ކުށްތަކާއި، އޭގެ މާނައަށް ބަދަލު އަންނަވަރުގެ އިމްލާ ކުށްތައް ނުވަތަ ޗާޕުކުރުމުގެ ކުށްތައްވެސް ހުރެދާނެއެވެ. އަދި އެ ދުޢާތައް ތިމާގެ އަމިއްލަ ނަފުސަށް ކުރެއެވެ. އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގިހުރެއެވެ. ވަރަށް ޢަޖައިބުކުރުވަނިވި ކަންތައްތައްވެސް މިކަމާ ބެހޭގޮތުން އަޑުއިވިފައިވެއެވެ. ޠަވާފުކުރާމީހާ، އޭނާގެ ރައްބަށް ދުޢާކުރުމުގައި، އޭނާއަށް އެނގޭ ދުޢާއެއް ކުރާނަމަ އޭނާއަށް އެކަމުގެ މަންފާ ބޮޑުވެފައި ހެޔޮކަން ބޮޑުވެގެންވެއެވެ. އޭރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ތަބަޢަވެވުނީއެވެ.
ޠަވާފުކުރާ ބައެއް މީހުންނަށް ހެދޭ ގޯސްތަކުގެ ތެރޭގައި މީހެއްގެ ފަހަތުގައި ޖަމާޢަތެއް ހަދައިގެން ޠަވާފުކޮށް، އެމީހާގެ އަޑު ދަށުން، ޖަމާޢީކޮށް ބާރު އަޑުން ދުޢާ ކިޔުމާއި، އަޑުގަދަކުރުމާއި، ޠަވާފުކުރާ އެހެނިހެން މީހުންނަށް އެކަމުގެ ސަބަބުން އުނދަގޫވުމާއި، އެމީހުންނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގުން ހިމެނެއެވެ. މިކަމުގެ ސަބަބުން އަޅުކަމުގެ މަޑުމައިތިރިކަމާއި މަޑުމޮޅިކަން ގެއްލިގެންދެއެވެ. އަދި އެ އަމާންކަން ލިބިގެންވާ ޙަރަމްފުޅުގައި އަޅުކަންކުރުމުގައި ޙަރަކާތްތެރިވާ ﷲ ގެ އަޅުތަކުންނަށް އުނދަގޫވެއެވެ.
ނަމާދުކޮށް، ކީރިތި ޤުރުއާން ބާރަށް ކިޔަވައި އުޅުނު ބައެއްގެ ތެރެއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުމެވަޑައިގެން، ޙަދީޘުކުރެއްވިއެވެ. (( كُلُّكُم يُنَاجِي رَبَّهُ فَلَا يَجْهَرْ بَعْضُكُم عَلَى بَعْضٍ فِي القُرْآنِ )) [رواه مالك في الموطأ وقال ابن عبدالبر وهو حديث صحيح] މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިޔަ މުނާޖާ ދަންނަވަނީ އެމީހެއްގެ ރައްބަށެވެ. ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ކީރިތި ޤުރުއާން ކިޔެވުމުގައި އަޑުހަރުނުކުރާށެވެ.”
އެގޮތަށް ޖަމާޢީކޮށް ދުޢާކުރުމުގައި އިސްކޮށް ހުންނަމީހާ، އެބައިމީހުން ގޮވައިގެން ކަޢުބާގެ ކައިރިއަށް ގޮސް، އެތާނގައި ހުއްޓި، އެވެނި މިވެނި ގޮތަށް ކަންތައްކުރާށޭ، މިފަދައިން ކިޔާށޭ، ތިޔަބައިމީހުން ލޯބިކުރާ ދުޢާއެއް ކުރާށޭ، ބުނެފިނަމަ، އެބައިމީހުންވެސް މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއެކު، އެބައިމީހުންގެ ރައްބަށް ބިރުވެތިކަމާއި އުއްމީދުކުރުމާއެކު ދުޢާކުރާނެއެވެ. އަދި އެބައިމީހުން ކުރާނީވެސް އެބައިމީހުން ދަންނަ، މާނަ އެނގޭ އެބައިމީހުން ޤަޞްދުކުރާ ދުޢާތަކެވެ. އޭރުން އެއްކަލަ ޖަމާޢީ ދުޢާކުރާ ކުރުމުގެ ސަބަބުން މީސްތަކުންނަށް ވާ އުނދަގޫތަކުން މީސްތަކުންވެސް ސަލާމަތްވީއެވެ.
އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله
ތަރުޖަމާކުރީ: محمد شافع بن عبد الغفور
ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر