އިބުރަތްތެރި ވާހަކަ
ވާހަކަ: ދަހިވެތި ހަ ރަސްކަލުން

ބުނެވޭ ގޮތުގައި އެ ޒަމާނުގައި އުޅުން ޢަރަބިންނަކީ ވާހަދެއްކުންތެރިކަމާއި ހިތުދަސްކުރުމުގައި މޮޅު ބައެއް ކަމުގައި ވިޔަސް ކިޔުންތެރިކަމާއި ލިޔުންތެރިކަމަށް އެހާ އަހަންމިއްޔަތުކަން ދިން ބައެއް ނޫނެވެ. އެހެންކަމުން މި ރަސްކަލުންގެ ޒަމާނުގައި ޢަރަބި ބަހުން ލިޔެވިފައިވާ ލިޔުމެއް ފެއްނާކަށް ނެތެވެ. އެއީ މިދިޔަންގެ ދަހިވެތި ހަ ރަސްރަސްކަލުންގެ ޒަމާނެވެ. އަބޫޖައްދު، އެއީ އޭގެ ތެރެއިން އެންމެ ދުވަސްވީ ބޭފުޅާއެވެ. އޭނާގެ ނަން ތަރުޖަމާ ކުރެވެނީ ”ކާފަގެ ބައްޕަ“ މިގޮތަށެވެ. ދެން އައީ، ހައްވާޒް، ހުއްޠިޔާ އަދި ކަލްމޫނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ރަސްކަލަކީ ކަލްމޫނެވެ. އެނާ އޭނާގެ ދައްތަ ގޮވައިގެން ބާޒާރަށް ގޮސް ހަދައެވެ. އަދި ހުރިހާ މީސްތަކުން އޭނާ ވަށައިގެން އެއްވެއެވެ. “އޭ ބަލަ، އެހެރަދަނީ ދަނީ ކަލްމޫން” އޭ ގޮވައި ހަދައެވެ. ކޮންމެވެސް ވަރެއްގެ ޞަދަޤާތެއް ދޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު، ދުވަހަކުވެސް އޭނާ ޞަދަޤާތެއް ނުކުރެއެވެ. އެ އެންމެންނަކީވެސް ވަރަށް ދަހި ބަޚީލު ރަސްކަލުންތަކެކެވެ.

އަނެއް ދެ ރަސްރަސްކަލުންނަކީ ސަޢްފަޞް އާއި ޤުރިޝަތުއެވެ.އެ ދެ ރަސްކުލަންނަކީ އަބޫޖައްދުގެ ދަރިކޮޅުގެ މީހުން ކަމަށް ބުނެވިފައި ވެއެވެ. – ފަހަރެއްގައި ދަރިން ނުވަތަ ކޮއްކޮގެ ދަރިން ކަމަށް ވެދާނެއެވެ. މި ހަ ރަސްކަލުން އަމިއްލަ ނަފްސާމެދު މެނުވީ ނުވިސްނައެވެ. ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް މިބައިމީހުން ނުކޮށްދެއެވެ.

ދެން، އެމީހުންގެ ބިމުގައި ފެން މަދުވެގެން ދިޔައެވެ. ފެން ވަރަށް މަދުވިއެވެ. އަދި ބާކީ ހުރި ފެނުގެ ބޮޑުބައެއް ރަސްރަސްކަލުން ބޭނުންކުރުމަށް ގަނޑުވަރުތަކަށް ވައްދައި ފޮރުވިއެވެ. މޫސުން ވަރަށް ހޫނުވެ ހިކިފަސްވުމުން ރައްޔިތުންނަށް ދިރިހުރުމަށް ދަތިވެގެން ދިޔައެވެ.

މި ގޮތުގައި ދުވަސްތަށް ދަމުންގޮސް ރަށުތެރެއިން ހުރިހާ ފެނެއް ހިކި ބާކީ ހުރި ހަމައެކަނި ފެންފޮދުވެސް ރަސްރަސްކަލުންނަށް ބޭނުންކުރުމަށް އަތުލިއެވެ. ރައްޔިތުން މާޔޫސްވެ، އެކަމަށް ހައްލެއް ހޯދުމަށް ރަސްރަސްކަލުންގެ ގާތަށް ދާން ނިންމިއެވެ. އެގޮތުން، މީސްތަކުން ގަނޑުވަރުތަކުގެ ބޭރަށް އެއްވެ، އެމީހުންގެ ރަސްރަސްކަލުންނަށް އާދޭސްކުރިއެވެ. ގަނޑުވަރުގައި ފޮރުވާފައިވާ ފެނުން ބައެއް އެމީހުންނާ ހިއްސާކުރުމަށެވެ. ރަސްރަސްކަލުން ރައްޔިތުންނާމެދު އަޅައެއް ނުލިއެވެ. ދިނީ ބީރު ކަންފަތެކެވެ. ރައްޔިތުންގެ ތެރެއިން ބައެއް މީހުން އަޑުގަދަކޮށް ހަދަން ފެށުމުން، އެ ސަރަހައްދު ދޫކޮށް ނުގޮސްފިނަމަ ސިފައިން ލައްވައި އަނިޔާކޮށްގެންވެސް ފޮނުވާލާނަމޭ ބުނެ އިންޒާރު ދިނެވެ. މާޔޫސްކަން އިހުސާސް ކުރެވި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެތަން ދޫކޮށް ދާން ފެށިތަނާހެން، އުޑުމަތިން ވިއްސާރަ ބޯ ވިލާގަނޑެއް ފެންނާން ފެށިއެވެ. ވާރޭގެ މި ނިޝާން ފެނުމުން ރައްޔިތުންނަށް އުފާވެރިކަން ލިބިގެން ދިޔައެވެ. އަދި ރަސްރަސްކަލުންނަށްވެސް މި ވިއްސާރަ ވިލާގަނޑު ފާހަގަ ކުރެވުނެވެ.

ރަސްރަސްކަލުން އެމީހުންގެ ލަފާދޭ މީހުންނާއި ސިފައިންނާއެކު ބޭރަށް ނުކުމެ، ރައްޔިތުންނަށް އެންގީ އެ ރަށުގައި މީސްތަކުން ޖަމާވުމަށް ހެދިފައިވާ ވަކި ދިމާލެއްގައި މަޑުކުރުމަށެވެ. ވާރޭ ވެހެން ފެށުމުން ރަސްރަސްކަލުންނަށް ފުރަތަމަ ފެން ލިބޭނޭ ގޮތް ހެދުމަށެވެ. އެމީހުން އެންގީ ފުރަތަމަ އޭގެ ފެން ނަގާނީ ރަސްރަސްކަލުންނަށް ކަމަށާއި އެއަށްފަހު ދެން ރައްޔިތުންނަށް ފެން ނެގުމަށް ފުރުސަތު ދޭނެކަމަށެވެ. އެހެންކަމުން އެމީހުން އެންގި ތަނުގައި މަޑުކުރުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. އަދި ރަސްރަސްކަލުން ގަނޑުވަރު ދޮށަށް ވާރޭވެހޭ ދިމާއަށް ނުކުތް މަންޒަރު ބަލަން ރައްޔިތުން ތިއްބެވެ.

ވާރޭ އޮއްސާލާނޭ ކަމަށް ރަސްރަސްކަލުންނާ އެމީހުންގެ ގާތް މީހުން ތިބީ ވަރަށް އުފަލުންނެވެ. ނަމަވެސް، ކުއްލިއަކަށް ވިލާތަކުގެ ކުލަ ބަދަލުވެގެން ދިޔައެވެ. ރަތްކުލައާއި އަޅިކުލައަށް ބަދަލުވެ، ގުގުރިޖަހައި ހޮނު އަޅާންފެށިއެވެ. އެމީހުންގެ މޫނުމަތިން ބިރުވެރިކަމާއި ހައިރާންކަން ފެނިގެން ދިޔައެވެ.ބުނެވޭ ގޮތުގައި އެ ތޫފާނުގައި އެމީހުން ހަލާކުވެގެން ދިޔައީއެވެ.

ޢަރަބި އަކުރުގެ އަސްލު

މި ވާހަކަ މީސްތަކުންގެ ތެރޭގައި ފެތުރިގެންދިޔައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ތަޢުލީމީ ގޮތުން ކިޔަވައިގެން ތިބި މީހުން ކަމުން މި ވާހަކަތައް ލިޔުމަށް ލަފާ ދެވުނެވެ. ޢަރަބި ބަހުން ލިޔެވިފައިވާ އެއްވެސް ފަތްފުއްތަކެއް ފެއްނާން ނެތުމުން އެމީހުން ނިންމީ މި ވާހަކަ ލިޔުމުން އެކުލަވައިލުމަށެވެ. އެމީހުންނަށް ފާހަގަ ކުރެވުނީ، މި ރަސްރަސްކަލުންގެ ނަންތަކުގައި މަދު އަޑުތަކެއް ފިޔަވައި، ޢަރަބި ބަހުގައި ބޭނުންކުރެވޭ ގިނަ އަޑުތައް ހިމެނޭކަމެވެ. މި ސަބަބާހުރެ، އަޑުތައް ފުރިހަމަ ކުރުމަށްޓަކައި އިތުރު ދެ ނަމެއް ތަޢާރަފް ކުރިއެވެ.  އެއީ ޘަޚިޛް އާއި ޟަޡިޣްއެވެ. (މި ދެ ނަމަށް ކިޔަނީ ރަވާދީފް) އެވެ.

މި ވާހަކައަކީ ހަޤީޤީ ވާހަކައެއް ކަމަށް ސާބިތުކުރެވޭނެ މާބޮޑެތި ހެކިތަކެއް ނެތެވެ. އެހެންނަމަވެސް، ޢަރަބި ބަސް ދަސްކޮށްދިނުމުގައި މިއީ ބޭނުންކުރެވޭ ވާހަކައެކެވެ. އަދި އަކުރުތަކުގެ ތެރެއިން ވައްތަރު އަކުރުތައް ކައިރިކައިރިއަށް ގެނެސް ތަރުތީބު ކުރެވިފައިވާ، އަޅުގަނޑުމެންނަށް މަޝްހޫރު (أ ب ت ث) ތަރުތީބުގެ ކުރީން ބޭނުން ކުރެވެމުން އައީ ޢަރަބި ބަހުގައި މި ތަރުތީބެވެ. އެއީ أب ج د ه و ز ح ط ي ك ل م ن س ع ف ص ق ر ش ت ث خ ذ ض ظ غ މިއެވެ.

***********************************

5
  1. eveylguiednency🌷

    v reethi