ނަޞޭޙަތާއި އިރުޝާދު
ތިބާގެ އަނބިމީހާގެ ކިބައިގައިވާ އުނިކަންކަމުގެ ވާހަކަ ، އަނެކާއާއި ނުދައްކާށެވެ.

ބުނެވޭ ގޮތުގައި، ރަށްފުށުގައި ދިރިއުޅުނު މީހަކު އޭނާގެ އަނބިމީހާ ވަރިކުރިއެވެ. ރަށުގެ މީހުން އޭނާގެ އަނބިމީހާ ވަރިކުރީ ކޮން ކަމަކާތޯ ބެލުމަށް އެ ފިރިހެންމީހާގެ ކައިރިޔަށް ދިޔައެވެ.

އޭނާ ބުންޏެވެ: ’’ އަހަރެން އޭނާ ވަރިކުރީ އެއްފަހަރުއެވެ. އަހަރެން ބޭނުން ކަމުގައި ވަނީނަމަ ޢިއްދައިގެ ދުވަސްތަކުގައި އޭނާއާއި ރުޖޫޢަ ކުރެވިދާނެއެވެ. އަދި އޭނާ އެއިނީ ޢިއްދައިގައެވެ. އަހަރެން ކަލޭމެންނަށް އޭނާގެ ކިބައިގައިވާ އުނިކަންތައްތައް ހާމަކޮށްފިނަމަ ، ދެން އޭނާ އެނބުރި އަހަރެންގެ ދިރިއުޅުމަށް ގެންނާނީ ފަހެ ކިހިނެއް ހެއްޔެވެ؟’’

 

ރަށުގެ މީހުން އެ ފިރިހެން މީހާގެ އަޑުއެހުމަށް ފަހު ދިޔައެވެ. އަދި އަންހެން މީހާގެ ޢިއްދަ ނިމެންދެން މަޑުކުރިއެވެ. އެއަށްފަހު އެ ފިރިހެން މީހާގެ ކައިރިއަށް ދިޔައެވެ. އަދި ކުރިން އެމީހުން ފިރިހެންމީހާ އާއި ކުރި ސުވާލު ކުރިއެވެ.

އޭނާ ބުންޏެވެ: ‘’ އަހަރެން އޭނާގެ ކިބައިގައިވީ އުނިކަންތައްތައް ކަލޭމެންނަށް ޙިއްސާކޮށްފިނަމަ، ދެން އޭނާ (ކުރީގެ އަނބިމީހާ) އާއި ކައިވެނިކުރުމަށް އެންމެ އެކަށީގެންވާ މީހަކު، އޭނާ ހޯދާނީ ފަހެ ކިހިނެއް ހެއްޔެވެ؟’’

ރަށުގެ މީހުންނަށް އެ އަންހެންމީހާ އެހެންމީހަކާ ކައިވެނި ކުރިކަން ހަމަ އެނގުމާއެކު، އެމީހުން އެއްކަލަ ފިރިހެންމީހާގެ ގެޔަށް ކުރިން ކުރި ސުވާލާއިގެން ހިނގަޖެއެވެ. އެ ފިރިހެންމީހާ ބުންޏެވެ: ‘’ އަހަރެންނަކީ މިހާރު އެ އަންހެނާއަށް ހިލޭ މީހަކަށްވާއިރު ، އަހަރެން ކަލޭމެންނަށް އެހެން ފިރިހެނެއްގެ އަނބިމީހާ އާއި ބެހޭގޮތުން ބުނެދޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަދި އޭނާގެ (އަންހެނާގެ) ޢިއްޒަތާ އަބުރު ނަގާލާނީ ކިހިނެއް ހެއްޔެވެ؟

ސުބުޙާނަالله . މިއީ الله ށް ޓަކައި ފިރިމީހާ އަދި އަނބިމީހާ، ކައިވެނީގެ ގުޅުން ކެނޑުނުކަމުގައިވިޔަސް ނުވަތަ އެކުގައިވިޔަސް އެމީހެއްގެ ‘އަޚްލާޤު’ ބަހައްޓަންޖެހޭ ގޮތުގެ ލާމަސީލު މިސާލެކެވެ.

އުފަލުގައި ނުވަތަ ހިތާމައިގައި ވިޔަސް ، ކައިވެނީގެ ދަތުރުގައި ހޭދަކުރާ ދުވަސްތަކުގެ ސަބަބުން ޚާއްޞަ ގުޅުމެއް އުފެދެއެވެ. އެކަކު އަނެކަކުގެ ސިއްރުތައް ހިފެހެއްޓެންޖެހެއެވެ. އަނބިމީހާ ފިރިމީހާގެ ސިއްރު ހިފަހައްޓަންޖެހެއެވެ. އަދި ފިރިމީހާވެސް އަނބިމީހާގެ ސިއްރު ފުރިހަމައަށް ހިފަހައްޓަން ޖެހެއެވެ.

މާތް الله އަޅަމެންނަކީ އެކަކު އަނެކަކުގެ ސިއްރުތަކަށް ރައްކާތެރިވާ ބައެއްކަމުގައި ލައްވާށި! އަދި އަޅަމެންގެ ކައިވެނިތަކުގައި ބަރަކާތް ލައްވާށި! އާމީން

މަސްދަރު: އަލްޢިބަރް ފޭސްބުކް ޕޭޖް

0