ނަޞޭޙަތާއި އިރުޝާދު
ސުންނަތް އަޅުކަމުގެ މުހިއްމުކަން!

بسم الله، الحمد لله والصلاة والسلام على من لا نبي بعده، أما بعد:

އިމާމު އައްޝާޠުބީ رحمه الله ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ” މަންދޫބު (މުސްތަޙައްބު) އަޅުކަންތަކަކީ ވާޖިބު އަޅުކަންތަކަށް އެހީތެރިވެދޭ އެއްޗެކެވެ.”

އަޅުގަނޑުމެންނަށް ބައެއް ފަހަރު ބައެއް ސުންނަތް އަޅުކަންތަކަށް ސަމާލުކަން ނުދެވޭ ފަހަރުފަހަރު އާދެއެވެ. އެގޭތެރެއިން މިސާލަކަށް، ނަމާދުގެ ރަވާތިބު ސުންނަތްތައް، ވިތުރި، ދަމު ނަމާދު، ޞަދަޤާތް، ޢަރަފާތް ދުވަހު ރޯދަ، ޢާޝޫރާ ރޯދަ، ހޯމަ ބުރާސްފަތި ސުންނަތް ރޯދަ، އައްޔާމުލް ބީޟު ސުންނަތް ރޯދަ ފަދަ މުހިންމު ބައެއް ސުންނަތްތައްވެސް ހިމެނެއެވެ.

ހަމަކަށަވަރުން، މިފަދަ ސުންނަތް އަޅުކަންތަކަކީ އެކަމުގެ މަތިވެރިކަމާއި ޘަވާބާއި ދަރުމައާއި ބެހޭގޮތުން ގިނަ ގުނަ ޙަދީޘްފުޅުތައް ވާރިދުވެފައި ހުރި ސުންނަތްތަކެކެވެ. ނަމަވެސް، މި ލިޔުމުގައި ފާހަގަކޮށްލަން ބޭނުންވަނީ، ސުންނަތް އަޅުކަންތަކުގެ މަތިވެރިކަމާއި ޘަވާބުގެ ވާހަކަ އެއްފަރާތުގައި ބޭއްވުމަށްފަހު، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވުމުގެ މުހިންމުކަމާއި އެކަމުގެ ބޭނުންތެރިކަމާ މެދުގައެވެ.

އެގޮތުން ސުންނަތް އަޅުކަމަކީ، ވާޖިބު އަޅުކަންތަކަށް ފަރުވާތެރިވެ އެ ވާޖިބެއް ފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީވެދޭ އެއްޗެކެވެ.

އެހެނީ، މީހަކު ރަވާތިބު ސުންނަތަށް ފަރުވާތެރިވާނަމަ، ބަންގީގެ އަޑު އިވުމާއިއެކު އޭނާ މިސްކިތަށް ދާނެއެވެ. އަދި، ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތް ކުރާނެއެވެ. ދެން އެއަށްފަހު އިހު ސުންނަތެއް އޮންނަ ނަމާދެއްނަމަ އެ ސުންނަތް ކުރާނެއެވެ. އެއަށްފަހު، ޤަމަތްދިނުމާ ހަމަޔަށް ޒިކުރުކުރުމުގައި ނުވަތަ ޤުރުއާން ކިޔެވުމުގައި އިންނާނެއެވެ. ޤަމަތް ދިނުމުން، ތަކްބީރަތުލް އިޙްރާމާއިއެކު ފަރުޟު ނަމާދު، ޖަމާޢަތުގައި އަދާކުރުމުގެ ތައުފީޤު ލިބިގެންދާނެއެވެ. އެހެންކަމުން، ނަމާދުގެ އިހު ސުންނަތަށް، ޙުރުމަތްތެރިކޮށް ހިތުމުގެ ސަބަބުން ފަރުޟު ނަމާދު އަޅުކަންވެސް އެންމެ ފުރިހަމަ ގޮތުގައި އަދާވީއެވެ.

ނަމަވެސް، ސުންނަތް ނަމާދަށް ފަރުވާކުޑަކޮށްފިނަމަ އެމީހެއްގެ ހާލު ހުންނާނެ ގޮތާމެދު ފިކުރުހިންގާލަމާތޯއެވެ. ބަންގި ގޮވީމަވެސް އޭނާ މިސްކިތަށް ނުގޮސް މަޑުކޮށްލަނީއެވެ. ޤަމަތް ދިނުމާ ކައިރިކޮށްފައި މިސްކިތަށް ދިއުމުގެ ޚިޔާލުގައެވެ. ޤަމަތް ދޭން ގާތްގަނޑަކަށް ފަނަރަ ނުވަތަ ވިހި މިނިޓު ހުރުމާއެކު އެހާ އަވަހަށް ދިޔުމުގެ ބޭނުމެއްވެސް ނެތްކަމަށް ދެކިގެންނެވެ. ނުވަތަ ކޮންމެވެސް ކަމެއްގައި މަޝްޣޫލުވެ އުޅޭތީއެވެ. ކޮމްޕިއުޓަރު ދޮށުގައި، ނުވަތަ ޓީވީ ކުރިމަތީގައި، ނުވަތަ ހޮޓަލެއްގެ ސައި މޭޒު ދޮށުގައި، ނުވަތަ ރައްޓެއްސަކާ ވާހަކަ ދައްކާލަން ހުރީތީއެވެ. ޤަމަތް ދޭން ފެށުމާއެކު އޭނާ ތެޅި ފޮޅެމުން މިސްކިތަކަށް ދާނެއެވެ. ވުޟޫ ކުރާ ބަޔަށްވަދެ އަވަސް އަވަހަށް ވުޟޫކޮށް ނިމިގެން، މިސްކިތަށް އަރާއިރު، ނަމާދުގެ ޖަމާޢަތުގެ ބައެއް ގެއްލޭނެއެވެ. އެއްކަލަ ސުންނަތް ނަމާދަށް ފަރުވާތެރި ކުޑަ ކުރުމުގެ ސަބަބުން ޖަމާޢަތުގެ ފުރިހަމަ ޘަވާބާއި ދަރުމައިން އޭނާ މަޙްރޫމުވީއެވެ. ތަކުބީރަތުލް އިޙްރާމުގެ މަތިވެރިކަމުގައި ބައިވެރި ނުވެވުނީއެވެ.

އިސްވެ އެ ދިޔައީ، ސުންނަތަށް ފަރުވާތެރިވާ މީހާއާ އެކަމަށް ފަރުވާކުޑަކުރާ މީހެއްގެ ހުރި ދުނިޔެވީ ތަފާތުގެ ވާހަކަ ކޮޅެކެވެ. މިފަދަ ވަރަށް ގިނަ ފަރަޤުތަކެއް އެ ދެމީހުންގެ އަޅުކަންތަކުގައި ހުރުމަކީ ނުވެ ނުދާނެ ކަމެކެވެ. ދެން، އާޚިރަތުގައި ދެމީހުންގެ ޙާލު ހުރި ގޮތުގެ ވާހަކައަށް ބަލައިލަމާތޯއެވެ.

ޞައްޙަ ޙަދީޡްފުޅުތަކުން އެނގޭ ގޮތުގައި، އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ ބެހޭ ގޮތުންނެވެ. ފަރުޟު ފަސް ނަމާދެވެ. އެ ފަރުޟު ފަސް ނަމާދުގައި އުނި ކަމެއްވާނަމަ، ސުންނަތް ނަމާދުތަކުން އެ އުނިވި ބައި ފުރިހަމަ ކުރެވޭނެއެވެ. ހަމައެފަދައިން ރޯދަވެސް މެއެވެ. ފަރުޟު ރޯދާއިގެ އުނި ކަމެއްވާނަމަ ސުންނަތް ރޯދައިން ފުރިހަމަ ކުރެވޭނެއެވެ. އެހެންކަމުން، އެއްކަލަ ދުނިޔެ މަތީގައި ސުންނަތް ނަމާދާއި، ޞަދަޤާތާއި، ސުންނަތް ރޯދައާއި އެހެނިހެންވެސް ސުންނަތް އަޅުކަންތައް ކޮށް އުޅުނު މީހާގެ ފަރުޟުތައް ފުރިހަމަ ކުރެވިގެން ދާނެއެވެ. ނަމަވެސް، އެއްކަލަ ފަރުވާކުޑަކުރި މީހާގެ ފަރުޟުތަކުގައި ހުރި އުނިކަން ފޫ ބައްދާނެ ސުންނަތް އަޅުކަންތަކެއް އޭނާގެ އެކައުންޓަކު ނުހުންނާނެއެވެ.

އެހެންކަމުން، އިމާމު އައްޝާޠުބީ ރަޙިމަހުﷲ، ވިދާޅުވެފައިވާ ފަދައިން، ސުންނަތް އަޅުކަންތަކަކީ، ވާޖިބު އަޅުކަންތަކުގެ ޚާދިމެވެ. ދުނިޔެމަތީގައިވެސް އަދި އާޚިރަތުގައިވެސް ފަރުޟު އަޅުކަންތަކަށް، ސުންނަތް އަޅުކަންތަކުގެ އެހީއާއި މަދަދަށް ވަނީ ވަރަށް ބޮޑަށް މުޙުތާޖުވެފައެވެ. އުނިކަމެއް ވާނަމަ، އެކަމެއް ފިލުވައި ދޭނެއެވެ. އަދި ހަމައެއާއެކު، ސުންނަތް އަޅުކަމަކީ، އޭގެ ޒާތުގައި، މާތް ﷲ ރުއްސަވާ އެތަކެއް ޘަވާބާއި ދަރުމައެއް ލިބިގެންދާނެ، ޒަރީޔާއެއްވެސް މެއެވެ.

އެހެންކަމުން، ސުންނަތަކީ، އަގު ނުކުރެވޭފަދަ ބޮޑު ނިޢުމަތެކެވެ. އެއާމެދު އޯގާވަންތަ ﷲ އަށް ޙަމްދުކުރަން ޖެހޭފަދަ މަތިވެރި ހަދިޔާއެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، ސުންނަތްތަކަށް ފަރުވާތެރިވުމުގެ ތައުފީޤު، އަޅަމެން އެންމެންނަށް، މާތް ﷲ މިންވަރު ކޮށްދެއްވުމެވެ. އަދި ޚާއްޞަކޮށް، ފަރުޟުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން!

سبحانك اللهم وبحمدك لا إله إلا إنت نستغفرك ونتوب إليك.

0