އަޚްލާޤު
ޢުމްރާކުރާ މީހާ ޙައިޟުވުން

ޢުމުރާ ދަތުރުގައި ޙައިޟުވާ މީހާ ޙައިޟުވާނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.

 

1- މީޤާތާ އަރާ ހަމަވުމުގެ ކުރިން ޙައިޟުވުން. (ޢުމުރާއަށް ނިޔަތް ގަތުމުގެ ކުރިން ޙައިޟުވުން) ނުވަތަ ޙައިޟުވެރިވެ ހުރެ ޢުމުރާއަށް ފުރަން ޖެހުން. މި ފަދަ ޙާލަތުގައި ކަންކުރާނެ ގޮތަކީ ޙައިޟުވެރިވެ ހުރި ކަމުގައިވިޔަސް ޢުމުރާއަށް ނިޔަތް ގަންނާނީއެވެ. އަދި ނިޔަތް ގަންނައިރު މިފަދައިން ކިޔަންވާނެއެވެ. «اللَّهمَّ مَحَلِّي حَيْثُ حَبَسْتَنِي» { أخرجه البخاري في «النكاح»: (٤٨٠١)،}

އޭރުން ކަމެއް ދިމާވެގެން ޢުމުރާގެ އަޅުކަން އަދާ ނުކުރެވުނު ކަމުގައިވިޔަސް ފިދުޔަ ދޭކަށް އަދި ފަހުން އަލުން އެ ނުކުރެވުނު ޢުމުރާ އިޢާދަކުރާކަށް ލާޒިމެއް ނުވާނެއެވެ.

ޢުމުރާއަށް ނިޔަތް ގަންނައިރު، ޠާހިރުކަންމަތީ ހުރުމަކީ ޝަރުޠެއް ނޫނެވެ. އެހެންކަމުން ޙައިޟުވެރިވެ ހުރެވެސް ޢުމުރާއަށް ނިޔަތް ގަނެވިދާނެއެވެ. މީޤާތުން ނިޔަތް ގަތުމަށްފަހު، އިޙްރާމްގައި ހުންނަ މީހާގެ މައްޗަށް ޙަރާމް ކަންތައްތައް، ޙައިޟުވެރިޔާގެ މައްޗަށްވެސް ދެމިއޮންނާނެއެވެ. މައްކާއަށް ދިޔުމަށްފަހުގައިވެސް، ޙައިޟުން ޠާހިރުވަންދެން އިޙްރާމްގެ މަތީގައި ދެމި ހުންނާނީއެވެ.

ޙައިޟުގެ ޙާލަތުގައި ހުރެގެންވެސް ނިޔަތް ގަނެވިދާނެ ކަމުގައި ދަލީލަކީ

عَنْ جَابِرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُمَا فِي حَدِيثِ أَسْمَاءَ بِنْتِ عُمَيْسٍ حِينَ نُفِسَتْ بِذِي الْحُلَيْفَةِ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ أَبَا بَكْرٍ رَضِيَ اللَّهُ عَنْهُ فَأَمَرَهَا أَنْ تَغْتَسِلَ وَتُهِلَّ . {رواه مسلم (1210)}

 

ޢަބްދުﷲ ބިން ޖާބިރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. އަސްމާ ބިންތި ޢުމައިސް ޛުލް ޚުލައިފާގައި (މަދީނާގެ އަހުލުވެރިންގެ މީޤާތުގައި) ވިހެއުމުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަމަނާ ހިނައިގަނެ އިޙްރާމް އެޅުމަށް އެކަމަނާއަށް އިރުޝާދު ދެއްވުމަށް، އަބޫބަކުރުގެފާނަށް ޙަދީޘްކުރެއްވިއެވެ.”

އިމާމު ނަވަވީ ވިދާޅުވިއެވެ. “ނިފާސްވެރިންނާއި ޙައިޟުވެރިން އިޙްރާމްއެޅުން (ނިޔަތްގަތުން) ޞައްޙަވެގެންވާ ކަމުގެ މައްޗަށާއި ނިފާސްވެރިންނާއި ޙައިޟުވެރިން އެދެކަމުން ޠާހިރުނުވިކަމުގައިވިޔަސް(ލޭ ނުކެނޑުނު ކަމުގައިވިޔަސް) އިޙްރާމަށްޓަކައި ހިނައިގަތުން މުސްތަޙައްބު ކަމުގެ މައްޗަށް މި ޙަދީޘް ދަލީލުކުރެއެވެ.”

އަދި ޙައިޟުވެރިންނާ ނިފާސްވެރިންނަށް ތަލްބިޔާ ވެސް ކިޔޭނެއެވެ.

عَنْ ابْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الْحَائِضُ وَالنُّفَسَاءُ إِذَا أَتَتَا عَلَى الْوَقْتِ (أَيْ : الْمِيقَات) تَغْتَسِلانِ وَتُحْرِمَانِ وَتَقْضِيَانِ الْمَنَاسِكَ كُلَّهَا غَيْرَ الطَّوَافِ بِالْبَيْتِ” {رَوَاهُ أَبُو دَاوُد (1744) وصححه الألباني في سنن أبي داود .}

 

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ޙައިޟުވެރިންނާއި ނިފާސްވެރިން މީޤަތަށް އައިސްފިނަމަ އެމީހުން ހިނައިގަނެ އިޙްރާމް އަޅައި (އަޅުކަމަށް ނިޔަތް ގަނެ) އަދި ކަޢުބާ ވަށައިގެން ޠަވާފުކުރުން ފިޔަވައި އަޅުކަމުގެ އެހެން ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާށެވެ.”

 

2- މީޤާތުން ނިޔަތް ގަތުމަށްފަހު، ޠަވާފު ކުރުމުގެ ކުރިން ޙައިޟުވުން: މި ޙާލަތުގައިވެސް ޢަމަލުކުރާނީ 1 ގައިވާ ގޮތަށެވެ. ޙައިޟުން ޠާހިރުވަންދެން އިޙްރާމްގެ މަތީގައި ދެމިހުންނާނީއެވެ. އިޙްރާމްގައި ހުންނަ މީހާގެ މައްޗަށް ޙަރާމްވެފައިވާ ކަންކަމަށް ސަމާލުކަން ދިނުމާ އެކުގައެވެ.

 

3- ޠަވާފު ކުރަމުން ދަނިކޮށް ޙައިޟުވުން: މިފަދަ ޙާލަތުގައި ކަންކުރާނެ ގޮތަކީ ޙައިޟުވެއްޖެނަމަ ވަޤުތުން ޠަވާފުކުރުން ހުއްޓާލުމެވެ. އެގޮތުން ޠަވާފުގެ 7 ބުރު ޖަހާ ނުނިމެނީސް ޙައިޟުވެއްޖެނަމަ، ޢަމަލުކުރާނެ ގޮތާމެދު ޢިލްމުވެރިންގެ މެދުގައި ދެ ޤައުލަކަށް ޚިލާފު ވެފައިވެއެވެ.

ހ- ޠަވާފު ކުރެވުނު ޙިސާބުން ހުއްޓާލާފައި ބާކީ ބައި ޙައިޟުން ޠާހިރުވުމުން ފުރިހަމަ ކުރާނީއެވެ. މީގެ މިސާލަކީ 4 ބުރު ޖަހާފައި ވަނިކޮށް ޙައިޟުވިނަމަ ޙައިޟުން ޠާހިރުވެ ބާކީ 3 ބުރު ޖެހުމެވެ. މި ބަސްފުޅަކީ ރަނގަޅު ބަސްފުޅެއް ނޫނެވެ. ބުރަދަން ބޮޑު އަދި ޞައްޙަ ބަސްފުޅަކީ

ށ- ޠަވާފު މެދު ކެނޑުނު މުއްދަތު ދިގު ނަމަ އަލުން ޠަވާފު ކުރަން ޖެހުމެވެ. ޝައްކެއްވެސް ނެތް ގޮތުގައި ޙައިޟުން ޠާހިރުވުމަށް ދިގު މުއްދަތެއް ނަގާނެއެވެ. ވީމާ އެންމެ ޞައްޙަ ބަސްފުޅަކީ ޠަވާފު ކުރަނިކޮށް ޙައިޟުވެއްޖެނަމަ، ޠަވާފުކުރުން ހުއްޓާލާފައި، ޙައިޟުން ޠާހިރުވުމުން އަލުން އައު ޠަވާފެއް (7 ބުރު) ފުރިހަމަ ކުރުމެވެ.

 

4- ޠަވާފުކޮށް ނިމުނު ފަހުން ޙައިޟުވުން: މިޙާލަތުގައި ދެން ޢުމުރާގެ ބާކީ ބައި ފުރިހަމަކުރާނީއެވެ. ޙައިޟުވެރިވެ ހުރެވެސް ސަޢްޔުކުރުމަކީ ހުއްދަކަމެކެވެ. މިއީ ހަތަރު މަޛްހަބުގެ އިމާމުންގެވެސް ރައުޔެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ރައުޔުވެސް މެއެވެ. ޞަފާ މަރުވާ ދޭތެރޭގައި ސަޢްޔުކުރާއިރު ޙަދަޘުން ޠާހިރުވެހުރުމީ ސަޢްޔު ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ.

ދަލީލަކީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢާއިޝަތުގެފާނު ޙައްޖަތުލް ވަދާޢުގައި ޙައިޟުވުމުން އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ.

 

( افْعَلِي كَمَا يَفْعَلُ الْحَاجُّ غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي ) {رواه البخاري (1650}

 

“ކަމަނާ ޠާހިރުވަންދެން، ޙައްޖުވެރިން ކަންތައްކުރާ ފަދައިން ކަންތައް ކުރާށެވެ. ކަޢުބާ ވަށައިގެން ޠަވާފުކުރުން ފިޔަވައެވެ.”

 

ޙައިޟުވެރިވެގެން ޢުމުރާ ކުރެވޭނެ ގޮތް މެދުވެރިނުވުން

ޢުމުރާގެ މުއްދަތުގެ ތެރޭގައި ޙައިޟުގެ ސަބަބުން ޢުމުރާ އަދާނުކުރެވުނުނަމަ މިދުޢާ «اللَّهمَّ مَحَلِّي حَيْثُ حَبَسْتَنِي» ކިޔައިގެން އަޅުކަމުގެ ތެރެއަށް ވަތްނަމަ އެކަމުގައި އެއްވެސް ކަމެއް އޭނާގެ މައްޗަށް ލާޒިމެއް ނުވާނެއެވެ. އެގޮތުން އެ ޢުމުރާ އަލުން އިޢާދަ ކުރުމާއި ފިދުޔަ ދިނުންފަދަ ކަމެއްވެސް ކުރާކަށް ނުޖެހޭނެއެވެ.

މިފަދަ ޙާލަތެއްގައި ލޭ މަނާކުރާ ބޭހެއް ނުވަތަ އިންޖެކްޝަނެއް ބޭނުންކުރުމަށްފަހު ލޭ މަނާކޮށްގެން ޠަވާފު ކުރެވިދާނޭކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. (ބައްލަވާ “مجموع فتاوى ابن عثيمين” (22/ 392) . ) އަދި އެފަދަ ބޭހެއް ބޭނުން ކުރުމުގެ ސަބަބުން ގެއްލުން ވާނަމަ އަދި ޙައިޟުގެ ޙާލަތާ ހެދި ޠަވާފު ނުކޮށް (ޢުމުރާ ނުކޮށް) ފުރަންޖެހިއްޖެނަމަ މިއީ ޟަރޫރީ ޙާލަތެއްގައި ކަމުން، މިސްކިތަށް ލޭގެ އަސަރު ނުކުރާނޭހެން ބަންދުކޮށް، ޠަވާފު ކުރެވިދާނޭކަމަށްވެސް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. އެއީ الضَروراتُ تُبيحُ الـمَحْظوراتِ. ޟަރޫރީ ޙާލަތުގައި ޙަރާމްކަންކަން ހުއްދަކުރެވިގެން ވެއެވެ. in cases of necessity things that are ordinarily forbidden are allowed. މި ޤާޢިދާގެ ދަށުންނެވެ. މިގޮތަށް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އާއި އެކަލޭގެފާނުގެ ދަރިވަރު އިބްނުލް ޤައްޔިމް ރަޙިމަހުﷲ ފަތުވާ ދެއްވާފައިވެއެވެ. (ބައްލަވާ: “فتاوى إسلامية” (2/ 238) .) އަދި ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވާގޮތުންނަމަ މި މައްސަލާގައި ރާޖިޙު ބަސްފުޅަކީ މިއީ އެވެ. (ބައްލަވާ “فتاوى إسلامية” (2/237) .)

 

 

 

މަރްޖިޢުތައް

فتوى الشيخ محمد ابن عثيمين رحمه الله رسالة 60 سؤال في الحيض

https://ar.islamway.net/fatwa/30962

https://islamqa.info/ar/answers/49992

https://islamqa.info/ar/answers/143089

https://islamqa.info/ar/answers/14217

 

އާރޓިކަލްގެ ލިންކު

https://shafiu.mv/2314/

3