ނަޞޭޙަތާއި އިރުޝާދު
ނަމާދަށްހުއްޓައި ޙައިޟުވެއްޖެނަމަ އެ ނަމާދު ފަހުން ކުރަން ޖެހޭނެތޯއެވެ؟

ޖެހޭނެއެވެ. އެއީ ވަޤުތު ލިބި ނުކުރެވި، ޒިންމާވާން ޖެހިފައިވާ ނަމާދެކެވެ.

ރ- 12:30 ގެ ފަހުން، މެންދުރު ނަމާދު ނުކޮށް ހުއްޓައި، 12:35 ހާއިރު ޙައިޟު ވިކަމުގައި ވިޔަސް ، ޖުމްހޫރު ޢިލްމުވެރިންގެ ބަހަށް ބަލާއިރު، ނަމާދުން ރަކްޢަތެއްގެ މިންވަރު ކުރާނޭ ވަޤުތު ލިބިފައިވާތީ، އެންމެ ޞައްޙަ އަދި ރައްކާތެރި ގޮތަކީ، މެންދުރު ނަމާދު، ޙައިޟުން ޠާޙިރުވެ، ހިނައިގަނެ ކުރުމެވެ. އެއީވެސް ނުކުރެވި އިން، ޒިންމާވާން ޖެހިފައިވާ ނަމާދެކެވެ.

ނޯޓް: މިދެންނެވި ބީދައިން ޒިންމާވާން ޖެހިފައިވާ ނަމާދެއް ޙައިޟުން ޠާހިރުވެ، ހިނައިގަނެގެން ކުރާއިރު، މެންދުރު ނަމާދު ކުރުމަށްޓަކައޭ ކިޔާފައި މެންދުރު ވަޤުތު ޖެހެންދެން މަޑުކުރާކަށް ނުޖެހޭނެއެވެ. މިސާލަކަށް ހެނދުނު ހައިޟުގެ ލޭ ކެނޑި، ހިނައިގަތް ނަމަ، އެ ގަޑީގައި ފާއިތުވި މެންދުރު ނަމާދު ކުރަން ޖެހޭނެއެވެ. ޢުޛުރެއްގެ ސަބަބުން ފާއިތުވާ ނަމާދު (މިސާލަކަށް ނިދުމާއި ހަނދާން ނެތުމުގެ ސަބަބުން ފާއިތުވާ ނަމާދު) އާ މެދު އޮންނަނީ ޢުޛުރު ފިލާ ދިޔަހާ އަވަހަކަށް އެ ނަމާދު ކުރުމެވެ. ނިދުމުގެ ސަބަބުން ފަތިސް ނަމާދަށް ނުހޭލެވުނު މީހާ، ފަތިސްނަމާދު ކުރަން މެންދުރު ވަންދެން މަޑުކުރުމަކީ ގޯހެކެވެ. އޭނާ ޖެހޭނީ ހޭލެވުނުހާ އަވަހަކަށް، ހެނދުނު ހޭލެވުނު ކަމުގައި ވިޔަސް މެންދުރު ހޭލެވުނު ކަމުގައިވިޔަސް ވީހާ އަވަހަކަށް އެ ނަމާދު ކުރާށެވެ. އެއީ އަންނަނިވި ޙަދީޘްތަކުގައި ވާ ފަދައިންނެވެ.

إِذَا رَقَدَ أَحَدُكُمْ عَنِ الصَّلاَةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إِذَا ذَكَرَهَا فَإِنَّ اللَّهَ يَقُولُ أَقِمِ الصَّلاَةَ لِذِكْرِى (رواه مسلم (684))

މާނައީ: “ތިޔަބައިމީހުން ކުރެ މީހަކަށް، ނިދީގެ ސަބަބުން ނުވަތަ ހަނދާން ނެތުމުގެ ސަބަބުން ނަމާދެއް ފާއިތުވެއްޖެނަމަ، އެކަން ހަނދާންވީ އިރަކުން އެ ނަމާދު ކުރާށެވެ! ފަހެ، ﷲ ވަޙީކުރައްވަނީ (أَقِمِ الصَّلاَةَ لِذِكْرِى) (ތިމަންއިލާހު ހަނދުމަކުރުމަށްޓަކައި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ” މިފަދައިންނެވެ.”

( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684)

މާނައީ: “ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދު ކުރާށެވެ.”

ވަﷲ އަޢުލަމު

މަރްޖިޢުތައް

ފަތާވާ އިބްނު ޢުޘައިމީން

ރަވާއިޢުއް ރައްބާނިއްޔީން – ފަޟީލަތުއް ޝައިޚް މުޙައްމަދުލް މުޚްތާރު ޝިންޤީޠީގެ ފަތުވާ

9