ނަޞޭޙަތާއި އިރުޝާދު
ލުޤުމާނުގެފާނަކީ ކޮން ދުވަސް ވަރެއްގައި އުޅުއްވި ބޭކަލެއްތަ؟

މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ”ހަމަކަށަވަރުން ތިމަން އިލާހު ލުޤުމާނުގެފާނަށް ޙިކުމަތް ދެއްވީމެވެ. އަދި ﷲ އަށް ޝުކުރުކުރުމަށް އެންގެވީމެވެ. އަދި ޝުކުރުކުރާމީހާ (ދަންނާށެވެ!) ފަހެ އެ މީހާ ޝުކުރު ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އަދި ކާފިރުވި މީހާ (ދަންނާށެވެ!) ހަމަކަށަވަރުން ﷲ އީ ފުދިވޮޑިގެންވާ، ހަމްދު ލިބިވޮޑިގެންވާ އިލާހެވެ. (ސޫރަތު ލުޤުމާން: 12)

ލުޤުމާނުގެފާނުގެ ނަންފުޅަކީ އަބަދުވެސް އިވެމުން އަޑުއަހަމުން އަންނަ ނަންފުޅެކެވެ. ޙިކުމަތާއި ބުއްދިވެރިކަމުގެ ވާހަކަ ދެކެވޭ ކޮންމެ މަޖިލިސަކާއި މައިޒާނެއްގައި ލުޤުމާނުގެފާނުގެ ނަންފުޅު ގަނެވޭނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އެހެންކަމުން ހުރިހާ ޒަމާނެއްގައި މީހުންގެ ގާތުގައި ”ލުޤުމާން“ މި ނަންފުޅަކީ އިޙްތިރާމް ލިބިގެންވާ ޝަޚްޞިއްޔަތެއްގެ ނަންފުޅެކެވެ. އަދި މުސްލިމުންގެ ހިތްތަކުގައި އެކަލޭގެފާނުގެ ނަންފުޅާ އެކު ޚާއްޞަ ޢަޤީދާވެރި ކަމެއްވެއެވެ. ކީރިތި ޤުރްއާނުގައި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތްޕުޅުތަކަށް ނިސްބަތްކުރައްވާ ”ސޫރަތުލުޤުމާނު“ ގެ ނަމުން ޚާއްޞަ ސޫރަތެއްވެއެވެ. މި އިން ވެސް އެކަލޭގެފާނުގެ ޙިކުމަތްތެރިކަމާއި ފަލްސަފާވެރިކަމުގެ މަތިވެރިކަން ހާމަވެގެންދެއެވެ.

ކޮންމެ އަކަސް ލުޤުމާނުގެފާނަކީ ދާއޫދު ޢަލައިހިއްސަލާމުގެ ޒަމާނުގައި އުޅުއްވި ޙިކުމަތްތެރި، ބުއްދިވެރި، ފަލްސަފާވެރި ބަސްތަކެއް ވިދާޅުވެފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ޙަބްޝީ އަޅެއްކަމަށް ބުނެވެއެވެ. އެފަހަރަކު ލުޤުމާނުގެފާނުގެ ސާހިބު މީހާ އެކަލޭގެފާނަށް ދެންނެވިއެވެ. މި ބަކަރި ކަތިލާފައި އޭގައިވާ އެންމެ ރަނގަޅު ދޭތި ގެންނާށެވެ. ލުޤުމާނުގެފާނު އޭގެ ދުލާއި ހިތް ގެންނެވިއެވެ. އަދި އެހެން ފަހަރަކު ސާހިބު މީހާ ދެންނެވިއެވެ. މި ބަކަރި ކަތިލާފައި އޭގައިވާ އެންމެ ނުބައި ދޭތި ގެންނާށެވެ. ލުޤުމާނުގެފާނު އޭގެ ދުލާއި ހިތް ގެންނެވިއެވެ. ސާހިބު މީހާ ދެންނެވިއެވެ. ތިމަން އެންމެ ރަނގަޅު ދޭތި ގެންނާށޭ ބުނީމާ ވެސް ތި ގެނައީ ދުލާއި ހިތެވެ. އަދި އެންމެ ނުބައި ދޭތި ގެންނާށޭ ބުނީމާ ވެސް ތި ގެންއީ ދުލާއި ހިތެވެ. ލުޤުމާނުގެފާނު ވިދާޅުވިއެވެ. ރަނގަޅު ވެއްޖެނަމަ އެއަށްވުރެ ރަނގަޅު ދެ އެއްޗެއް ނުވެއެވެ. އަދި ނުބައި ވެއްޖެނަމަ އެއަށްވުރެ ނުބައި ދެ އެއްޗެއް ވެސް ނުވެއެވެ.

ޢަމްރު ބުނު ޤައިސް ވިދާޅުވިއެވެ. މީސްތަކުންގެ މަޖިލިސެއްގައި ލުޤުމާނުގެފާނު އެބައިމީހުންނާ ވާހަކަފުޅު ދައްކަވަން އިންނަވަނިކޮށް މީހަކު އައިސް ދެންނެވިއެވެ. ތިބާއަކީ މިވެނިއެވެނި ތަނެއްގައި އަހަރެންނާއެކު ބަކަރި ހުއިހައްޕަން އުޅުނު މީހާ ނޫން ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ އޭނާއެވެ. އެމީހާ ބުންޏެވެ. ދެން ތިމަންނާ މިހާރު މި ދެކޭފަދަ މީހަކަށް ތިބާވީ ކިހިނެއް ހެއްޔެވެ؟ ލުޤުމާނުގެފާނު ވިދާޅުވިއެވެ. ބަހުގެ ތެދުކަމާއި ނުބެހޭ ކަންތަކާއި އަޅާނުލައި ހަނުހުރުމެވެ.

*******

މިއީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެއް

3
  1. ސަނިއްޔާ ޢަބްދުއްލާ

    ދީނީ ޢިލްމް މުއްސަނދިވުން
    އަދި މަޢްލޫމާތު މުއްސަނދިވުން