް އޮތް ފާލަމެކެވެ. އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތަށް މަގު އަލުކުރާ ވޮށެކެވެ. އެހެންކަމުން އެކަލޭގެފާނު ދެއްވާފައިވާ ޢިބުރަތުން ފުރިގެންވީ ބައެއް ނަޞޭޙަތުގެ ބަސްފުޅުތައް ވިދާޅުވެ، ލައްވަމާ ހިންގަވާށެވެ. ”ދަރިފުޅާއެވެ! ދުނިޔެއަކީ މާސިންގާ ކަނޑެކެވެ. އެތައް ބަޔަކު ވަނީ އެ ކަނޑުގައި ޣަރަޤުވެ ގޮސްފައެވެ. ތިބާގެ ދަތުރުގެ ނަވެއްކަމުގައި އީމާންކަން ހަދާށެވެ. އަދި ތައްޔާރުވުމެއް ކަމުގައި ﷲ އަށް ވަކީލުކުރުން ހަދާށެވެ. ދަތުރުގެ ކޮއްތުކަމުގައި ތަޤްވާވެރިކަން ހަދާށެވެ. ތިބާ އެ ކަނޑުން ސަލާމަތްވެއްޖެނަމަ އެއީ ﷲ ގެ ރަޙްމަތްފުޅެކެވެ. އަދި ހަލާކުވެ ހިނގައްޖެނަމަ އެއީ ތިބާގެ ފާފައިގެ ނަތީޖާއެވެ.“ ނިކަން މި އަގުހުރި ނަޞޭޙަތްޕުޅު ވެސް ވިދާޅުވެލައްވާށެވެ. ”ދަރިފުޅާއެވެ! ދޮގުހެދުމުން ދުރުހެލިވާށެވެ. ފަހެ، ދޮގު ތިބާގެ ދީން ހަލާކު ކުރެއެވެ. އަދި ތިބާގެ އަދި ތިބާގެ މުރުއްވަތްތެރިކަން ކުޑަ ކުރެއެވެ. އަދި ދޮގުގެ ސަބަބުން ތިބާގެ ރީތިކަމާއި ލަދުވެތިކަން ގެއްލިގެން ދެއެވެ. މީހުން ތިބާގެ ވާހަކަ އަޑު އެހުމުން ދުރުވެގަނެއެވެ. އަދި ތިބާ ވާހަކައެއް ބުނެފިނަމަ ތެދެއް ނުކުރެއެވެ. މިހެންވެއްޖެނަމަ ތިބާގެ ދިރިއުޅުމުގައި އެއްވެސް ބާއްޖަވެރިކަމެއް ނެތެވެ. ލުޤުމާނުގެފާނު ވިދާޅުވިއެވެ. ”ތިބާ ނަމާދުގައިވާނަމަ ތިބާގެ ހިތަށް ރައްކާތެރިވާށެވެ. ތިބާ ކެއުމެއްގައިވާނަމަ ތިބާގެ ގޮހޮރަށް ރައްކާތެރިވާށެވެ. ތިބޭ އެހެން މީހެއްގެ ގޭގައިވާނަމަ ތިބާގެ ލޮލަށް ރައްކާތެރިވާށެވެ. ތިބާ މީސްތަކުންގެ ތެރޭގައިވާނަމަ ދުލަށް ރައްކާތެރިވާށެވެ. އަދި ތިބާ ދެ އެއްޗެއް ހަނދާންކުރާށެވެ. ދެ އެއްޗެއް ހަނދާންނައްތާލާށެވެ. ހަނދާންކުރަންވީ ދެ އެއްޗަކީ ﷲ އާއި މަރެވެ. ހަނދާން ނައްތާލަންވީ ދެ އެއްޗަކީ އަނެކާއަށް ތިބާ ކޮށްދޭ ހެޔޮކަމާއި ތިބާގެ ޙައްޤުގައި އަނެކާކުރާ ނުބައިކަމެވެ.“
ލުޤުމާނުގެފާނުގެ މި އަގުހުރި ޙިކުމަތަށް ވިސްނާލަމާތޯއެވެ. ”އޭ ދަރިފުޅާއެވެ! ތިބާގެ ފުރަތަމަ އެކުވެރިޔާ ދޫކޮށްނުލާށެވެ. އޭރުން ދެވަނަ އެކުވެރިޔާ ތިބާއާމެދު ހިތްހަމައެއް ނުޖެހޭނެއެވެ. އޭ ދަރިފުޅާއެވެ! އެއްހާސް މީހުންނާ އެކުވެރިވާށެވެ. އެއްހާސް މީހުން ވެސް މަދެވެ. އެކަކާވެސް ޢަދާވާތްތެރި ނުވާށެވެ. އެކަކު ވެސް ގިނައެވެ.“
ލުޤުމާނުގެފާނަކީ ފުރިހަމަ މުރައްބީއެކެވެ. ދަރީންތަރުބިއްޔަތު ކުރުމުގެ ރިވެތި ގޮތްތަކެއް ދައްކަވާފައިވެއެވެ. ލުޤުމާނު ސޫރަތުގެ އަންނަނިވި އާޔަތްތަކުގެ މާނަ ވިދާޅުވެލައްވާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ”އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! ﷲ އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) ﷲ އެ ޢަމަލެއް ގެންނަވާނެއެވެ. ހަމަކަށަވަރުން، ﷲ އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ގާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާއަށްޖެހޭ މުޞީބަތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ހާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ ހިމާރުގެ އަޑުކަން ކަށަވަރެވެ.“ (ސޫރަތު ލުޤުމާން: 13،16،17،18،19)
ޙިކުމަތްތެރިކަމަކީ ފުރާނައިގެ ކާނާއެކެވެ. ބަލި ނަފުސްތަކުގެ ފަރުވާއެކެވެ. ފެންބޮވައިގެންފައިވާ ހިތްތަކަށްވާ ބުއިމެކެވެ. ޙިކުމަތްތެރިއަކު ވިދާޅުވެފައިވެއެވެ. ”ކޮންމެ ކަންވާރަކުން ނިކުތަސް ޙިކުމަތްތެރި ބަހެއްގައިނަމަ ހިފާށެވެ.“ އެހެން މީހަކު ބުނެފައިވެއެވެ. ”ބުނާ މީހަކަށް ނުބަލާށެވެ. ބުނާ އެއްޗަކަށް ބަލާށެވެ.“ ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”މުސްލިމަކު އޭނާއަށް ޙިކުމަތްތެރި ބަހަކަށްވުރެ ރަނގަޅު ހަދިޔާއެއް ނުދެއެވެ. އޭގެ ސަބަބުން ﷲ އޭނާއަށް ތެދުމަގު އިތުރުކޮށް ދެއްވައެވެ. ނުވަތަ ނުބައި ގޮތްތައް ދުރުކޮށްދެއްވައެވެ.“ (ރަވާހުލް ބައިހަޤީ ވައް ދައިލަމީ) ޢާންމު އުޞޫލަކީ މިއީ ކަމަށް ވާއިރު އެބޭކަލެއްގެ ޙިކުމަތްތެރިކަމާ މެދު ކީރިތި ﷲ އާއި އެކަލާނގެ ރަސޫލާ ހެކިވެވަޑައިގެންވާ ބޭކަލެއްގެ ޙިކުމަތްތަކުގައި ހިފުމަކީ ދިރިއުޅުން ބާއްޖަވެރި ވާނޭ ކަމެއްކަން ޔަޤީނެވެ. އެކަމުގެ ސަބަބުން ތިމާއާ އަނެކުންގެ މެދުގައިވާ މުޢާމަލާތްތައް ރަނގަޅު ގޮތުގައި ހިންގުމުގެ މަގު ފަހިވެގެން ދާނެއެވެ. ތިމާއަށް އެހެންމީހުންގެ ލޯބި ލިބޭނެއެވެ. އެހެން މީހުންގެ އިތުބާރާއި ޔަޤީންކަން ލިބޭނެއެވެ. ލުޤުމާނުގެފާނު ވިދާޅުވެފައިވެއެވެ. ”އޭ ދަރިފުޅާއެވެ! ޙިކުމަތްތެރިކަމުގައި ހިފާށެވެ. އެކަން ތިބާ މާތް ކުރެއެވެ. ޙިކުމަތްތެރިކަމަށް ޤަދަރު ކުރާށެވެ. އެކަން ތިބާ ޢިއްޒަތްތެރި ކުރެއެވެ. ޙިކުމަތްތެރިކަމުގެ އަޚްލާޤުގެ ބޮލަކީ ﷲ ގެ ދީނެވެ.“
*******
މިއީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެއް