ނަޞޭޙަތާއި އިރުޝާދު
ޤުބާ މިސްކިތުގެ މާތްކަން

ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ދަތުރުފުޅުގައި ބަނޫ ޢަމްރު ބުން ޢައުފު ޤަބީލާގެ މީހުން ދިރިއުޅެމުންދިޔަ ޤުބާ އަވަށުގައި ސާދަރޭ މަޑުކުރެއްވިއެވެ. މި މުއްދަތުގައި އެކަލޭގެފާނު ޤުބާ އަވަށުގައި މިސްކިތެއް ބިނާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މަދީނާގެ ރަށްބޭރުގައި އޮތް ޤުބާ އަވަށުގެ އަހުލުވެރިންނަކީ ސާފުތާހިރުކަމަށް ލޯބިކުރި ބައެކެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ.

لَّمَسْجِدٌ أُسِّسَ عَلَى التَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا ۚ وَاللَّهُ يُحِبُّ الْمُطَّهِّرِينَ 

މާނައީ: “ހަމަކަށަވަރުން، ފުރަތަމަ ދުވަހުއްސުރެން ތަޤްވާގެ މައްޗަށް ބިންގާ އެޅުއްވި މިސްކިތެއްގައި (އެބަހީ: ޤުބާ މިސްކިތުގައި) ކަލޭގެފާނު ޤާއިމުވެ ހުންނެވުން މާ ހައްޤުކަން ބޮޑެވެ. ޠާހިރުވެގަތުމަށް ލޯބިކުރާ މީހުންތަކެއް އެ މިސްކިތުގައި ވެއެވެ. ޠާހިރުވެގަންނަ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”

މަސްޖިދު ޤުބާ އަކީ މަދީނާގެ މަތިވެރިކަމާއި ޝަރަފުވެރިކަމުގެ ރަމްޒެކެވެ.

ރަސޫލާ صلى الله عليه وسلم ގެ ޢަމަލުފުޅުތަކުންނާއި ޙަދީޘްފުޅުތަކުން ޤުބާ މިސްކިތުގެ މަތިވެރިކަން ހާމަވެއެވެ.

ޢަބްދުﷲ ބުނު ޢުމަރު ރިވަކުރައްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ކޮންމެ ހޮނިހިރި ދުވަހެއްގައި ހިންގަވާފައި ނުވަތަ ސަވާރީގައި ޤުބާ މިސްކިތަށް ވަޑާއިގަންނަވައެވެ. އަދި އެ މިސްކިތުގައި ދެ ރަކްޢަތް ނަމާދެއް ކުރައްވައެވެ. މިއީ ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެކެވެ،

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. من تطهر في بيته، ثم أتى مسجد قباء فصلى فيه صلاة كان له كأجر عمرة (رواه ابن ماجه)

މާނައީ: :”ގެއިން ޠާހިރުވެ (ވުޟޫކޮށްގެން) ޤުބާ މިސްކިތަށް ގޮސް ނަމާދެއްކޮށްފި މީހަކަށް ޢުމްރާއެއްގެ ދަރުމަ ވެއެވެ.”

މި ހަދީޘްގައި އެވާ فصلى فيه صلاة މި ބަސްފުޅުގައި ފަރުޟު ނަމާދާއި ސުންނަތް ނަމާދު ހިމެނިގެން ވެއެވެ.

ރަސޫލާ صلى الله عليه وسلم ޤުބާ އަވަށަށް އަންނަ އަނެއް ބޭނުމަކީ ފާތިމަތުގެފާނާއި ޢަލީގެފާނަށް ޒިޔާރަތްކުރުމެވެ. އެ ދެމަފިރިކަނބަލުންގެ ގެއެއް ޤުބާ އަވަށުގައި ހުރިއެވެ

ރެފަރެންސް:

https://dhisalafiyyah.net/article/35621

1