މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މާތް ތަންތަނެވެ. ތިބާގެ ހިތް މިސްކިތާ ގުޅިފައިވާ ވާނަމަ އެކަމުން ދޭހަކޮށްދެނީ ތިބާ الله އޮންނަ ގާތްކަމެވެ. އެއިލާހު ލޯބިވެ ވޮޑިގަންނަވާ ތަންތަނަށް ތިބާގެ ހިތުގައި އޮތް ލޯތްބެވެ.
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (أَحَبُّ الْبِلَادِ إِلَى اللَّهِ مَسَاجِدُهَا) رواه مسلم
މާނައީ: “الله ގެ ޙަޟްރަތަށް އެންމެ ލޮބުވެތިކަންބޮޑު ބިމަކީ އެ ބިމުގައިވާ މިސްކިތްތަކެވެ.”
އެމިސްކިތައް ހިނގާފައި ދިއުމަކީ ނުހަނު އަޖުރުހުރި ޢަމަލެކެވެ. އެ މިސްކިތްތަކުގައި ނަމާދު ކުރުމަކީ އެހާ މަތިވެރި ކަމެކެވެ. އެ މިސްކިތުގައި ޒިކުރު ކުރުމަށް މަޑުކުރުމަކީވެސް އެހާމެ މާތް މަތިވެރި ޢަމަލެކެވެ. މިސްކިތައް އަވަހަށް ގޮސް އެ މިސްކިތުން ލަހުން އަންނަ މީހާއަށް ނަބިއްޔާ صلى الله عليه وسلم ވަނީ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ.
އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
“ مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ أَعَدَّ اللَّهُ لَهُ فِي الْجَنَّةِ نُزُلاً كُلَّمَا غَدَا أَوْ رَاحَ ” (متفق عليه)
“(ނަމާދުކުރުމަށް) މިސްކިތަށް އަވަހަށްގޮސް، އަދި (ނަމާދުކޮށް އަވަދިވެގެން) ލަހުން އަންނަ މީހާއަށް ސުވަރުގޭގައި، ﷲ އެމީހަކަށްޓަކައި މެހެމާންދާރީ ތައްޔާރުކޮށްދެއްވާނެއެވެ. އެއީ އެނާ މިސްކިތަށް އަވަހަށްގޮސް، އަދި ލަހުން އަންނަ ކޮންމެ ފަހަރަކުއެވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! މާތް ﷲ ތިބާއަށް ސުވަރުގޭގައި މެހެމާންދާރީ ތައްޔާރުކޮށްދެންވަން ތިބާ ނޭދެމުހެއްޔެވެ؟ މިއީ ހިތްވަރެއް ހުރިއްޔާ ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. އޭގެ ސަބަބުން ސުވަރުގޭގައި މާތް ﷲ އެމީހަކަށްޓަކައި، މެހެމާންދާރީ ތައްޔާރުކޮށްދެއްވާނެ ކަމެކެވެ. މާތް الله އަޅަމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ.