ނަޞޭޙަތާއި އިރުޝާދު
ބޮލީވޫޑުގެ ޚަބަރުތައް ކުރުކޮށް؟!

ލިޔެލާނަމޭ ވަރަށް ގިނައިން ހިތަށް އަރާ މައުޟޫޢެކެވެ. އިރުގެ އަލިކަން ދުނިޔެއަށް ފާޅުވެ އައު ދުވަހަކަށް މަރުޙަބާ ކިޔާ ކޮންމެ ދުވަހަކު، ބައެއް އޮންލައިން ނޫސްތަކުން އަޅުގަނޑުމެން ދިވެހީންނަށް މަރުޙަބާ ކިޔަނީ ބޮލީވޫޑޭ ކިޔާ ތަނެއްގެ ޚަބަރުތަކުންނެވެ. އެބައިމީހުންގެ ޒާތީ ދިރިއުޅުމުން ފެށިގެން ފިލްމީ ޚަބަރުތަކާއި ތާނކުތާނކުން ނުޖެހޭ ކުނިބުނިއަށް ވެސް ނުފުދޭ ޚަބަރުތަކުންނެވެ.

ތެދެކެވެ! އިސްލާމީ މި ކުޑަކުޑަ ރާއްޖޭގައި، ބޮލީވޫޑު ފިލްމުތަކާއި ޑްރާމާތަކަށް މީސްތަކުން ދެވި ހިފާފައިވާ މިންވަރު ބޮޑެވެ. ނަމަވެސް، މިއީ އިސްލާމީ މުޖުތަމަޢެއްގައި މި ކަން އޮންނަން ޖެހޭ ގޮތް ބާއޭ ހިތަށް އަރައެވެ. އަދި މި ކަންކަން އިތުރަށް ކުރިއެރުވުމުގެ ގޮތުން ބައެއް ނޫސްތަކުން ކުރަމުން މި ދާ މަސައްކަތާ މެދު ވެސް ސުވާލު އުފެދެއެވެ. މި ނޫސްތަކުން މި ފަދަ ޚަބަރުތައް ގެނެސްދިނުމުގެ މަޤްޞަދަކީ ކޮބައިތޯ ހިތަށް އަރައެވެ. މިއީ އިސްލާމީ މުޖުތަމަޢަކަށް އެންމެ އެކަށީގެންވާ ޚަބަރުތައްތޯ ހިތަށް އަރައެވެ. ބައެއް މީހުން މި ސުވާލުތަކުގެ ޖަވާބެއްގެ ގޮތުން، އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމުގައި ބުނެފާނެއެވެ. ހިންދީ ފިލްމުތަކަކީ ދިވެހީން ވަރަށް ގިނައިން ބަލާ އެއްޗެއް ކަމުގައި ބުނެފާނެއެވެ. އެ ފިލްމުތަކުގެ ވާހަކައާއި އެ ފިލްމު ކުޅޭ މީހުންގެ ވާހަކަތައް ގެނައުމަކީ މައްސަލައެއް ނޫން ކަމުގައި ބުނެފާނެއެވެ. އެއީ ރަނގަޅު ކަމެއް ކަމާއި އެއަށް ކިޔަނީ ނޫސްވެރިކަން ކަމުގައި ބުނެ ޙުއްޖަތް ދައްކަފާނެއެވެ. ނޫސްވެރިކަމަކީ މުޖުތަމަޢުން ބޭނުން ވާ ހުރިހާ ޚަބަރުތަކެއް ގެނެސްދިނުން ކަމުގައި ބުނެފާނެއެވެ.

ތެދެކެވެ! އެއީ އެ ބުނާ ޒަމާނީ ނޫސްވެރިކަން ކަމުގައި ވެދާނެއެވެ. އެއީ ބައެއް ރައްޔިތުން ކިޔަން ބޭނުން ވާ ޚަބަރުތައް ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުގެ ނުކުތާއަކީ، ނޫސްވެރިޔާއަކީ މުސްލިމެއް ނޫންތޯއެވެ. މި ދިވެހި މުޖުތަމަޢުގައި ނޫސްތަކުގެ މަސްއޫލުވެރިންނާއި ނޫސްވެރިންނަކީ މުސްލިމުން ނޫންތޯއެވެ. މި ދިވެހި ފަސްގަނޑުގައި އޮތީ އިސްލާމްދީން ނޫންތޯއެވެ. އެހެންވެއްޖެ ނަމަ، އަޅުގަނޑުމެން އެންމެނަކީ ޤިޔާމަތެއް ވާނޭ ކަން ޤަބޫލު ކުރާ ބައެއް ނޫންތޯއެވެ. މާތް ﷲގެ ޙަޟްރަތަށް ދާނޭ ބައެއް ކަމުގައި ޤަބޫލު ކުރާ ބައެއް ނޫންތޯއެވެ. ދުނިޔެ މަތީގައި ތިމާ ކުރި ހުރިހާ ކަމެއްގެ ހިސާބު ބެއްލެވޭނެ ކަމަށް އީމާން ވާ ބައެއް ނޫންތޯއެވެ. އެހެން ކަމަށް ވަނީ ވިއްޔާ، އަޅުގަނޑުމެންނަށް އޮތީ އެ ދުވަހަކަށް ތައްޔާރުވުން ނޫންތޯއެވެ.

މުސްލިމުންނަކީ ވަކި އިޢުތިޤާދެއްގެ މަތީގައި، ވަކި ސުލޫކަކަށް ތަބާ ވާން ޖެހޭ ބައެކެވެ. މުސްލިމުންނަކީ އެންމެ މާތް މަތިވެރި ދީނުގެ އަހުލުވެރީންނެވެ. އެންމެ މާތް ޘަޤާފަތުގެ އަހުލުވެރީންނެވެ. އެ މުސްލިމްއަޅާއަކީ ނޫސްވެރިޔަކަސް، މުދައްރިކަސް، ޑޮކްޓަރަކަސް، އަދި މެނޭޖަރަކަސް އޭނާ ތަބާވާން ޖެހޭ ސުލޫކުތަކެއް ވެއެވެ. އޭނައަކީ އެންމެ ފުރަތަމަ މުސްލިމެކެވެ. އޭނާގެ ވަޒީފާ އަންނާނީ އެއަށް ފަހުއެވެ.

މުސްލިމު މުޖުތަމަޢެއްގެ ފިކުރާއި ދީނީ ޘަޤާފަތާއި ސުލޫކާ އަސަރު ފޯރުވުމުގެ އެންމެ ބޮޑު ބާރެއް ލިބިފައިވާ އެއް ބަޔަކީ ނޫސްވެރިންނެވެ. އެ ބާރުގެ ބޭނުން ނޫސްވެރިން ހިފަން ވާނީ މާތް ﷲ ރުއްސެވުމާއި ފުއްސެވުން އެކަމުގައި ލިބޭނޭ ފަދަ ގޮތަކަށެވެ. އެ އިލާހުގެ ނުރުހުމާއި ކޯފާއާއި ލަޢުނަތް ލިބޭ ގޮތަކަން ނޫނެވެ.

0