ނަޞޭޙަތާއި އިރުޝާދު
ސުވަރުގެ ވަނީ އަހަރެމެންނާ ވަރަށް ކައިރީގައިތަ؟

ކޮންމެ މުސްލިމަކު ވެސް ދުނިޔެއިން ވަކިވުމަށްފަހު އާޚިރަތުގެ މަންޒިލަކަށް ބޭނުން ވާނީ ސުވަރުގެއެވެ. އަދި މި ބުނެވުނީ ރަނގަޅަކަށް ނޫނެވެ. ކޮންމެ އިންސާނެއް ވެސް ސުވަރުގެ ބޭނުން ވެއެވެ. އެއީ ޣައިރު މުސްލިމެއް ކަމުގައި ވިޔަސް އެމީހެއްގެ ޢަޤީދާއަކާ އެއްގޮތަށް ނުވަތަ އެ ޤަބޫލުކުރާ ގޮތަކަށް ސުވަރުގެއެއް ބޭނުން ވެއެވެ. ނަމަވެސް މުސްލިމަކަށް ވެގެން ނޫނީ އާޚިރަތް ދުވަހުން ސުވަރުގެއަށް ވަދެވޭނެ މަގެއް ނެތެވެ. ސުވާލަކީ އަހަރެމެންނާ ސުވަރުގެ އާ ހުރި ދުރުމިނަކީ ނުވަތަ ގާތް މިނަކީ ކޮބާ ބާވައެވެ؟

ޢަބްދު ﷲ އިބްނު މަސްޢޫދުގެ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. جَنَّةُ أَقْرَبُ إِلَى أَحَدِكُمْ مِنْ شِرَاكِ نَعْلِهِ وَالنَّارُ مِثْلُ ذَلِكَ މާނައީ: ”ތިޔައިން މީހެއްގެ ފައިވާނުގެ ވަދަށްވުރެ ސުވަރުގެ ވަނީ، އެ މީހަކާ ގާތުގައެވެ. އަދި ނަރަކަ ވެސް ވަނީ، ހަމަ އެފަދައިންނެވެ.“

އެކަލޭގެފާނު މިސާލު ޖައްސަވާފައި މިވަނީ އަހަރެމެން އެންމެވެސް ވަރަށް ރަނގަޅަށް ދަންނަ އެއްޗެއްގެ މިސާލެވެ. އަދި އެއަށް ވަރަށް ބޮޑަށް ޙާޖަތްޖެހި، އޭގެ ޙާލަތު ވަރަށް ރަނގަޅަށް އެނގޭ އެއްޗެއްގެ މިސާލެވެ. އެއީ ފައިވާނުގެ ވަދެވެ. ފައިވާނަކީ ކޮންމެ ދުވަހަކު ވެސް އަހަރެމެން އެއަށް އަރައިގެން އުޅޭ، އަހަރެމެން ލާއުޅޭ ހެދުމެއް ފަދައިން ބޭރުގައި އުޅޭނަމަ އަހަރެމެންނާ ވަކިނުވެ ހުންނަ އެއްޗެކެވެ.

މި ޙަދީޘުން އަހަރެމެންނަށް އުވާފެރި ޚަބަރެއް ލިބޭފަދައިން ބިރުވެރި ނުވަތަ އިންޒާރުގެ ޚަބަރެއް ވެސް ލިބިގެން އެބަދެއެވެ. އެންމެ ފުރަތަމަ އުފާވެރި ޚަބަރަށް ބަލާލަމާ ހިނގާށެވެ. ޙަދީޘްގައި ބަޔާންވެގެންވަނީ އަހަރެމެން ލާއުޅޭ ފައިވާނުގެ ވަދަށްވުރެ ސުވަރުގެ ވަނީ އަހަރެމެންނާ ކައިރީގައި ކަމުގައެވެ. ދަންނަވަން ތޯއެވެ. އެއީ އަހަރެންނަކީ ހެޔޮޢަމަލު ކޮށްއުޅޭ މީހުން ކަމުގައި ވާނަމައެވެ. މާތް ﷲ އަމުރު ކުރައްވާފައިވާ ކަންކަން ބަރާބަރަށް އަދާކޮށް ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ ތިބޭ ނަމައެވެ. އެފަދަ މީހަކާ ސުވަރުގެއާ ހުރި ކައިރިމިނެވެ. މާނައަކީ އޭނާ ސުވަރުގެ ދިއުމާ ދެމެދުގައިވާ ހުރަހަކީ މަރު ކަމުގައެވެ.

ޙަދީޘުން އަހަރެމެންނަށް އިންޒާރު ދެނީ ނަރަކައަށް ވަދެދާނެ ފަދަ ޢަމަލުތަކުން ރައްކާތެރިވެ ތިބުމަށެވެ. ހަމަކަށަވަރުން ވެސް ނަރަކައަކީ އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު އެތަނަކަށް ދާން ހިތް އެދޭނެ ތަނެއް ނޫނެވެ. އެހެންކަމުން އަހަރެމެންގެ މައްޗަށް ވަނީ ނަރަކައަށް ދާނެ ފަދަ ނުބައި ޢަމަލުތަކުން ދުރުހެލިވެ ތިބުމެވެ. އެއީ އަހަރެމެންނަށް ކުރެވޭ (އަހަރެމެންގެ ނަޒަރުގައި) ކިތަންމެ ކުޑަ ޢަމަލެއްގެ ސަބަބުން ވެސް ނަރަކައަށް ވަންނަން ޖެހިދާނެއެވެ. އަދި ދާއިމަށް އެތާނގައި އޮންނަން ޖެހި ދާނެއެވެ.

އަހަރެމެންނަށް މި ޙަދީޘުން ސާފުކޮށް އެނގިގެން ދަނީ މާތް ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަންތައް ތަކަކީ ސުވަރުގެ ދިއުމަށް މަގުފަހިވާ ކަމެއް ކަމުގައެވެ. އަދި ފާފައަކީ މީހާ ނަރަކައާ ގާތް ކުރުވާ ކަމެއް ކަމުގައެވެ. މީހާ ނުބައި ޢަމަލު ދޫކޮށް ހެޔޮ ޢަމަލު ކުރަމުން ގެންދާނަމަ ސުވަރުގެ އޭނާއާ ގާތްވަމުން ދެއެވެ. އަދި ހެޔޮ ޢަމަލު ދޫކޮށް ނުބައި ޢަމަލު ކުރަމުން ގެންދާނަމަ ނަރަކަ އެމީހާއާ ގާތް ވަމުން ދެއެވެ.

ސުވަރުގެ ޙާޞިލުކުރުމަކީ ހެޔޮ ޢަމަލުކުރުމުގައި ދެމިހުންނަ މީހާ އަށް ވަރަށް ފަސޭހަ ކަމެއް ކަމާއި، އަދި ފާފައިގެ އަހުލުވެރިޔާއަށް ނަރަކަ ވެސް ހަމަ އެފަދަކަން ޙަދީޘުން އަހަރެމެންނަށް ދޭހަވެއެވެ.

މާތް ﷲ އަޅަމެން އެންމެން ސުވަރުގެ ވައްދަވާ ނަރަކައިން މިންޖު ކުރައްވާށި! އާމީން.

 

5