ނަޞޭޙަތާއި އިރުޝާދު
ޤުރުއާނުގައިވާ 10 ވަޞިއްޔަތެއް

الحمد لله.

ކީރިތި ޤުރުއާނުގައި ”ވަޞިއްޔަތުގެ އާޔަތްތައް“ މިފަދައިން ނަންދެވިފައިވާ އާޔަތްތަކެއް ވެއެވެ. ބައެއް ޢިލްމުވެރިން މިފަދައިން ނަން ދެއްވާފައި ވަނީ މި އާޔަތް ތަކުގައި ﷲ ތަޢާލާގެ ޙަޟްރަތުން މީސްތަކުންނަށް ވާ 10 ވަޞިއްޔަތެއް އެކުލެވިގެން ވާތީއެވެ.

މި 10 ވަޞިއްޔަތް އެކުލެވިގެންވާ އާޔަތްތައް ތިރީގައި މިވަނީއެވެ. އެއީ سورة الأنعام ގެ 151 ވަނަ އާޔަތުން 153 ވަނަ އާޔަތުގެ ނިޔަލަށެވެ.

قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَمِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ

މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް ޙަރާމް ކުރެއްވި ކަންތައް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! އަދި ތިޔަބައިމީހުން މައިންބަފައިންނަށް އިޙްސާންތެރި ވާށެވެ. އަދި ފަޤީރުކަމަށް ބިރުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނަށާއި އަދި އެ ދަރިންނަށް ރިޒުޤު ދެއްވަނީ ތިމަންއިލާހެވެ. އަދި ފާޙިޝް ކަންތައްތަކުގެ ތެރެއިން ފާޅުވެގެންވާ ކަންތަކާވެސް އަދި ފޮރުވިގެންވާ ކަންތަކާވެސް ތިޔަބައިމީހުން ކައިރި ނުވާށެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެފަދައިންނެވެ. އެއީ ތިޔަބައިމީހުން ވިސްނައި ފިކުރު ކުރުމަށްޓަކައެވެ.“

وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖ وَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِاللَّهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ

މާނައީ: ”އަދި ރަނގަޅު ގޮތުގައި މެނުވީ ތިޔަބައިމީހުން ޔަތީމުންގެ މުދަލާއި ގާތް ނުވާށެވެ. އެއީ އެކުދިން ބާލިޣުވެ ތަންދޮރު އެނގޭ ހިސާބަށް ދާންދެނެވެ. އަދި ތިޔަބައިމީހުން މިނެކިރުން ޢަދުލުވެރިކޮށް ފުރިހަމަ ކުރާށެވެ. އަދި އެއްވެސް ނަފްސަކަށް ކުޅަދާނެ ވެގެންވީ މިންވަރަކަށް މެނުވީ ތިމަންއިލާހު ތަކުލީފު ނުޖައްސަވަމެވެ. އަދި ގާތްތިމާގެ މީހަކާ މެދުގައި ތިޔަބައިމީހުން ބަހެއް ބުނާ ނަމަވެސް، ތިޔަބައިމީހުން  ޢަދުލުވެރި ވާށެވެ. އަދި ތިޔަބައިމީހުން ﷲ ގެ ޢަހުދުތައް ފުއްދާށެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެފަދައިންނެވެ. އެއީ ތިޔަބައިމީހުން ހަނދުމަ ކުރުމަށްޓަކައެވެ.“

وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ

މާނައީ: ”އަދި މި ބަޔާންވެ ދިޔައީ ތިމަންއިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ ތިޔަބައިމީހުން އެ މަގަށް ތަބަޢަ ވާށެވެ. އަދި ތިޔަބައިމީހުން އެހެނިހެން މަގުމަގަށް ތަބަޢަ ނުވާށެވެ. ފަހެ އޭރުން އެއިލާހުގެ މަގުން ތިޔަބައިމީހުން ވަކިވަކިވެ ބައިބައި ވެދާނެއެވެ. ﷲ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަނީ އެފަދައިންނެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.“

މި 10 ވަޞިއްޔަތަކީ:

  1. ﷲ އަށް ޝިރުކު ނުކުރުން.
  2. މައިންބަފައިންނަށް އިޙްސާންތެރިވުން.
  3. ދަރިން ނުމެރުން.
  4. ފާޙިޝް ކަންކަމަށް އަރައި ނުގަތުން.
  5. ޙައްޤަކާއި ނުލައި މީހުން ނުމެރުން.
  6. ޔަތީމުންގެ މުދަލައް ރައްކާތެރިވުން.
  7. މިނެކިރުމުގައި ޢަދުލުވެރި ވުން.
  8. ބަސް ބުނުމުގައި ޢަދުލުވެރި ވުން.
  9. ޢަހުދު ފުއްދުން.
  10. ﷲ ތަޢާލާގެ މި ސީދާވެގެންވާ ތެދު މަގަށް ތަބަޢަ ވުން.

އަޅުގަނޑުމެން އެންމެންނަކީވެސް ﷲ ތަޢާލާގެ މި ސީދާވެގެންވާ ތެދުމަގަށް ތަބަޢަވާ ބައެއްކަމުގައި ލައްވާށި!

5