މިއީ މުސްލިމު ފިރިހެނަކަށް ދިމާވި ޙާދިޘާއެކެވެ. އޭނާގެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި އަހަރެން ބަރަހަނާ ފިލުމު ބަލަން ފެށީމެވެ. އަހަންނަށް އެކަން ތަޢާރަފު ކޮށްދިނީ އަހަރެންގެ ޢާއިލާގެ މީހެކެވެ. އަހަރެންގެ އުމުރުން 12 އަހަރުގައި ފުރަތަމަ ފަހަރަށް އޭނާ އަހަންނަށް ބަރަހަނާ ފިލުމެއް ދެއްކިއެވެ. އޭގެފަހުން އޭނާގެ ކޮޓަރިން ވަގަށް، ބަރަހަނާ ފިލުމު ނަގައިގެން އަހަރެން އެ އެއްޗެހި ބަލަމުން ދިޔައީމެވެ. 5 އަހަރުގެ ތެރޭގައި ބަރަހަނާ ފިލުމު ބެލުމުގެ ނުބައި އާދަ (ދެވިހިފުން) އަހަރެންގެ ހިތުގެ ތެރޭގައި ނުހަނު ގަދައަށް ހިފާލިއެވެ. އަދި ފިލުމު ވިއްކާ މީހެއްގެ ކައިރިއަށް ގޮސް އަހަރެންގެ ނަން އެ ތާނގައި ރެޖިސްޓަރ ކުރީމެވެ. އެއީ އެންމެ ފަހުގެ ބަރަހަނާ ފިލުމުތައް މާކެޓަށް ގެންނަ މީހެކެވެ. މިގޮތަށް އޭގެ ފިލުމު ގަންނަން އަހަރެން ދާފަހަރެއްގައި 12 ޑީވީޑި ވަރު އަހަރެން ގަންނަމެވެ. އަދި އަހަރެން އެ ފިލުމުތައް ހެނދުނުން ފެށިގެން ގޮސް ރޭގަނޑު ވަންދެން ބަލަމެވެ.
އުމުރުން ގާތް ގަނޑަކަށް 18 އަހަރުގައި އަހަރެން އަމިއްލައަށް ޖިންސީ އެދުން ފުއްދަން ފެށީމެވެ. އަދި ނުރަނގަޅު އަންހެނުންނާ އަހަންނާ ދެމެދު ގާތްކަން ބޭއްވެން ފެށުނެވެ. އުމުރުން 20 އަހަރުގައި ހަށިވިއްކާ އަންހެނަކާ އެކު އަހަރެން ފުރަތަމަ ފަހަރަށް ޒިނޭ ކުރީމެވެ. ނަސީބު ދެރަކަމުން އެ ފަހަރު އަހަރެންގެ ޖިންސީ ގުނަވަނަށް އެސް.ޓީ.ޑީ ޖެހުނެވެ. (މިއީ ޒިނޭގެ ސަބަބުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.) އަދި މި ބަލީގެ ސަބަބުން އަހަރެން ވަރަށް ގިނަ ދުވަސް ވަންދެން އެކަހެރި ކުރެވިފައި ބެހެއްޓުނެވެ. މި ބަލީގެ ސަބަބުން ގާތް ގަނޑަކަށް އަހަރެންގެ ޖިންސީ ގުނަވަން އެއްކޮށް ހަލާކުވުމާ ގާތްވިއެވެ.
ބަލިން ރަނގަޅުވުމާ އެކު އަނެއްކާ ވެސް ބަރަހަނާ ފިލުމުތައް ބަލަން ފެއްޓީމެވެ. ނަމަވެސް މަޑުމަޑުން އަންނިވި ކަންކަން އަހަންނަށް ކުރިމަތި ވަމުން ދިޔައެވެ.
– އަހަރެންގެ ލޮލުގެ ފެނުމުގެ ބާރު ދައްވާން ފެއްޓިއެވެ. އަދި ވަރަށް ގިނައިން ލޮލުން ފެން ފައިބަމުން ދިޔައެވެ. އުމުރުން 22 އަހަރުގައި އައިނު އަޅަން ޖެހުނެވެ.
ކުރިން އަހަންނަކީ ކީރިތި ޤުރްއާން ހިތުދަސް ކުރަމުން އައި މީހަކީމެވެ. ކީރިތި ޤުރްއާނުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިތުދަސް ވެސް ކުރީމެވެ. ނަމަވެސް އަހަންނަށް ނޭނގި ހުއްޓާ އަހަރެންގެ ހިތުން އެއްކޮށް އެ ދަސްކުރި ބައި ހަނދާން ނެތިގެން ދިޔައެވެ.
– އަހަރެންގެ ހިތުދަސް ކުރުމުގެ ބާރު ދަށްވާން ފެއްޓިއެވެ. ކުރިން އަހަންނަކީ ކުލާހުގައި ތޫނިފިލި ކުއްޖެކެވެ. ނަމަވެސް އަހަންނަކީ ވިސްނުންކޮށި ކުއްޖަކަށް ބަދަލުވެގެން ދިޔައެވެ. އަހަރެންގެ ވިސްނުން ވެސް ތާކުން ތާކު ނުޖެހޭ މޮޔަ ވިސްނުމަކަށް ބަދަލު ވެގެންދިޔައެވެ.
– އުމުރުން 30 އަހަރުގައި އަހަރެން ކައިވެނި ކުރީމެވެ. ކައިވެނީގެ ފަހުން ވެސް އަހަރެން އެ ފިލުމުތައް ބަލާ އަމިއްލައަށް ޖިންސީ އެދުން ފުއްދަމެވެ. މަޑުމަޑުން އަހަރެންގެ ފިރިހެން ވަންތަކަން ވެސް ގެއްލެމުން ދިޔައެވެ. އަދި އަހަރެންގެ ޖިންސީ ބާރު 2 މިނެޓަށް ވެސް ނުހިފަހަށްޓައެވެ.
– އަހަރެންގެ އީމާންތެރިކަން މުޅިން ބަލިކަށިވެގެން ދިޔައެވެ. މާތް ﷲ އަށް އެއްވެސް ވަރަކަށް ބިރުވެތިއެއް ނުވެވެއެވެ. ނަމާދުތައް ވެސް އަޅަމުން ދިޔައީމެވެ. ފާފައަކީ ވަރަށް އާދައިގެ ކަމަކަށް ގެންދިޔައެވެ.
– ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބުނެ އެންމެ ފަހުން އަހަރެންގެ އަނބިމީހާ ވެސް އަހަރެން ދޫކޮށްލާފާ ދިޔައީއެވެ. އެއީ ތެދެއް ވެސް މެއެވެ.
– އޭގެ ފަހުން ވެސް އަހަރެން ހަމަ އެ ފިލުމުތަކަށް ދެވިހިފައިފައިވާ ދެވިހިފުމަކަށް ބަދަލެއް ނާދެއެވެ. ވަރަށް ވަރަށް ގިނައިން އަހަރެން ތައުބާ ވެސް ވީމެވެ. ނަމަވެސް މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ބަރަހަނާ ފިލުމުތަކަށް ދެވިހިފައެވެ.
ތިޔަ އެންމެހައި މުސްލިމުންނަށް އަހަރެންގެ މި ވާހަކަ މި ހިއްސާ ކޮށްލީ އަހަރެން ފަދައިން ބަރަހަނާ ފިލުމުތަކުގެ ޝިކާރައަކަށް ތިޔަ އަޚުންނާއި އުޚްތުން ވުމަށް އަހަރެން ނޭދޭތީއެވެ. އަހަރެންގެ ހަޔާތުން ފާއިތުވެ ދިޔަ ކޮންމެ ސިކުންތަކަށް އަހަރެން ދެރަވެ ހިތާމަ ކުރަމެވެ. އަދި އަހަންނަށް އެ ބަރަހަނާ ފިލުމުތައް ތަޢާރަފު ކޮށްދިން މީހާއަށް އަހަރެން ދުވަހަކު ވެސް މާފެއް ނުކުރާނަމެވެ.
ތިބާ އަކީ ބަރަހަނާ ފިލުމު ބަލާ މީހެއް ކަމުގައި ވާނަމަ އަހަރެން އެދެނީ ތިބާ އެ ބެލުން ހުއްޓާލުމެވެ. އެހެން ނޫނީ އޭގެން ތިބާއަށް ދޭ ގެއްލުމުން އަރައެއް ނުގަނެވޭނެއެވެ. އަދި ތިބާ އަކީ ބަރަހަނާ ފިލުމުތައް ބަލާ މީހެއް ނޫން ކަމުގައި ވާނަމަ، އެ އެއްޗެހި ނުބަލާށެވެ! އެއީ މަސްތުވާ ތަކެއްޗަށް ވުރެން ވެސް ބޮޑަށް މީހާ ދެވިހިފާ އެއްޗެކެވެ. އެއީ އަހަރެން، މަސްތުވާ ތަކެއްޗާއި ސިނގިރޭޓު ފަސޭހަކަމާ އެކު ހުއްޓާ ލީމެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އަހަންނަށް ބަރަހަނާ ފިލުމުތައް ބެލުން ހުއްޓައެއް ނުލެވެއެވެ. ތިބާއަކީ މުސްލިމެއް ކަމުގައި ވާނަމަ، އަދި މާތް ﷲ ވޮޑިގެންވާކަމަށް އީމާންވާކަމުގައި ވާނަމަ އަހަރެން މި މިސީބާތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކޮށްދެއްވުން އަހަރެން ވަރަށް ބޮޑަށް އެދެމެވެ. ޔާ ﷲ މިއަޅާ އަކީ ރަނގަޅު މީހެއް ކަމުގައި ލައްވާނދޭވެ! ޔާ ﷲ މިއަޅާގެ ނަފްސު ޠާހިރު ކޮށްދެއްވާނދޭވެ!
މި ވާހަކަ ލިޔެ ނިމުނު އިރު ހުދު އަޅުގަނޑަށް ވެސް ރޮވުނެވެ. ޔާ ﷲ މިފަދަ ނުބައި ވަބާތަކުން އަޅަމެން އެންމެން ސަލާމަތްކޮށްދެއްވާނދޭވެ!
******
މިއީ ޤުރްއާނިކް ގައިޑެންސް ޗެނަލްއިން ނަކަލު ކޮށްފައިވާ ލިޔުމެއް