ނަޞޭޙަތާއި އިރުޝާދު
ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފި ނަމަ..

އަބޫ ހުރައިރާ رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

{إِذَا أحَبَّ اللَّهُ العَبْدَ نَادَى جِبْرِيلَ: إنَّ اللَّهَ يُحِبُّ فُلَانًا فأحْبِبْهُ، فيُحِبُّهُ جِبْرِيلُ،}

”ﷲ ތަޢާލާ އަޅަކު ދެކެ ލޯބިވެވޮޑިގެންފި ނަމަ، ޖިބްރީލް عَلَيْهِ السَّلَامُ އަށް ނިދާ އިއްވަވާނެ އެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ފަހެކަލޭގެފާނުވެސް އެމީހަކު ދެކެ ލޯބިވެވަޑައިގަންނަވާށެވެ. ދެން ޖިބްރީލް عَلَيْهِ السَّلَامُ ވެސް އެމީހަކު ދެކެ ލޯބިވެވަޑައިގަންނަވާނެ އެވެ.“

{فيُنَادِي جِبْرِيلُ في أهْلِ السَّمَاءِ: إنَّ اللَّهَ يُحِبُّ فُلَانًا فأحِبُّوهُ، فيُحِبُّهُ أهْلُ السَّمَاءِ،}

”ދެން އުޑުގެ އަހުލުންނަށް ޖިބްރީލް عَلَيْهِ السَّلَامُ ނިދާ އިއްވަވާނެ އެވެ. ހަމަކަށަވަރުން ﷲ ތަޢާލާ މިވެނި މީހަކު ދެކެ ލޯބިވެވޮޑިގެންފިއެވެ. ފަހެ ތިޔަބޭކަލުންވެސްއެމީހަކު ދެކެ ލޯބިވެވަޑައިގަންނަވާށެވެ. ދެން އުޑުގެ އަހުލުންވެސް އެމީހަކު ދެކެ ލޯބިވެވަޑައިގަންނަވާނެއެވެ.“

{ثُمَّ يُوضَعُ له القَبُولُ في الأرْضِ}

”އެއަށްފަހު އެމީހަކަށް ބިމުގައި (މީސްތަކުންގެ) ލޯތްބާއި ބަލައިގަތުން ލައްވަވާނެ އެވެ.“

صحيح البخاري 6040,7485

މި ޙަދީޘުން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލު ވުމަކީ ކިހާ މަތިވެރިވެގެންވާ ކަމެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުވެއްޖެނަމަ ވަޙީގެ މަލާއިކަތާ ޖިބްރީލް عَلَيْهِ السَّلَامُ ގެ ލޯތްބާއި އުޑުގެ އަހުލުންގެ (މަލާއިކަތުންގެ) ލޯތްބާއި އަދި ބިންމަތީގައި މީސްތަކުންގެ ލޯބިވެސް ލިބިގެން ދާނެއެވެ.

ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންވާ ބައެއް ކަމުގައި ލެއްވުމެވެ! آمين.

7