ނަޞޭޙަތާއި އިރުޝާދު
ޙައްޖާއި ޢުމްރާގެ ޛިކުރުތައް

ތަލްބިޔާ
كَانَتْ تَلْبِيَةُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«لَبَّيْكَ اللهُمَّ لَبَّيْكَ.
لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ.
إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لَا شَرِيكَ لَكَ».
[مُتَّفَقٌ عَلَيهِ]
މާނައީ: ނަބިއްޔާ ﷺ ތަލްބިޔާ ވިދާޅުވަނީ މިފަދައިންނެވެ.
«لَبَّيْكَ اللهُمَّ لَبَّيْكَ. لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ. إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ، لَا شَرِيكَ لَكَ».
މާނައީ ” އޭ ﷲ! މިއަޅާ އިބަ އިލާހަށް އިޖާބައަކަށް ފަހު އިޖާބަ ދެމެވެ. މިއަޅާ އިބަ އިލާހަށް އިޖާބަދެމެވެ. އިބައިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. މިއަޅާ އިބަ އިލާހަށް އިޖާބަދެމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދާއި އެންމެހާ ނިޢުމަތާ އަދި އެންމެހާ ވެރިކަމެއްވަނީ އިބަ އިލާހަށެވެ. އިބައިލާހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި އިމާމް މުސްލިމް رحمهما الله]

ޠަވާފުކުރާއިރު، ޙަޖަރުލް އަސްވަދާ އަރައިހަމަވުމުން

«طَافَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِالْبَيْتِ عَلَى بَعِيرٍ؛ كُلَّمَا أَتَى الرُّكْنَ أَشَارَ إِلَيْهِ بِشَيْءٍ كَانَ عِنْدَهُ، وَكَبَّرَ».

[رَوَاهُ البُخَارِيُّ]

މާނައީ: “ނަބިއްޔާ ﷺ ޖަމަލުކޮޅު މަތީ ސަވާރުވެ އިންނަވައި ގެފުޅުގެ ވަށައިގެން ޠަވާފުކުރެއްވިއެވެ. ޙަޖަރުލް އަސްވަދާ އަރައިހަމަވަޑައިގަންނަވާ ކޮންމެ ފަހަރަކު އެކަލޭގެފާނުގެ އަތްޕުޅުގައި އޮންނަ ކޮންމެވެސް އެއްޗަކުން ޙަޖަރުލްއަސްވަދަށް އިޝާރަތްކުރައްވާ «اللهُ أَكْبَرُ» އޭ ވިދާޅުވެއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

ޠަވާފުކުރާއިރު ދެރުކުން (ޙަޖަރުލް އަސްވަދާއި ރުކުނުލް ޔަމާނީ) ދެމެދު ކިޔާ ދުޢާ

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ مَا بَيْنَ الرُّكْنَيْنِ: ﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾.

[رَوَاهُ أَبُو دَاوُدَ]

މާނައީ: “(ޠަވާފުކުރާއިރު) ދެރުކުނުގެ ދެމެދުގައި ނަބިއްޔާ ﷺ މިފަދައިން ވިދާޅުވެއެވެ.

﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾

[މާނައީ: “އަޅަމެންގެ ރައްބެވެ! ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާނދޭވެ!”]

[ރިވާކުރެއްވީ އަބޫ ދާވޫދު رحمه الله]

* ދެރުކުނަކީ ރުކުނުލް ޔަމަނީ އަދި ޙަޖަރުލް އަސްވަދެވެ.

ޞަފާއާއި މަރްވާ މަތީގައި ހުއްޓިހުރެ ކިޔާ ދުޢާ

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا صَعَدَ عَلَى الصَّفَا وَالْمَرْوَةِ: «اسْتَقْبَلَ الْقِبْلَةَ، فَوَحَّدَ اللهَ، وَكَبَّرَهُ، وَقَالَ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ.

لَا إِلَهَ إِلَّا اللهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ.

ثُمَّ دَعَا بَيْنَ ذَلِكَ.

قَالَ: مِثْلَ هَذَا – ثَلَاثَ مَرَّاتٍ -».

[رَوَاهُ مُسْلِمٌ]

މާނައީ: “ނަބިއްޔާ ﷺ ޞަފާ އަދި މަރްވާ ފަދުބަދައަށް އަރާވަޑައިގެން، ޤިބުލައަށް ކުރިމަތިފުޅުލައްވައި، ﷲ ގެ އެއްކައުވަންތަކަން ބަޔާންކުރައްވާ (އެބަހީ: لَا إِلَهَ إِلَّا اللهُ އޭ ވިދާޅުވެ) ތަކުބީރު ވިދާޅުވެ (އެބަހީ: الله أكبر އޭ ވިދާޅުވެ) މިފަދައިން ވިދާޅުވެއެވެ.

«لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ. لَا إِلَهَ إِلَّا اللهُ وَحْدَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَهُ»

[މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އެންމެހާ ވެރިކަމެއް ލިބިވޮޑިގެންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއް ލިބިވޮޑިގެންވަނީވެސް އެއިލާހަށެވެ. އަދި އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވެވޮޑިގެންވާ އިލާހެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހުގެ ވަޢުދުފުޅު އެއިލާހު ފުއްދަވައިފިއެވެ. އަދި އެއިލާހުގެ އަޅާއަށް ނަޞްރުދެއްވައިފިއެވެ. އަދި ދުޝްމިނުންގެ ޖަމާޢަތްތައް ގިނިކަންޏާ ބަލިކުރައްވައިފިއެވެ.”

ދެން އެއަށްފަހު އެ ދެމެދުގައި ދުޢާކުރެއްވިއެވެ. (އެބަހީ: މި ޛިކުރު ނިމުމުން ކޮންމެ ފަހަރަކު ދުޢާކުރެއްވިއެވެ. – މި ޛިކުރަށް ފަހު އެމީހަކު ބޭނުން ދުޢާއެއް ކުރެވިދާނެއެވެ. -)

މިފަދައިން އެކަލޭގެފާނު ތިންފަހަރު ވިދާޅުވިއެވެ. (އެބަހީ: މި ޛިކުރު ނިމުމުން، ދެން ދުޢާކުރެއްވިއެވެ. މިފަދައިން ތިންފަހަރު ޢަމަލުކުރެއްވިއެވެ.)”

[ރިވާކުރެއްވީ އިމާމު މުސްލިމް رحمه الله]

އަލްމަޝްޢަރުލް ޙަރާމް (މުޛްދަލިފާ)

أَتَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَشْعَرَ الْحَرَامَ: «فَاسْتَقْبَلَ الْقِبْلَةَ، فَدَعَاهُ، وَكَبَّرَهُ، وَهَلَّلَهُ، وَوَحَّدَهُ، فَلَمْ يَزَلْ وَاقِفًا حَتَّى أَسْفَرَ جِدًّا، فَدَفَعَ قَبْلَ أَنْ تَطْلُعَ الشَّمْسُ».

[رَوَاهُ مُسْلِمٌ]

މާނައީ: “ނަބިއްޔާ ﷺ އަލްމަޝްޢަރުލް ޙަރާމަށް (އެބަހީ: މުޛްދަލިފާއަށް) ވަޑައިގަތެވެ. ފަހެ، (ފަތިސްނަމާދު ކުރެއްވުމަށް ފަހުގައި) އެކަލޭގެފާނު ޤިބްލައަށް ކުރިމަތިލައްވާ ދުޢާކުރެއްވިއެވެ. އަދި اﷲ أكبر ، لا إلهَ إلَّا اللهُ އަދި لا إلهَ إلَّا اللهُ وَحدَه لا شَريكَ له މިފަދައިން ވިދާޅުވިއެވެ. ފަހެ، (އެ ގޮތުގައި) ރަނގަޅަށް އަލިވަންދެން އެކަލޭގެފާނު ކޮޅަށް ހުންނެވިއެވެ. އަދި އިރުއެރުމުގެ ކުރިން އެ ތަން (އެބަހީ: މުޒްދަލިފާ) ދޫކުރައްވާ ވަޑައިގެންނެވިއެވެ.”

[ރިވާކުރެއްވީ އިމާމު މުސްލިމް رحمه الله]

ޖަމްރާތަކަށް ހިލައުކުން
«كَانَ النَّبِيُّ ﷺ يُكَبِّرُ مَعَ كُلِّ حَصَاةٍ».

[مُتَّفَقٌ عَلَيهِ]

މާނައީ: “ނަބިއްޔާ ﷺ (ޖަމްރާތަކަށް ހިލައުއްކަވާއިރު) ކޮންމެ ހިލަކޮޅެއް އެއްލަވަމުން اللَّهُ أَكْبَرُ އޭ ވިދާޅުވެއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި އިމާމް މުސްލިމް رحمهما الله]

ޛަބަޙަކުރުން

«ضَحَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ، أَقْرَنَيْنِ، ذَبَحَهُمَا بِيَدِهِ، وَسَمَّى وَكَبَّرَ».

[مُتَّفَقٌ عَلَيهِ]

މާނައީ: “ﷲ ގެ އިސްފުޅު ގަނެ، اللَّهُ أَكْبَرُ ވިދާޅުވެ، ދަޅުފަޅާފައި ހުރި، أملح ދެ ކަންބަޅި ބަކަރި، ނަބިއްޔާ ﷺ އެކަލޭގެފާނު ދެ އަތްޕުޅުން ކަތިލެއްވިއެވެ.”

[ރިވާކުރެއްވީ އިމާމް ބުޚާރީ އަދި އިމާމް މުސްލިމް رحمهما الله]

* أملح ގެ މާނައަކީ އެއްޗެއްގައި ކަޅުކުލައަށް ވުރެއް ހުދުކުލަ ގިނަވުމުވެ.

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –

މަސްދަރު: ދިސަލަފިއްޔާ

57