ނަޞޭޙަތާއި އިރުޝާދު
މުއްސަނދިވާން ބޭނުންވި މީހެއްގެ ވާހަކަ

މިއީ ޢަރަބި ޤައުމެއްގެ މީހަކު ކިޔައިދިން ވާހަކައެކެވެ.

ތިމަންނަގެ އަވައްޓެރިއެއް ހުރެއެވެ. އޭނާއަކީ ވިޔަފާރި ކުރާ މީހެއް ކަމެއް ނޭނގެއެވެ. އަދި ވާރުތައިން މުދާ ތަކެއް ލިބިފައިވާ މީހެއްކަމެއް ވެސް ނޭނގެއެވެ. އަދި ދިރިއުޅުމަށް ލާރި ހޯދުމަށްޓަކައި މަސައްކަތް ކުރާ މީހެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ އަތުގައި މުދާ ވަރަށް ގިނައެވެ.

އެއްފަހަރެއްގައި ތިމަންނާ އޭނާކުރެން އެހީމެވެ. ތިމަންނައަކީ ކަލޭގެ އަވައްޓެރިއެކެވެ. އަދި އަހަރެމެން އަވައްޓެރިންގެ ގޮތުގައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެސް ވެއްޖެއެވެ. ތިމަންނައަށް ކަލޭގެ އަތުގައި ބައިވަރު މުދާ ވާތަން އެބަފެނެއެވެ. ނަމަވެސް ކަލެއަކީ ވިޔަފާރިއެއް ވެސް އަދި މުދާ ހޯދުމަށް މަސައްކަތެއް ވެސް ކުރާމީހެއް ނޫނެވެ. އެހެންވެ، ތިމަން ބޭނުންވަނީ ކަލޭ ފަދައިން މުއްސަނދި މީހަކަށް ވެވޭނެ ގޮތެއް ކަލޭ ތިމަންނައަށް ކިޔައިދިނުމެވެ.

 

އަވައްޓެރިޔާ: އަހަރެން ކަލެއަށް މުއްސަނދި ވާނެ ގޮތެއް ކިޔައިދީފާނަން. އެކަމަކު އަހަރެން ކަލޭ ގާތުގައި ބުނާ ކޮންމެ ކަމެއް ކަލޭ ކުރަންޖެހޭނެ! އޭގެން އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެ! ހަމައެއް ވެސް ކަމެއް.

އަހަރެން: އާނނ. އެއްވެސް ކަމެއް ދޫ ނުކޮށްލާ ކަލޭ ބުނާ ހުރިހާ ކަމެއް ކޮށްފާނަން.

އަވައްޓެރިޔާ: ކޮންމެ ހާލެއްގައި ވެސް އެ ހުރިހާ ކަމެއް ކުރަން ޖެހޭނެ!

އަހަރެން: މައްސަލައެއް ނޯންނާނެ.

މުދަލަށް ޖެހިފައިވާ ލޯބީގެ ސަބަބުން އޭނާ ބުނި ބަހަށް އަހަރެން އިގުރާރު ވީމެވެ. ދެން އޭނާ އަހަންނަށް މުއްސަނދި ވާނެ ގޮތް ކިޔައިދެމުން ބުންޏެވެ.

އަވައްޓެރިޔާ: އިރު އޮއްސޭ ވަގުތު ކޯރުގެ އައްސޭރި ފަށަށް ދޭ! އިރު އޮއްސޭނީ ޝައިޠާނާގެ ދެ ދަޅައިގެ ދެމެދަށް. ދެން އިރު އޮއްސޭތަން ބަލަށް ހުރެ އަހަރެން މި ދޭ ނަން ތަކަކަށް ގޮވާލާ! މިގޮތަށް ގޮވާލުމުން ކޯރުން އެއްޗެއް ފާޅުވާނެ. ދެން ކަލެއާ އޭތި ވާހަކަ ދައްކާނެ. ކަލޭގެ ކިބައިން އެދޭ އެއްވެސް ކަމެއް ދޫނުކޮށް ކުރަންޖެހޭނެ! އެއީ ކޮންމެ ކަމަކަށް އެދުނު ކަމުގައި ވިޔަސް.

މުދަލަށް ކަރުހިއްކައިގެންފައިވާލެއް ބޮޑު ކަމުން އަހަރެން ދިޔައީމެވެ. އަދި އަވައްޓެރިޔާ ބުނި ނަމުން ގޮވާލުމުން އެއްޗެއް (ޖިންނިއެއް) ފާޅުވެއްޖެއެވެ.

ޖިންނި : (އެވެނި މީހާއެވެ!) ކަލޭގެ ގާތުގައި އަހަރެން މި ބުނާ ކަންތައްތައް ކުރޭ! އޭގެ ތެރެއިން އެއްވެސް ކަމެއް ދޫކޮށްގެން ނުވާނެ!

އަހަރެން: އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން.

އަހަރެންގެ ކިބައިން އޭތި އެންމެ ފުރަތަމަ ވެސް އެދުނު ކަމަކީ ނަމާދު ދޫކޮށްލުމެވެ. މާތް ﷲ ގެ ރަޙްމަތްޕުޅުން އަހަރެންނަކީ ކުޑަ އިރުއްސުރެ ނަމާދަށް ފަރުވާތެރިކަން ބަހައްޓާ މީހަކީމެވެ. އަދި ނަމާދެއް އެޅުމަށް އަހަރެން ދުވަހަކު ވެސް ވިސްނާފައެއް ނުވާނެއެވެ. އެހެންކަމުން ކޮންމެ ގޮތެއް ވީކަމުގައި ވިޔަސް އެ ދުވަހުގައި އަހަރެން ނަމާދު ދޫކޮށްލުމަކަށް ނުވިސްނަމެވެ. ހަގީގަތުގައި މިއީ (އެ އެއްޗެއް) އަހަރެންގެ ކިބައިން ކުރުމަށް އެދޭނެކަމަށް އަހަރެން ހީކުރި ކަހަލަ ކަމެއް ވެސް ނޫނެވެ.

އަހަރެން : ނަމާދު ދޫކޮށެއް ނުލެވޭނެ! މިއީ ކަލޭގެ ދާއިރާއިން ބޭރުގެ ކަމެއް. ނަމާދަށް ހުރަސް ނާޅާ!

އެއަށްފަހު އޭގެ ތެރެއިން ބާރުގަދަ އަޑު ފައްގަނޑެއް ނިކުތުމަށްފަހު، އޭތި އެ އައިތަނަކަށް ރުޖޫޢަ ވެއްޖެއެވެ.

ދެން އަހަރެން އަނބުރާ ދިޔަ އިރު އަވައްޓެރިޔާ ވަނީ ވަރަށް ރުޅި ގަދަ ވެފައެވެ. އެއީ އެ ޝައިޠާނުންގެ ގާތަށް އެ އެއްޗެއްސަށް ކިޔަމަން ނުވާ މީހެއް ފޮނުވުމުން އެ އެއްޗެހި ރުޅިއައުމުންނެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ނަމާދަކީ ފާޙިޝްކަންކަމާއި މުންކަރާތްތައް ކުރުމުން މީހުން ދުރުކޮށްދެނިވި އަޅުކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ﴾ (سورة العنكبوت : 45)‏ މާނައީ: ”ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ.“ ވިސްނަވާށެވެ! އޭނާ އަކީ ނަމާދަށް ފަރުވާތެރިވާ މީހެއް ނޫން ނަމަ އެ ޝައިޠާނާގެ ބަހަށް ކިހާ ފަސޭހައިން ހެއްލޭނެ ހެއްޔެވެ؟ އަދި އޭގެ ބަހަށް މީހާ ހެއްލިއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން އޭނާއަށް ގެއްލުނީއެވެ.

—————————-

މިއީ އައްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު ޙަފިޡަހުއްﷲ ކިޔައިދިން ވާހަކައެއް

12