އަޅުގަނޑުމެންނަކީ މާތް ﷲ އަށް އީމާންވެގެން ތިބި މީހުންނެވެ. ހައްޤުގެ މަގުގައި ތިބުމަށް މަސައްކަތްކުރާ މީހުންނެވެ. އެކަމަކުވެސް، އަޅުގަނޑުމެން މުސްލިމުންނަށް ފިތުނަތަކާ ކުރިމަތިލާން ޖެހެނީ ކީއްވެބާވައެވެ؟ އަޅުގަނޑުމެން އީމާންވެގެން ތިބި ހާލުވެސް ހަޔާތުގައި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ ކީއްވެގެން ބާވައެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާއިރުވެސް ދިރިއުޅުމުގައި މައްސަލަތައް ދިމާވަނީ ކީއްވެ ބާވައެވެ؟ މިއަދު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ހާލަތަށް ރިޢާތަތްކޮށް އަދި އިސްލާމްދީނަށް ޢަމަލުކުރާ މީހަކަށް ޢާއްމު ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި އުނދަގޫތަކުގެ ސަަބަބުން މި ސުވާލުތައް ހިތަށް އެރުމަކީ އެކަށީގެންވާކަމެކެވެ. މި ސުވާލުގެ ޖަވާބު ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކުންވެސް އަޅުގަނޑުމެންނަށް ލިބިދާނެއެވެ.
ސޫރަތުލް ޢަންކަބޫތުގެ ދެވަނަ އާޔަތް ބައްލަވާލައްވާށެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ . މާނަ : ”މީސްތަކުން ތިމަންމެން އީމާންވެއްޖައިމުއޭ ބުނުމުން، އެއުރެން އިމްތިހާނު ނުކުރައްވާ ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟“ މި އާޔަތުގައި ބަޔާންވެފައިވާ ފަދައިން، އަޅުގަނޑުމެންނަށް އެނގިގެން ދަނީ މީހަކު އިސްލާމްދީން ޤަބޫލުކޮށް އީމާންވީކަމުގައި ވީނަމަވެސް އެމީހަކު ހުރިހާ ދަތިތަކާއި، އުނދަގޫތަކުން ސަލާމަތްވުމުގެ ފުރުސަތު ނުލިބޭކަމެވެ. އޭގެ ބަދަލުގައި މާތް ﷲ އެމީހަކު އިމްތިޙާން ކުރައްވައެވެ.
އިމްތިޙާނުކުރުމުގެ ބޭނުމަކީ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމެވެ. އޭނާ ވަނީ ފުރިހަމައަށް އީމާންވެގެންކަން، އަދި އެއީ ހަމައެކަނި ދުލުން ބުނެލި ބަހެއް ނޫންކަމާއި ހިތުގައި އެއްވެސް ޝައްކެއް ނެތްކަން ގިނަ ފަހަރު އެނގިގެން ދަނީ އިމްތިޙާނަކާ ކުރިމަތި ވުމުންނެވެ.
ހަޤީޤީ މުސްލިމަކީ މާތް ﷲ އިމްތިޙާން ކުރެއްވުމަށް ކުރިމަތި ކުރައްވާ ދަތިތަކާއި އުނދަގޫ ހާލަތްތަކުގައިވެސް، އެއީ އިމްތިޙާނެއްކަން ޤަބޫލުކުރާ މީހާއެވެ. އަދި މިފަދަ ހުރިހާ ކަންކަމަށް މާތް ﷲ ނިމުމެއް ގެނެސްދެއްވާނޭ ކަމާމެދު ޝައްކުނުކުރާ މީހާއެވެ.
ހަޤީޤީ މުސްލިމަކަށް ވުމަށްޓަކައި އަޅުގަނޑުމެން މުހިންމު ސިފަތަކެއް އަށަގަންނުވާން އެބަޖެހެއެވެ. އެގޮތުން ހުރިހާ ޝިރުކުތަކަކުން ދުރުހެލިވެގެންވާ މީހަކަށް ވާންޖެހެއެވެ.އަދި މާތް ﷲ ހަނދުމަކޮށް ޒިކުރުކުރާ މީހަކަށް ވާންޖެހެއެވެ. ގިނަގިނައިން ސަލާމްގޮވުން އިތުރުކޮށް ބޭކާރު ވާހަކަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ތެދުވެރި މީހަކަށް ވާން ޖެހެއެވެ. ސޫރަތުއް ތައުބާގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ.“ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުން ވާށެވެ.“ މީގެ އިތުރުން ތިމާއަކީ ހުލްޤު ހެޔޮ ދީލަތި މީހަކަށް ވުމަށް މަސައްކަތްކުރާށެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހަކަށް ވާށެވެ. ސޫރަތުއް ލުޤްމާނުގެ 18 ވަނަ އާޔަތުގައިވެެއެވެ. وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾ މާނަ:“ އަދި މީސްތަކުންނަށް ކިބުރުވެރިވެ ތިމާގެ ކޯތާފަތް އަނބުރާނުލާށެވެ! (އެބަހީ: މޫނު އަނބުރާނުލާށެވެ) އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހެއްދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.“ ހަމައެހެންމެ، ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހަކަށް ވާންޖެހެއެވެ. އައްނިސާ ސޫރަތުގައި ބަޔާންވެގެންވެއެވެ. ”ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.“
ބަޔާންވެ ދިޔަ ކަންކަމަށް އިސްކަންދީގެން އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރުމަށް މަސަައްކަތްކުރަން ހިންގަވާށެވެ. ދުޢާއަކީ އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ އިމްތިޙާނަކުން ފާސްވުމުގެ ތައުފީޤު މާތް ﷲ މިންވަރުކުރެއްވުމެވެ.