ބްރޭކިން ޚަބަރުތައް އެހެން މީހުންނަށް ދޭ މީހުންނަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ވެސް މަޤުބޫލު ބައެކެވެ. އަބަދުވެސް އެ މުޖުތަމައެއްގެ އެންމެ ތާޒާ ޚަބަރުތައް އެ މީހެއްގެ އަތުގައި ހުންނާނެއެވެ. އެފަދަ މީހަކަށް ކޮފީ ދޭނެ މީހުން ވަރަށް ގިނަ ވާނެއެވެ. މަގު މަތިން މީހަކާ ބައްދަލު ވިޔަސް އެންމެނަށް (ގިނަ މީހުނަށް) އޭނަ މުހިންމު ވާނެއެވެ. އޭނައާ ވާހަކަ ދައްކާލަން މަޑުކޮށްލަން ބޭނުން ވާނެއެވެ. މި ސަބަބުތަކަށް ޓަކައި ގިނަ ބަޔަކު އެހެން މީހުނަށް ބްރޭކިން ޚަބަރުތައް ދޭން ބޭނުންވެއެވެ. ވަކިން ޚާއްޞަކޮށް ކުރިން މި ދެންނެވި ފަދައިން އެފަދަ ޚަބަރުތައް މީހުންނަށް އަބަދުހެން ދީއުޅޭ މީހެއްނަމަ އެ މީހަކު އެހެންމީހުންނަށް ވަރަށް ޚާއްޞަވެއެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް އެހެންމީހުންނަށް އަޅުގަނޑުމެން ޚާއްޞަވުމަށް އެދޭބަޔަކީމެވެ.
ފަހަރުގައި އެފަދަ މީހަކު އަޅުގަނޑުމެންގެ ޚަބަރެއް ވެސް އެހެން މީހުންނަށް އުފުލާދީ ފާނެއެވެ. އަދި އެކަމަށް އަޅުގަނޑުމެން ނުރުހުން ވެސް ވެދާނެއެވެ. އެހެންކަމުން ކޮންމެހެން ވެސް މިކަމުގެ ޙުކުމަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. އެހެން ނޫން ތޯއެވެ؟ އެކަމަކު ހަނދާންކުރާށެވެ! އަޅުގަނޑުމެން ފަދައިން ހަމަ އެއްވެސް މީހަކު އެމީހެއްގެ ޒާތީ ވާހަކައެއް އެހެން ބައެއްގެ ތެރޭގައި ދެކެވޭކަށް ބޭނުމެއް ނުވާނެއެވެ!
ތިމާއަށް އިވޭ ކޮންމެ ޚަބަރަކީ އެހެން މީހުންނަށް އެ ފޯރުކޮށްދޭން ޖެހޭ ޚަބަރެއް ނޫނެވެ. ނަމަވެސް އެހެން މީހުންގެ ވާހަކަތަކަކީ އަޅުގަނޑުމެންގެ ޠަބީޢަތު ހުންނަގޮތުން ވަރަށް އަޑުއަހާ ހިތްވާ ފަދަ ވާހަކަތަކެކެވެ. އިސްލާމްދީން ވަނީ މީސްތަކުންގެ ތެރޭގައި ފިތުނަ އުފެދޭ ޒާތްޒާތުގެ، ބާވަތްބާވަތުގެ ވާހަކަތައް ފެތުރުން ނަހީ ކުރައްވާފައެވެ. އޭގެ ސަބަބުން އެނގުމާއި ނޭނގުމުގެ ތެރެއިން އެހެންބަޔަކަށް އަޅުގަނޑުމެންގެ އަތްތަކުން، ނުވަތަ ދޫތަކުން ވިޔަސް ގެއްލުމެއް ފޯރާފާނެ ކަމަށްޓަކައެވެ.
އަޅުގަނޑުމެންގެ ތެރޭގައި ޚަބަރު ފަތުރާ ވަޞީލަތްތަކާއި ކުރިން މިދެންނެވި ފަދަ ޚަބަރުތައް ހިފައިގެން ރަށު ތެރޭގައި ހިނގާ މީހުން ފަތުރާ ފާޙިޝް އަދި މުންކަރާތްތަކުގެ ވާހަކަތައް އެއީ މާތް ﷲ ރުހިވޮޑިނުގަންނަވާ ކަމެއްކަން ބަޔާންކުރައްވާ ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴾ (سُورَةُ النُّور : 19) މާނައީ: ”ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، އަމަލު ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެ މީހުންނަށް ހުއްޓެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެއެވެ.“
މީސްތަކުންގެ ކިބައިން އިވޭ ޚަބަރުތައް ބަލައިގަތުމުގައި މާތް ﷲ ގެ ޝަރީޢަތުގައި ކަނޑައަޅުއްވާފައި ވަނީ ވަރަށް ވެސް ފުރިހަމަ ނިޒާމެކެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴾ (سُورَةُ الحُجُرَات : 6) މާނައީ: “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.“ އިސްލާމްދީން ބަލަނީ މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތަށެވެ. މީހަކު ފަތުރާލާ ޚަބަރަކުން ކިތަންމެ ބޮޑު ގެއްލުމެއް ވެސް ބަޔަކަށް ލިބިދާނެއެވެ. އެހެންކަމުން އެ ޤަބޫލުކުރުމުގެ ކުރިން އެމީހާގެ ޙާލަތަށް ބެލުމަށްފަހު ތެދުގޮދު ހޯދުމަށް މިވަނީ އަމުރުކުރައްވާފައެވެ.
އަޅުގަނޑުމެންނަށް އިވޭ ޚަބަރު ތަކަކީ ތެދެއްކަން ނުވަތަ ދޮގެއްކަން އެނގޭނީ އެކަމަކަށް ޔަޤީންކަން ލިބިގެންނެވެ. ހީއަކުން އެފަދަ ކަމަކަށް ހުކުމެއް ނުކުރެވޭނެއެވެ. ހީކުރުމާއި ޝައްކަކުން ޚަބަރެއްގެ ތެދުދޮގެއް ސާބިތެއް ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ﴾ (سُورَةُ الحُجُرَات: 12) މާނައީ: “ އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެ ތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ!“ ނުބައި ހީކުރުމަކީ އެފަދަ ހީކުރުން ތެދުކަމަށް ޤަބޫލުކުރެވޭނެ ސަބަބެކެވެ. އޭގެ ސަބަބުން މީސްތަކުންގެ ތެރޭގައި ޖާސޫސު ކުރެވެން މެދުވެރިވެއެވެ. އަދި ޖާސޫސުގެ ސަބަބުން މީސްތަކުންގެ ތެރޭގައި ޣީބަ ފެތުރިގެން ދެއެވެ. އަޅުގަނޑުމެން ނަޒަރުގައި ކުޑަކުޑަ ނުބައި ކަމެއްގެ ސަބަބުން އެ ފެތުރިގެން ދާގޮތް ބައްލަވާށެވެ! އަދި ވެސް މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ﴾ (سُورَةُ الإِسرَاء: 36) މާނައީ: “ އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބާ ނުވާށެވެ! “
އިސްވެ ބަޔާންވެދިޔަ އާޔަތްތަކުން އެނގިގެން ދަނީ މުސްލިމުންގެ ތެރޭގައި ޚަބަރުތައް ފެތުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކާއި، އެހެން މީހުންގެ ކިބައިން ޚަބަރުތައް ނެގުމުގައި ސަމާލުވާން ޖެހޭ ބައެއް ކަންކަމެވެ. އިސްލާމްދީނަކީ އެންމެ ފުރިހަމަ ވެގެންވާ ދީނެއެވެ. މުޖުތަމަޢުގެ އެންމެހައި އަފުރާދުންގެ މަޞްލަޙަތު ހިމާޔަތްކޮށްދޭ ދީނެވެ. އެހެންކަމުން އިވޭ ކޮންމެ ޚަބަރަކީ އެ ޤަބޫލުކުރަންޖެހޭ ޖެހޭ ޚަބަރެއް ނޫނެވެ. އަދި އިވޭ ކޮންމެ ޚަބަރަކީ އެ ފަތުރަން ޖެހޭ ޚަބަރެއް ވެސް ނޫނެވެ. އިވޭ ކޮންމެ ޚަބަރެއް ޤަބޫލުކޮށް އެ ފަތުރާ މީހަކީ ޚަބަރު އުފުލަން ކުފޫ ހަމަވާ މީހެއް ނޫނެވެ.