އެކަކު އަނެކަކު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބޭ، އެންމެ ރަނގަޅު މީހަކީ އިސްވެ ވާހަކަ ދައްކާ މީހާ: ހުކުރުޚުތުބާ
ތިޔަބައިމީހުންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިން ހަނދުމަކުރާށެވެ! ތިޔަބައިމީހުންގެ މުޖުތަމަޢުގައި އޮތް ޒަމާންވީ ރީތި އަޚްލާޤިއްޔާތަށް ތަބާވެ ތެދު ބުނާށެވެ! ދޮގު ނަހަދާށެވެ! މުޖުތަމަޢު ބައިބައިވެ ނިކަމެތިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! ލޮބުވެތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ފަދައިން، ކޮންމެ މީހަކުވެސް ހެޔޮކަމުގެ ތަޅުތަނޑިއަކަށް ވާށެވެ! އަދި ނުބައި ކަންތަކުގެ ތަޅަކަށް ވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިއައިސް، ވާހަކަ ނުދައްކައި ނުތިބޭށެވެ! އެންމެ ރަނގަޅު މީހަކީ އިސްވެ ވާހަކަ ދައްކާ މީހާއެވެ.
އަހަރެމެންގެ މެދުގައި ވަޙްދަތު ޤާއިމުކުރުމަށް ބޭނުންވާނަމަ އިސްލާމްދީނުގެ އަޚްލާޤުން އަހަރަމެންގެ ޒީނަތްތެރިވާން ޖެހެއެވެ. އެއްބަޔަކު އަނެއް ބަޔަކަށް އަޅާފައި ހެޔޮފޯރުވަން ޖެހެއެވެ. ރަޙްމަތްތެރިކަމާއި އެކުވެރިކަން ޤާއިމުކުރަން ޖެހެއެވެ. އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެން ޖެހެއެވެ. އިސްލާމީ ވަޙްދަތާއި އީމާންކަމުގެ އުޚުއްވަތްތެރިކަން ޤާއިމު ކުރެވޭނީ، އަރައިރުންތަކާއި، ދެބަސްވުންތަކާއި، ބައިބައިވުމުން އެކަހެރިވެ ތިބެގެންނެވެ. އަމިއްލަ މަސްލަހަތުތަކާއި، ދުންޔަވީ މަންފާތަކަށް ވުރެ، މުޖުތަމައާއި ޤައުމާއި، އުއްމަތުގެ މަސްލަހަތުތައް އިސްކޮށްގެންނެވެ.