ނަޞޭޙަތާއި އިރުޝާދު
ލުޤުމާނުގެފާނަކީ ނަބީބޭކަލެއްތަ؟

ލުޤުމާނުގެފާނުގެ ޙިކުމަތްތެރިކަމާ ބެހޭގޮތުން ވާހަކަ ދައްކާއިރު އެކަލޭގެފާނުގެ ޝަޚްޞިއްޔަތަށާއި ޙަޔާތްޕުޅަށް ބަލާލަންޖެހެއެވެ. ލުޤުމާނުގެފާނަކީ ކޮން ދުވަސްވަރެއްގައި އުޅުއްވި ބޭކަލެއް ކަމާއި އެކަލޭގެފާނަކީ ﷲ ފޮނުއްވި ވަލީވެރި ބޭކަލެއްކަން ނުވަތަ ޙިކުމަތްތެރި ވަލީވެރި ބޭކަލެއްކަން ދެނެގަންނަން ޖެހެއެވެ.

ނަމަވެސް ތާރީޚި ގޮތުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ ޙަޤީޤަތާ ހަމައަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އޭގެ ސަބަބަކީ ކީރިތި ޤުރްއާނުގައި ވެސް އެކަލޭގެފާނުގެ އެއްވެސް ތަފްޞީލެއް ދެއްވާފައި ނުވުމެވެ. އަދި މާތް ނަބިއްޔާގެ ބަސްފުޅުތަކުގައި ވެސް ހަމައެކަނި އެކަލޭގެފާނުގެ ޛިކުރުކުރައްވާފައިވުމެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ’ދަރިފުޅާއެވެ! ޢިލްމުވެރިންގެ މަޖިލިސްތަކުގައި ބައިވެރިވާށެވެ. ޙިކުމަތްތެރިންގެ ބަސް އަޑުއަހާށެވެ. ފަހެ، ހަމަކަށަވަރުން ވާރޭގެ ސަބަބަން ބިމަށް ދިރުންދޭ ފަދައިން ޙިކުމަތުގެ ނޫރުން ހިތްތައް ދިރުއްވައެވެ.'“ (ރަވާހުއްޠަބަރާނީ)

ސަލަފުންގެ ގިނަ ޢިލްމުވެރިންގެ ރައުޔުގައި ލުޤުމާނުގެފާނަކީ ނަބީބޭކަލެއްނޫނެވެ. މާތް ﷲ ޙިކުމަތާއި ވިސްނުންތެރިކަން ދެއްވި ވަލީވެރި ބޭކަލެކެވެ. މިއީ އިބުނު ޢައްބާސް، ސަޢީދުބުނިލްމުސައްޔިބު، މުޖާހިދު ފަދަ ޢިލްމުވެރީންގެ ބަސްފުޅެވެ. އަލްއިމާމުއްނަވަވީ ވިދާޅުވާ ގޮތުގައި މިއީ ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުނު ޢުމްރުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޙަދީޘްކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ”ލުޤުމާނުގެފާނަކީ ނަބީބޭކަލެއް ނޫނެވެ. އެކަމަކު އެކަލޭގެފާނަކީ ގިނަގިނައިން ވިސްނަވާ ފިކުރުކުރެއްވި ﷲ ގެ އަޅެކެވެ. އޭނާ ﷲ ދެކެ ލޯބިވެ ވަޑައިގަތެވެ. އެހެންކަމުން މާތް ﷲ އޭނާދެކެ ލޯބިވެ، ވޮޑިގެންވެއެވެ. އަދި އޭނާއަށް ޙިކުމަތްތެރިކަން ދެއްވާ އިޙްސާންތެރިވެ ވޮޑިގެންނެވިއެވެ.“ (ތަފްސީރުލްޤުރުޠުބީ: 14/60)

*******

މިއީ ދަރުމަ މަޖައްލާއިން ނަގާފައިވާ ލިޔުމެއް

5