ދުވަސް
ގަޑިއިރު
މިނެޓު
ސިކުންތު
ނަޞޭޙަތާއި އިރުޝާދު
ފަތިސް ނަމާދަށް ހޭލަން އެދޭ މީހާ

ފަތިސްނަމާދުގެ ޖަމާޢަތުގެ މާތްކަމާއި ފަތިސް ނަމާދަށް ހޭލުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި (ޢުޒުރުވެރިންނޫން)ފިރިހެނުން ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި އަދާކުރުމަކީ ވާޖިބެކެވެ. ޢުޒުރުވެރިންނަކީ ބަލިމީހުންނާއި ދަތުރުވެރިންނެވެ. ފަތިސްނަމާދުގެ ޖަމާޢަތުގެ މާތްކަމާމެދު އެތައް ޙަދީޘެއް އައިސްފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
مَنْ صَلَّى الصُّبْحَ فَهُوَ فِي ذِمَّةِ اللهِ [رواه مسلم]
މާނައީ: ”ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގައެވެ.“
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ، وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ)) [رواه مسلم]
މާނައީ: “ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅި ރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ.”
ފަތިސްނަމާދުގެ އިހު ސުންނަތުގެ ދަރުމަޔާއި ޘަވާބު ބަޔާންކޮށްދެއްވައި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((رَكْعَتَا الْفَجْرِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا)) [رواه مسلم]
މާނައީ: ” ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. “
އިސްވެ މިދެންނެވި ޙަދީޘްތައް ގިނަގިނައިން ކިޔާނަމަ ނުވަތަ އަޑު އަހާނަމަ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޢަޒުމް ތާޒާވެގެންދާނެއެވެ. ނިދުމުގެ ކުރިން ވުޟޫކުރުމަކީ ފަތިސް ނަމާދަށް ހޭލުމަށް އެދޭ މީހާ އިސްކަންދޭންޖެހޭ ކަމެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ..)) [أخرجه البخاري]
މާނައީ: ”ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ.“
ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.
ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔުމަކީ ފަތިސްނަމާދަށް ހޭލުމަށް އެދޭ މީހާގެ އާދައަކަށް ހަދަން ޖެހެއެވެ. ހަމައެފަދައިން ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤް ދެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ.
ފަތިސް ނަމާދުގެ ޖަމާޢަތުގައި ކުރުން ފަދަ ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤު އަޅާއަށް ލިބުމުގެ އެންމެ މުހިއްމު އެއް ސަބަބަކީ ފާފަތަކުން ދުރުވުމެވެ.
އެއްފަހަރަކު މީހަކު އިމާމް އަލްހަސަނުލް ބަޞަރީއާއި ސުވާލުކުރިއެވެ.
”ތިމަންމެނަށް ރޭ އަޅުކަން ކުރަން ނުހޭލެވެނީ ކީއްވެތޯއެވެ؟ ޖަވާބުގައި އަލްހަސަނުލް ބަޞަރީ ވިދާޅުވިއެވެ.
قيدتكم ذنوبكم
މާނައީ: ” ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުން ހައްޔަރުކުރީއެވެ. “ (އެބަހީ: ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް ރޭ އަޅުކަންކުރުމުގެ ތައުފީޤް ނުލިބެނީއެވެ.)
ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްވުމަށް ދިމާވާނެ ހަމައެކަނި މަޤްބޫލު ދެ ޢުޛުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ނުހަނު ގާތްވެފައި ވަނިކޮށް ގަޞްދުގައި ނިދުމަކީ ފާފަވެރިވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލު ބައްޓަންކުރުން ވަރަށް މުހިއްމެވެ. ރަސޫލާ صلى الله عليه وسلم ސުންނަތަކީވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަވަސްކުރުމެވެ.
ފަތިސް ނަމާދު ޖަމާޢަތުގައި ކުރަން ބޭނުންނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދޭށެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
ﵟۘ وَتَعَاوَنُواْ عَلَى ٱلۡبِرِّ وَٱلتَّقۡوَىٰۖﵞ ﵝالمَائـِدَة : ﵒﵜ
މާނައީ: ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top