ނިޢުމަތްތަކަށް ޝުކުރުވެރިވުން.
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައި ވެއެވެ. ”ޝުކުރުވެރި ވުމަކީ ﷲ ގެ ނިޢުމަތް ތަކުގެ އަޘަރު އެއިލާހުގެ އަޅާގެ ދުލުން ފެނުމެވެ) ނިޢުމަތް ތަކުގެ މައްޗަށް) ޘަނާކިޔުމުންނާއި އަދި އިޢުތިރާފު ވުމުންނެވެ. އަދި އަޅާގެ ހިތުން (ނިޢުމަތް ތަކަށް) ހެކިވުމާއި ﷲ އަށްޓަކައި ލޯބި ފާޅު ވުމެވެ. އަދި އަޅާގެ ހަށިގަނޑުން އެއިލާހަށް މަޑުމޮޅިކަމާއި ކިޔަމަންތެރިކަން ފާޅު ވުމެވެ.“ [1]
މިކަމުން ޝުކުރުވެރި ވުމަށް 3 ރުކުނެއް ވާކަން ދަލީލު ކޮށްދެއެވެ. އެއީ:
- ހިތުން ނިޢުމަތް ތަކަށް އިޢުތިރާފު ވުން.
- ނިޢުމަތް ތަކުގެ ވާހަކަ ދެއްކުމާއި އަދި ނިޢުމަތް ދެއްވި ފަރާތަށް ޘަނާ ދެންނެވުން.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ [2]
މާނައީ: ”އަދި ކަލޭގެފާނުގެ ރައްބު ކަލޭގެފާނަށް ދެއްވި ނިޢުމަތް ތަކުގެ ވާހަކަފުޅު ދައްކަވައި އުޅުއްވާށެވެ.“
- ނިޢުމަތް ދެއްވި ފަރާތަށް ކިޔަމަން ވުމުގެ ސަބަބެއް ކަމުގައި އެ ނިޢުމަތްތައް ހެދުން.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
ٱعۡمَلُوۤا۟ ءَالَ دَاوُۥدَ شُكۡرࣰاۚ [3]
މާނައީ: އޭ ދާވޫދު (عليه السلام) ގެ އާލުންނޭވެ! ތިޔަބައިމީހުން ޝުކުރު ކުރުމުގެ ގޮތުން (ޞާލިޙު) ޢަމަލު ކުރާށެވެ.“
ޝުކުރުވެރިވެވޮޑިގަތުމަކީ ﷲ ތަޢާލާގެ ޞިފަފުޅު ތަކުގެ ތެރެއިން ޞިފަފުޅެކެވެ. އަދި އެއިލާހުގެ އިސްމުފުޅު ތަކުގެ ތެރޭގައި ”އައްޝާކިރު“ އަދި ”އައްޝުކޫރު“ ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
فَإِنَّ اللَّهَ شَاكِرٌ عَلِيمٌ [4]
މާނައީ: ”ފަހެ ހަމަކަށަވަރުން ﷲ އީ ޝުކުރުވެރިވެވޮޑިގަންނަވާ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“
އަދިވެސް އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.
إِنَّ اللَّهَ غَفُورٌ شَكُورٌ [5]
މާނައީ: ”ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ޝުކުރުވެރިވެވޮޑިގަންނަވާ އިލާހެވެ.“
ﷲ ތަޢާލާ އީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އިޚްލާޞްތެރިންގެ މަދު ޢަމަލަށް ޝުކުރުވެރިވެވޮޑިގަންނަވާ އިލާހެވެ. އަދި ގިނަ އަޅުންގެ ފާފަތަކުން ޢަފޫ ކުރައްވަވާއިލާހެވެ. އަދި ކިއެއްހެއްޔެވެ! އެއިލާހަކީ އެއްވެސް ޢަދަދެއް އަދި ޙިސާބެއް ނެތި އަޅުތަކުންގެ ހެޔޮކަންކަން ގިނަގުނަވެގެންވާ މިންވަރަށް އިތުރު ކުރައްވަވާ އިލާހެވެ.
ޝުކުރުވެރި ވުމަކީ ނަބީބޭކަލުންގެ ޞިފަފުޅުތަކުގެ ތެރެއިންވެސް ޞިފަފުޅެކެވެ.
ނޫޙު عليه السلام އާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا [6]
މާނައީ: ”ނޫޙު (عليه السلام) އާއި އެކު (ނައުކޮޅުގައި) ތިމަންއިލާހު އުފުއްލެވި މީހުންނޭވެ! ހަމަކަށަވަރުން އެކަލޭގެފާނު (ނޫޙު عليه السلام) ވެވަޑައިގަތީ ގިނައިންޝުކުރު ކުރައްވާ އަޅެއް ކަމުގައެވެ.“
އިބްރާހީމް عليه السلام އާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ [7]
މާނައީ: ”އެއިލާހު ދެއްވި ނިޢުމަތްތަކަށް ޝުކުރު ކުރައްވާ ބޭކަލަކު ކަމުގައި (އިބްރާހީމް عليه السلام) ވިއެވެ. އަދި އެއިލާހު އެކަލޭގެފާނަށް ޚިޔާރު ކުރައްވައިސިދާވެގެންވާ ތެދުމަގަށް އެކަލޭގެފާނަށް ހިދަޔާތް ދެއްކެވިއެވެ.“
ޝުކުރުވެރިންގެ އެންމެ އިސް ފަރާތް ކަމުގައިވާ އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
أفلا أكون عبدا شكورا [8]
މާނައީ: ”ފަހެ ޝުކުރު ކުރާ އަޅުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވާންވީ ހެއްޔެވެ!؟“
ޝުކުރުވެރިވުމަށް އަމުރު ކުރައްވާފައިވުން.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ [9]
މާނައީ: ”ފަހެ ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަކުރާށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިޔަބައިމީހުން ތިމަންއިލާހަށްޝުކުރު ކުރާށެވެ. އަދި ތިޔަބައިމީހުން ތިމަންއިލާހަށް ކާފަރު ނުވާށެވެ.“
ޝުކުރުވެރިވުމުގެ ނަތީޖާ.
- ޝުކުރުވެރިވުމަކީ މުއުމިނުންގެ ޞިފައެއް.
- ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބޭނޭ ކަމެއް.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَإِن تَشْكُرُوا يَرْضَهُ لَكُمْ [10]
މާނައީ: ”އަދި ތިޔަބައިމީހުން ޝުކުރު ކުރާނަމަ އެއިލާހު ތިޔަބައިމީހުންނަށް ރުހިވޮޑިގަންނަވައެވެ.“
ޝުކުރުވެރި ވުމަކީ ޢަޛާބުން އަމާންކަން ލިއްބައިދޭނެ ކަމެއް.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
مَّا يَفْعَلُ اللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنتُمْ
މާނައީ: ”ތިޔަބައިމީހުން الله ގެ (ނިޢުމަތްތަކަށް) ޝުކުރުކޮށް އީމާންވެއްޖެ ނަމަ ތިޔަބައިމީހުންނަށް ޢަޛާބު ދެއްވުމުގައި އެއިލާހަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟“
سورة النساء 147
- ޝުކުރުވެރި ވުމަކީ (ނިޢުމަތް) އިތުރު ވުމުގެ ސަބަބެއް.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
މާނައީ: ”އަދި ތިޔަބައިމީހުންގެ ރައްބު އަންގަވާ އިޢުލާނު ކުރެއްވިހިނދު ހަނދުމަ ކުރާށެވެ! ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ތިޔަބައިމީހުންނަށްއިތުރުކޮށްދެއްވާހުށީމެވެ.“
سورة إبراهيم 7
- ޝުކުރުވެރި ވުމަކީ އާޚިރަތުގައި މަތިވެރިވެގެންވާ އަޖުރު ލިބޭނެ ކަމެއް.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَسَنَجْزِي الشَّاكِرِينَ
މާނައީ: ”އަދި ޝުކުރުވެރިންނަށް ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ.“
سورة آل عمران 145
ޝުކުރުވެރިންގެ ތެރެއިން ވާނީ ކިހިނެއް؟
- ޝުކުރުވެރިންގެ ތެރެއިން ވުމަށް ބަޔާންވެ ދިޔަ ޝުކުރު ކުރުމުގެ 3 ރުކުން ފުރިހަމަ ކުރުން.
އަދި މީސްތަކުންގެ ތެރެއިން ތިބާއަށް ހެޔޮކޮށް ކަންތައް ކޮށްދޭ މީހުންނަށް ޝުކުރުވެރި ވެގެންނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
لا يشكر الله من لا يشكر الناس
މާނައީ: ”މީސްތަކުންނަށް ޝުކުރު ނުކުރާ މީހަކު ﷲ އަށް ޝުކުރުވެރި ނުވާނެއެވެ.“
صحيح أبي داود
- ތިބާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތް ތަކާއި މެދު ވިސްނާ ފިކުރު ކުރުން.
ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ [11]
މާނައީ: ”އަދި ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ޙާލު ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން ތިޔަބައިމީހުން ނެރުއްވީ اللّه ތަޢާލާ އެވެ. ދެން އެއިލާހުތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި (ކަންފަތާއި ލޮލާއި) އަދި ހިތްލެއްވިއެވެ. އެއީ ތިޔަބައިމީހުން ޝުކުރުވެރި ވޭތޯއެވެ!“
- ﷲ ތަޢާލާއަށް ތަޤުވާވެރިވެ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުން.
އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
وَلَقَدْ نَصَرَكُمُ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ [12]
މާނައީ: ”އަދި ހަމަކަށަވަރުން ބަދުރު ހަނގުރާމައިގައި الله ތިޔަބައިމީހުންނަށް ނަޞްރު ދެއްވިއެވެ. އެއީ ތިޔަބައިމީހުން ނިކަމެތިވެފައިވަނިކޮށެވެ. ފަހެ ތިޔަބައިމީހުންﷲ އަށް ތަޤުވާ ވެރިވާށެވެ! އެއީ ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ.“
- ﷲ ތަޢާލާ ތިބާއަށް ދެއްވާ މިންވަރަށް ހިތްހަމަޖެހި ރުހުން.
ނަބިއްޔާصلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
كن قنعا تكن أشكر الناس
މާނައީ: ”(ލިބޭ މިންވަރަށް) ހިތްހަމަ ޖެހޭ މީހަކަށް ވާށެވެ. (އޭރުން) އެންމެ ޝުކުރުވެރިވާ މީހުންގެ ތެރެއިން ތިބާ ވާނެއެވެ.“
سنن ابن ماجه
- ޝުކުރުގެ ސަޖިދަ ކުރުން.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.
إذا جاءه أمر سرور أو بشر به خر ساجدا، شاكرا لله
މާނައީ: ”އަދި އޭނާއަށް އުފާވެރި ނުވަތަ ހެޔޮ ކަމެއް ދިމާވެއްޖެ ނަމަ ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން ސަޖިދައަށް ތިރިވެއެވެ.“
صحيح أبي داود
މުޞީބާތްތަކާއި އެކު ކެތްތެރިކަމަށްވުރެ ޝުކުރުވެރިކަމާއެކު ޢާފިޔަތު ހެޔޮކަން ބޮޑުވެގެން ވެއެވެ. މުޠައްރިފު ބުން ޢަބްދިﷲ رحمه الله ވިދާޅުވެފައި ވެއެވެ.
لأن أعافى فأشكر، أحب إلي من أن أبتلى فأصبر [13]
މާނައީ: ”ތިމަންކަލޭގެފާނަށް މުޞީބާތެއް ޖެހި އެކަމަށް ކެތްތެރިވުމަށްވުރެ ޢާފިޔަތު ލިބި ޝުކުރުވެރިވުން ހެޔޮކަން ބޮޑުވެގެން ވެއެވެ.“
ޝުކުރުވެރިވުމަކީ މިހާ މަތިވެރިވެގެންވާ ކަމަކަށް ވާއިރު އަޅުގަނޑުމެންގެ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ދުޢާ ކުރުން ގިނަ ކުރުން ހުއްޓެވެ. އެކަލޭގެފާނުމިފަދައިން ދުޢާ ކުރައްވާ ކަމުގައި ވިއެވެ.
اللَّهُمَّ أَعِنِّي على ذِكرِكَ وشُكرِكَ وحُسنِ عبادَتِكَ [14]
މާނައީ: ޔާﷲ! އިބަ އިލާއަށް ޝުކުރުވެރި ވުމަށާއި އަދި ހެޔޮގޮތުގައި އަޅުކަން ކުރުމަށް އަޅާއަށް ވާގިވެރިވެވޮޑިގަންނަވާނދޭވެ!“
އަޅުގަނޑާއި ތިޔަ އެންމެ ބޭކަލުންނަކީ ޝުކުރު ކުރާ މީހުންގެ ތެރެއިން ވާ ބައެއް ކަމުގައި ލައްވާށި! އާމިން.
(މިއީ އަޅުގަނޑުމެންގެ އުސްތާޛަކު ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.)
[1] مدارج السالكين 2/ 244
[2] سورة الضحى 11
[3] سورة سبإ 13
[4] سورة البقرة 158
[5] سورة الشورى 23
[6] سورة الإسراء 3
[7] سورة النحل 121
[8] صحيح البخاري
[9] سورة البقرة 156
[10] سورة الزمر 7
[11] سورة النحل 78
[12] سُورَةُ آل عِمرَان 3
[13] كتاب الشكر لابن أبر الدنيا
[14] سنن أبي داود