އަޅުގަނޑުމެންނަކީ ކޮންމެވެސް މީހަކަށް ނުވަތަ އެއްޗަކަށް ބަރޯސާވެގެން ނޫނީ ނޫޅެވޭ ބަޔެކެވެ. ދިރިހުރުމަށް ފެނާއި ކާނާއަށް ބަރޯސާވެއެވެ. ނޭވާލުމަށްޓަކައި ވަޔަށް ބަރޯސާވެއެވެ. އަދި ޙަޔާތުގައި ދިމާވާ ގިނަ ކަންކަން ހާސިލުކުރަނީވެސް އެކަނިމައިއެކަނި ގިނިކަންޏާ ނޫންކަން އަމިއްލައަށް ވިސްނާލުމުންވެސް އެނގޭނެއެވެ.
ޙަޤީޤަތަކީ މާތް ﷲ ޚަލްޤުކުރެއްވި ހުރިހާ މަޚުލޫޤުންނަކީވެސް އެކަލާނގެއަށް ބަރޯސާވާނޭ ގޮތަށް އުފައްދަވާފައިވާ މަޚުލޫޤުންނެވެ. އެއީ އަޅުގަނޑުމެން އިންސީންނާއި ޖިންނީން އެކަންޏެއް ނޫނެވެ. ގަސްގަހާއިގެހިން ފެށިގެން ގޮސް އުޑާއި ބިންވެސް އުފައްދަވައިފައިވަނީ ކޮންމެވެސް އެއްޗަކަށް ބަރޯސާވާނޭ ގޮތަށެވެ.
ވީމާ، އަޅުގަނޑުމެން މުސްލިމުން މިކަން އެނގޭ ޙާލު ކަންކަމު ޖެހުނީމާ އެންމެ ފުރުތަމަކަމަކަށް، މީހެއްގެ ފަހަތަން އެކަން ހާސިލުކުރުމަށް ދުއްވައިގަތުން އެއީ އެންމެ ކަމުދާ ގޮތްތޯއެވެ؟ ކަމެއް ޖެހުނީމާ ސަބަބުތަކުގައި ހިފާށެވެ. އެކަން ޙާސިލު ކުރަން ނުވަތަ ޙައްލު ކުރަން މަސައްކަތްކުރާށެވެ. އެކަމަކު، މި ހުރިހާ ކަމެއް ކުރުމުގެ ކުރީން އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރަން ހަނދާން ނައްތާނުލާށެވެ. އެހެނީ އެކަލާނގެއަށް ދުޢާ ކުރުމަށްފަހު ކަމެއް ޙާސިލު ކުރަން އަދި ޙައްލު ކުރަން އުޅުމީ އެންމެ އެކަށީގެންވާ ގޮތެވެ.
ވާހަކަ ދިގު ނުކޮށް ބޭނުންވަނީ ދުޢާ އިޖާބަކުރެއްވުން ވަރަށް ގާތް ވަގުތުކޮޅެއް ހިއްސާކޮށްލުމަށެވެ.
ރޭގަނޑުގެ ވަގުތެއްގައި ހޭލެވިއްޖެނަމަ މި ގޮތަށް ކަންތައް ކުރާށެވެ.
ހޭލުވުމާއެކު މި ދުޢާ ކިޔާށެވެ.
لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ
ކިޔުމަށްފަހު، ޔާ ﷲ މިއަޅާއަށް ފާފަފުއްސަވާނދޭވެ!
މިފަދައިން ކިޔައިފިނަމަ ނުވަތަ ދުޢާ އެއް ކޮށްފިނަމަ އޭނާގެ ދުޢާ އިޖާބަކޮށްދެއްވާނެއެވެ. އަދި ވުޟޫކޮށް ނަމާދު ކޮށްފިނަމަ އޭނާގެ ނަމާދު ވެސް ޤަބޫލުކޮށްދެއްވާނެއެވެ.
މިއީ ނަބަވީ އިރުޝާދެކެވެ.
އައްޝައިޚް ޢަބްދުއްރަޙްމާން އަލްޢަޤްލް މި ޙަދީޘް ޝަރަޙަ ކުރައްވަމުން ވިދާޅުވިއެވެ.
“މިއީ ދުޢާ އިޖާބަކުރެއްވޭ ވަގުތު ތަކުގެ ތެރެއިން ދުޢާ އިޖާބަވުން ވަރަށް ގާތްވެގެންވާ ވަގުތުކޮޅެކެވެ. އެއީ އެންމެ ފުރަތަމަވެސް އޭނާ ތެދުވުމަށްފަހު އޭނާގެ ހިތަށް އަންނަނީ ﷲ އަށް ޒިކުރު ކުރުން ކަމުގައި ވާތީއެވެ.”
ވިސްނާލަންވީ، އަޅުގަނޑމެންގެ ތެރެއިން ގިނަ މީހުންނަށް މިގޮތަށް ނިދިން ހޭލެވޭ ވަގުތު ހަނދާންވަނީ ފޯނުގެ މަތިންނެވެ. އެންމެ ފުރަތަމަވެސް ހޭލެވުމުން ބަލާލަނީ ފޯނަށެވެ. އެކަމަކު، އެ ވަގުތުގައި މާތް ﷲ ހަނދުމަ ކުރާ މީހަކީ އެކަލާނގެއާ ގާތް ގުޅުމެއް އުފެދިފައިވާ މީހެކެވެ. އޭނާގެ އެ ޢަމަލުން އެކަން ހެކިދެއެވެ.
އެހެންނަމަވެސް، މިއީ ދުޢާ އިޖާބަކުރެއްވޭ ވަގުތެއްކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ.
މަޞްދަރު: ހަދީޘް (އިބްން މާޖާ335/2)، ޢިލްމީ މޭވާ (https://t.me/ilmeemeyva)
ދުއާ އިޖާބަ ކުރައްވާނެ ހުރިހާ ވަގުތެއްގާ ވެސް.
https://youtu.be/K4rbziisJqs