ނަޞޭޙަތާއި އިރުޝާދު
ޢުމްރާ ކުރާނެ ގޮތް

އުޙްރާމް ބަނުން:

އިޙްރާމް ބަނުމޭ ބުނެވޭ ބަހުގެ މާނައަކީ ޢުމްރާ ކުރުމަށް މީގާތުން ނިޔަތް ގަތުމެވެ. އިޙްރާމް ހެދުން އަޅައިގެން ހުރި ނަމަވެސް އެހުރީކީ އަދި އިޙްރާމް ބަނދެވިފަ އެއް ނޫނެވެ. އިޙްރާމް ހެދުން އަޅައިގެން ދަތުރު ކޮށްފައި ގޮސް މީގާތުން ނިޔަތް ގަންނަ ހިސާބުން އެހުރީ އިޙްރާމް ބަނދެވިފައެވެ.

މީގާތުން ނިޔަތް ގަންނަ ހިނދުގައި ( ލައްބައިކައްލޯހުއްމަ ޢުމްރަތަން ) މިފަދައިން ދުލުން ކިޔާ ޢުމްރާ އެއް ކުރުމަށް ހިތުން ނިޔަތް ގަތުން އެދެވިގެން ވެއެވެ.

ފިރިހެނުން އިޙްރާމް ބަންނާނީ އިޒާރަކާއި ރިދާ އަކުންނެވެ. (ތިރިން އަނދެފައި ހުންނަ ފޮތިގަނޑަކާއި ކޮނޑުމަތިން އަޅާލެވިފައި ހުންނަ ރިދާ އެކެވެ.) އެއްވެސް ފެހުމެއް ހުރެގެން ނުވާނެއެވެ. ބޮޑަށް އެދެވިގެންވަނީ ހުދުކުލައިގެ ދެފޮށާ ބޭނުން ކުރުމެވެ.

އަންހެނުން އިޙްރާމް ހެދުން އަޅާ އިރު ވަކި ވައްތަރެއްގެ ވަކި ކުލައެއްގެ ހެދުމެއް ލުމެއް ނެތެވެ. އެކަނބަލުން ޢާއްމުކޮށް ލައި އުޅޭ ހެދުން ލުމުން ފުދޭނެއެވެ. ހުދުކުލައިގެ ހެދުން ލުމުން ދުރުހެލިވާން ވާނެއެވެ. އެއީ ފިރިހެނުންނާއި އެއްގޮތް ވުމުން ދުރުވުމަށާއި، ހުދުކުލަ އަކީ އަލިކުލަ އެއް ކަމުން ގައިގެ ތަންތަން ނިވާވުން ކުޑަވާނެތީވެއެވެ.

ޢުމްރާ އަށް ނިޔަތްގަތުމުގެ ކުރިން ފެންވަރާ ގައިގާ ހުވަނދުލާ ހެދުން އެދެވިގެން ވެއެވެ.

އިޙްރާމް ހެދުން އެޅުމަށްފަހު ކުރަން ވަކި ސުންނަތް ނަމާދެއް ނޯވެއެވެ. ނަމަވެސް، ފަރްޟު ނަމާދެއްގެ ވަގުތާއި ދިމާވެއްޖެނަމަ އެނަމާދަކަށް ފަހު އިޙްރާމް ހެދުން އެޅުން ސުންނަތް ވެގެންވެއެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވީ އެގޮތަށް ކަމަށް ވުމެވެ.

އިޙްރާމް ބަނުމަށް ފަހު، ތަލްބިޔާ ކިޔުން ގިނަކުރުން ސުންނަތް ވެގެންވެއެވެ. ތަލްބިޔާ ކިޔާނެ ގޮތަކީ (ލައްބައިކައްލޯހުއްމަ ލައްބައިކަ، ލައްބައިކަ ލާ ޝަރީކަ ލަކަ ލައްބައިކަ، އިންނަލް ޙަމްދަ ވައްނިޢްމަތަ ލަކަ ވަލްމުލްކު، ލާ ޝަރީކަ ލަކަ.) ތަލްބިޔާ ކިޔާ އިރު ފިރިހެނުން ބާރަށް ކިޔުން އެދެވިގެން ވެއެވެ. އަދި އަންހެނުން ތަލްބިޔާ ކިޔާނީ މަޑުންނެވެ. ތަލްބިޔާ ކިޔުން ހުއްޓާލާނީ މައްކާ އަށް ގޮސް ޠަވާފު ކުރަން ފަށަންވީމައެވެ.

އިޙްރާމް ހެދުން ހަޑިވެ ކަމެއް ދިމާވެއްޖެނަމަ، އެހެން ހެދުމަކަށް ބަދަލު ކުރުމަކީ މައްސަލަ އެއް ނޫނެވެ. އަދި ގެއިން އިޙްރާމް ހެދުން އަޅައިގެން ދަތުރު ފެށުމަކީވެސް މައްސަލަ އެއް ނޫނެވެ. ނަމަވެސް، ޢުމްރާ ކުރުމަށް ނިޔަތް ގަންނާނީ މީގާތާއި އަރާ ހަމަވުމުންނެވެ.

ކުރިންވެސް ބުނެވުނު ފަދައިން އަންހެން ކަނބަލުން ވަކި ކުލަ އަކުން ހެދުން ލުން ލާޒިމެއް ނޫނެވެ. ޢާއްމު ކޮށް ލައި އުޅޭ ހެދުން އިޙްރާމެއްގެ ގޮތުގައި ފުދޭނެއެވެ.

އިޙްރާމް ހެދުން އަޅައިގެން ހުންނަ އިރު، އަތަށް އަންގި ލެއްވުމާއި މޫނުގައި ނިގާބު އެޅުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް ބުރުގާ ބޮޑުކޮށްލައިގެން އަތްތިލަ ނިވާ ކުރެވިދާނެއެވެ. އަދި ނިގާބު ނާޅާ، ހަމައެކަނި މޫނުމަތީ އަޅާ ފޮތި ކޮޅަކުން މޫނު ނިވާކޮށްލެވިދާނެއެވެ. އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް މަނާވެގެންވަނީ ނިގާބު އެޅުމާއި އަންގި ލެއްވުމެވެ. އަތާއި މޫނު ނިވާ ކުރުން މަނާ ވެގެން ނުވެއެވެ. ނޯޓް: (ނިގާބަކީ ބޮލުންފެށިގެން މޫނުމައްޗަށް ވައްޓާލެވިފައިވާ ފޮތިކޮޅަކަށް ކިޔޭ ނަމެކެވެ.)

ޠަވާފު ކުރުން:

 

ޠަވާފަކީ ކަޢްބާ (ގެފުޅު) ވަށައިގެން ހަތްބުރު ޖެހުމެވެ. ކޮންމެ ބުރެއްވެސް ފަށާނީ ޙަޖަރުލް އަސްވަދި އާއި ހަމައިންނެވެ. ނިންމާނީވެސް އެހިސާބަށެވެ.

ޠަވާފު ކުރާއިރު ގެފުޅު ހުންނަންވާނީ މީހާގެ ވާތްފަރާތަށް ވާ ގޮތަށެވެ.

ޠަވާފުގެ ފުރަތަމަ ތިން ބުރުގައި ރަމްލު ކުރުން އެދެވިގެންވެއެވެ. ރަމްލު ކުރުމުގެ މާނައަކީ ކައިރިކައިރީގައި ފިޔަވަޅު އެޅުމެވެ.

މުޅި ޠަވާފުގައިވެސް ފިރިހެނުން ކަނާތު ކޮނޑު ހާމައަށް ބެހެއްޓުން ސުންނަތް ވެގެންވެއެވެ.

ޠަވާފުކޮށް ނިމުމުން ދެކޮނޑުވެސް ފޮރުވަންވާނެއެވެ.

ޠަވާފު ކުރާ އިރު ޙަޖަރުލް އަސްވަދަށް ސަލާމް ކުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. (ސަލާމް ކުރުމޭ ބުނެވުނު ބަހުގެ މާނައަކީ ޙަޖަރުލް އަސްވަދުގައި އަތްލާފައި ބޮސްދިނުމެވެ.) ނަމަވެސް، މީހުން ގިނަވެ، ނުވަތަ ތިމާ އެކަން ކުރަން އުޅެފިނަމަ އެހެން މީހުންނަށް އުނދަގޫވެދާނެ ކަމަށް ހީވާނަމަ، އަތުން އިޝާރާތް ކޮށްފައި ކުރިޔަށް ދިޔުން ރަގަޅެވެ.

ޠަވާފު ކުރާ އިރު ރުކްނުލް ޔަމާނީގައި އަތްލުން ސުންނަތްވެގެން ވެއެވެ. ނަމަވެސް ރުކްނުލް ޔަމާނީ އަށް ބޮސްދިނުމެއް ނެތެވެ. ރުކްނުލް ޔަމާނީގައި އަތްލުމުގެ ފުރުޞަތު ނުލިބިއްޖެނަމަ ކޮންމެހެން އިޝާރާތް ކުރުމެއް ނެތެވެ. (ޙަޖަރުލް އަސްވަދުގައި ނަމަ އަތްނުލެއްވިއްޖެ ނުވަތަ ބޮސް ނުދެވިއްޖެ ޙާލަތުގައި އަތުން އިޝާރާތް ކުރުން އޮވެއެވެ. ނަމަވެސް ރުކްނުލް ޔަމާނީގައި އަތްނުލެވިއްޖެ ޙާލަތުގައި އަތުން އިޝާރާތް ކުރުމެއް ނޯވެއެވެ.)

ޙަޖަރުލް އަސްވަދިގައި އަތްލާ ހިނދު ނުވަތަ ބޮސްދޭހިނދު ނުވަތަ އިޝާރާތް ކުރާ ހިނދު (ﷲ އަކްބަރު) ކިޔުން ސުންނަތް ވެގެން ވެއެވެ.

ރުކްނުލް ޔަމާނީ އާއި ޙަޖަރުލް އަސްވަދާއި ދެމެދުގައި ޠަވާފު ކުރާ ހިނދު (ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار) މިފަދައިން ކިޔުން ސުންނަތް ވެގެން ވެއެވެ.

ޠަވާފު ކުރާ އިރު ކިޔަން ވަކި ޚާއްޞަ ދުޢާ އެއް ވާރިދުވެފައި ނެތެވެ. އެމީހަކު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަމަކަށް އެދި ބޭނުން ބަހަކުން ދުޢާ ކުރަންވީއެވެ. ކޮންމެ ބަހަކުން ދުޢާ ކުރިނަމަވެސް، ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ޠަވާފުކުރަމުން ދާއިރު ގުރްއާން ކިޔެވިނަމަވެސް އެންމެ ރަގަޅެވެ.

ޠަވާފު ކުރުމަށް ވުޟޫ ހުރުން ލާޒިމް ވެގެންވެއެވެ. ޠަވާފު ކުރަމުން ދަނިކޮށް ވުޟޫ ގެއްލިއްޖެނަމަ ވުޟޫކޮށްގެން އަލުން ޠަވާފު ފަށާނީއެވެ.

ޠަވާފު ކުރަމުން ދަނިކޮށް ފަރްޟު ނަމާދަށް ގަމަތް ދީފިނަމަ، ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރާނީއެވެ. އަދި ނަމާދު ނިމިގެން ޠަވާފުގެ ބާކީ އޮތްބައި ފުރިހަމަ ކުރާނީއެވެ. އަލުން ފަށާކަށް ނުޖެހޭނެއެވެ. (ވުޟޫ ގެއްލިއްޖެނަމަ ވުޟޫކޮށްގެން އަލުން ޠަފާފު ފަށަން ޖެހުނު ނަމަވެސް، ފަރްޟު ނަމާދުގެ ޖަމާޢަތުގައި ބައިވެރި ވުމަށް ޠަވާފު މެދުކަނޑާލައިގެން އަލުން ޠަވާފު ފަށާކަށް ނުޖެހެއެވެ.)

ޙައިޟުވެރިޔާ ޙައިޟު ރަގަޅުވަންދެން ޠަވާފުނުކޮށް ގޭގައި މަޑުކޮށްލާނީއެވެ. އޭނާ އަށް އިޙްރާމް ކެނޑޭނީ (އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް މަނާވެފައިވާ ކަންތައް ކުރެވޭނީ ޙައިޟު ރަގަޅުވެ ޢުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އެވެ.)

އަންހެން ބޭފުޅުން ޙައިޟު މަނާކުރާ ބޭސް ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، އެބޭސް ބޭނުން ކުރުމުގެ ސަބަބުން އިތުރު ގެއްލުމެއް ނުލިބޭނެ ކަމަށްވަނީނަމައެވެ. ގެއްލުމެއް ލިބޭނެނަމަ ބޭނުން ކޮށްގެން ނުވާނެއެވެ.

ޠަވާފުގައި ބުރުގެ ޢަދަދާއި މެދު ޝައްކުވެއްޖެނަމަ، ޔަގީންވާ ވަރަށް ކުރާނީއެވެ.

މަގާމު އިބްރާހީމް ގައި ނަމާދު ކުރުން:

 

ޠަވާފުކޮށް އަވަދިވެގެން މަގާމު އިބްރާހީމްގައި ނަމާދު ކުރުމަށް ދާހިނދުގައި (واتخذوا من مقام إبراهيم مصلى ) މި އާޔަތް ކިޔެވުން އެދިވިގެންވެއެވެ.

ޢުމްރާ ކުރާ މީހަކު ޠަވާފުކޮށް އަވަދިވެގެން މަގާމު އިބްރާހީމްގައި ދެރަކްޢަތް ނަމާދެއް ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި ސޫރަތުލް ކާފިރޫން ކިޔަވަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި ސޫރަތުލް ފާތިޙާ އަށް ފަހުގައި ސޫރަތުލް އިޚްލާޞް ކިޔަވަންވާނެއެވެ.

މީހުން ގިނަވުމުގެ ސަބަބުން މަގާމު އިބްރާހީމް ކައިރީގައި ނަމާދު ކުރުމުގެ ފުރުޞަތު ނުލިބިއްޖެނަމަ ޙަރަމްގެ ކޮންމެ ސަރަޙައްދެއްގައި ނަމާދު ކުރިޔަސްވެސް އެންމެ ރަގަޅެވެ.

ދެރަކްޢަތް ނަމާދުކޮށް އަވަދިވެގެން ޒަމްޒަމް ފެން ބުއިން ސުންނަތްވެގެން ވެއެވެ. އެއަށްފަހު ޙަޖަރުލް އަސްވަދިގައި ބޮސްދިނުމަށް ދާނީއެވެ. ނަމަވެސް މީހުން ގިނަވެ، އެކަން ކުރުން އުނދަގޫ ކަމަކަށް ވާނަމަ ޞަފާ މަރްވާ އާއި ދިމާލަށް ސަޢްޔު ފެށުމަށް ޓަކައި ދާނީއެވެ.

ސަޢްޔު ކުރުން:

 

ސަޢްޔު ކުރުމަކީ ޞަފާ އާއި މަރްވާ އާއި ދެމެދު ހަތް ބުރު ޖެހުމެވެ. ފަށާނީ ޞަފާ އިންނެވެ. ނިންމާނީ މަރްވާ އަށެވެ.

ޞަފާ ފަރުބަދަ އާއި ކައިރި ވުމުން (إن الصفا والمروة من شعائر الله فمن حج البيت أو اعتمر فلا جناح عليه أن يطوف بهما ومن تطوع خيرا فإن الله شاكر عليم ) މި އާޔަތް ކިޔެވުން ސުންނަތް ވެގެން ވެއެވެ. އަދި މިއާޔަތް ކިޔެވުމަށްފަހު (އަބްދައު ބިމާ ބަދައަ ﷲ ބިހީ) މިފަދައިން ކިޔާނީއެވެ. މިކަން ކުރާނީ ހަމައެކަނި ފުރަތަމަ ބުރުގައެވެ.

ޞަފާ ފަރުބަދަ މައްޗަށް އަރާފައި ގެފުޅާއި ދިމާލަށް ކުރިމަތިލާ ދެއަތް މައްޗަށް ނަގާފައި (ﷲ އަކްބަރު، ﷲ އަކްބަރު، ﷲ އަކްބަރު، ލާއިލާހަ އިއްލަﷲ ވަޙްދަހޫ ލާޝަރީކަ ލަހޫ ލަހުލް މުލްކު ވަލަހުލް ޙަމްދު ވަހުވަ ޢަލާ ކުއްލި ޝައިއިން ގަދީރް، ލާއިލާހަ އިއްލަﷲ ވަޙްދަހޫ، ލާ ޝަރީކަ ލަހޫ، އަންޖަޒަ ވަޢްދަހޫ ވަނަޞަރަ ޢަބްދަހޫ، ވަހަޒަމަލް އަޙްޒާބަ ވަޙްދަހޫ) މިފަދައިން ކިޔުމަށް ފަހު އެމީހަކު ބޭނުން ދުޢާ އެއް ކުރަންވީއެވެ. އެއަށްފަހު އަނެއްކާވެސް ކުރީގައި ކީ ޛިކްރު (ﷲ އަކްބަރު، ﷲ އަކްބަރު، ﷲ އަކްބަރު، ލާއިލާހަ އިއްލަﷲ ވަޙްދަހޫ ލާޝަރީކަ ލަހޫ ލަހުލް މުލްކު ވަލަހުލް ޙަމްދު ވަހުވަ ޢަލާ ކުއްލި ޝައިއިން ގަދީރް، ލާއިލާހަ އިއްލަﷲ ވަޙްދަހޫ، ލާ ޝަރީކަ ލަހޫ، އަންޖަޒަ ވަޢްދަހޫ ވަނަޞަރަ ޢަބްދަހޫ، ވަހަޒަމަލް އަޙްޒާބަ ވަޙްދަހޫ) ކިޔާނީއެވެ. އަނެއްކާވެސް ބޭނުން ދުޢާ އެއް ކުރާނީއެވެ. އެއަށްފަހު އަނެއްކާވެސް ކުރީގެ ޛިކްރު ތަކްރާރު ކުރާނީއެވެ. މިފަދައިން ތިން ފަހަރު ހަމަ ކުރުމަށް ފަހު މަރްވާ އާއި ދިމާލަށް ހިނގައި ގަންނާނީއެވެ.

އިސްވެ ބުނެވުނު ޛިކްރާއި ތަކްބީރު ކިޔާ ވަގުތު އަޑުހަރުކުރުން ސުންނަތް ވެގެން ވެއެވެ. އަދި ދުޢާ ކުރާ އިރު ސިއްރުން ކުރުން އެދެވިގެން ވެއެވެ.

މަރްވާ އާއި ހަމަވުމުން މަރްވާ ފަރުބަދަ މައްޗަށް އެރުމަށްފަހު ގައިވެސް ކުރިން ބުނެވުނު ޛިކްރާއި ތަކްބީރު (ﷲ އަކްބަރު، ﷲ އަކްބަރު، ﷲ އަކްބަރު، ލާއިލާހަ އިއްލަﷲ ވަޙްދަހޫ ލާޝަރީކަ ލަހޫ ލަހުލް މުލްކު ވަލަހުލް ޙަމްދު ވަހުވަ ޢަލާ ކުއްލި ޝައިއިން ގަދީރް، ލާއިލާހަ އިއްލަﷲ ވަޙްދަހޫ، ލާ ޝަރީކަ ލަހޫ، އަންޖަޒަ ވަޢްދަހޫ ވަނަޞަރަ ޢަބްދަހޫ، ވަހަޒަމަލް އަޙްޒާބަ ވަޙްދަހޫ) ތިން ފަހަރަށް ކިޔާ، އަދި އެދެމެދުގައި ދުޢާ ކުރުން ސުންނަތް ވެގެން ވެއެވެ.

ސަޢްޔު ކުރަމުން ދާއިރު ފެހިކުލައިގެ ދެހޮޅިބުރި އާއި ދެމެދުގައި އާދައިގެ ހިނގުމަށްވުރެ ތަންކޮޅެއް ބާރަށް ހިނގާލުން ނުވަތަ ދުވެލުން ސުންނަތް ވެގެންވެއެވެ. އެނޫން ހިސާބުތަކުގައި އާދައިގެ ހިނގުމެއް ހިނގާނީއެވެ.

ޞަފާ މަރްވާ ފަރުބަދައިގެ ކޮޅަށް އެރުން ލާޒިމެއް ނޫނެވެ. ދެފަރުބަދަ ފެށޭ ހިސާބުގައި ފައި ޖައްސާލުމުން ފުދޭނެއެވެ. ނަމަވެސް ކުޅަދާނަކަން ލިބިގެންވާނަމަ ފަރުބަދައިގެ ކޮޅަށް އެރުން ރަގަޅެވެ.

ސަޢްޔު ކުރާއިރު ވުޟޫ ހުރުން ލާޒިމެއް ނޫނެވެ. ވުޟޫ ނެތި ސަޢްޔުކުރިނަމަވެސް ޞަޢްހަވާނެއެވެ. ނަމަވެސް މޮޅުއިތުރު ގޮތަކީ ވުޟޫ މަތީގައި ހުރެގެން ސަޢްޔު ކުރުމެވެ.

ސަޢްޔު ކުރާއިރު ކިޔުމަށް ވަކި ޚާއްޞަ ދުޢާ އެއް ނޯވެއެވެ. އެމީހަކު ބޭނުން ދުޢާ އެއް ބޭނުން ބަހަކުން ކުރަންވީއެވެ. ކޮންމެ ބަހަކުން ދުޢާ ކުރިނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ދުޢާ އިޖާބަ ކުރައްވާނެއެވެ. ސަޢްޔު ކުރާއިރު ގުރްއާން ކިޔެވި ނަމަވެސް ރަގަޅުވާނެއެވެ.

ސަޢްޔު ކުރަމުން ދަނިކޮށް ނަމާދަށް ގަމަތްދީފިނަމަ ޖަމާޢަތުގައި ނަމާދު ކޮށްލާނީއެވެ. އަދި ނަމާދު ނިމިގެން މެދުކަނޑާލި ހިސާބުން ފެށިގެން ކުރިޔަށް ގެންދާނީއެވެ.

ސަޢްޔު ކުރާއިރު ކަނާތްފަރާތު ކޮނޑު ދައްކާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ދެކޮނޑުވެސް ބަހައްޓާނީ ފޮރުވާފައެވެ.

ޢުމްރާ ފާސިދުވެދާނެ ފަދަ އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ.

ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުން:

 

ބޯ ކުރުކޮށް ކޮށުން ނުވަތަ ބޭލުމަކީ ޢުމްރާގެ ވާޖިބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބޯ ކޮށުމަށްވުރެ މޮޅުއިތުރު ގޮތަކީ ބޯ ބޭލުމެވެ. ސަބަބަކީ ބޯ ބޭލި މީހާ އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިން ފަހަރަށް ދުޢާ ކޮށްދެއްވިއެވެ. އަދި ބޯ ކޮށި މީހާ އަށް ދުޢާ ކޮށްދެއްވީ އެންމެ ފަހަރަކުއެވެ.

ބޯ ކޮށާނަމަ ބޮލުގެ ހުރިހާ ދިމާލަކުން ކޮށަން ވާނެއެވެ. ވަކި ދިމާލަކުން ކޮށައިގެން ނުފުދޭނެއެވެ.

އަންހެނުންނަށް ބޯ ބޭލުމެއް ނެތެވެ. އެކަނބަލުންނަށް އޮތީ ބޮލުން އިސްތައްޓެއް ކަނޑާލުމެވެ.

ބޯ ކޮށުމުން ނުވަތަ ބޭލުމުން އެހިސާބުން ޢުމްރާގެ ކަންތައް ނިމުނީއެވެ. އަދި އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް ޙަރާމްވީ ކަންތައްތައް އޭނާގެ މައްޗަށް ހުއްދަވީއެވެ.

މީހަކު ހަނދާން ނެތިގެން ބޯ ނުކޮށާ ނުވަތަ ނުބާލާ އިޙްރާމް ހެދުން ބޭލިއްޖެނަމަ ހަނދާންވީ އިރަކުން އަލުން އިޙްރާމް ހެދުން ލާފައި ބޯ ކޮށާނީ ނުވަތަ ބާލާނީއެވެ. އޭނާގެ މައްޗަށް އިތުރު ކަމެއް ކުރުމެއް ނެތެވެ. ސަބަބަކީ އެކަން އެގޮތަށްވީ ހަނދާން ނެތިގެން ކަމަށްވީތީވެއެވެ.

އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް މަނާވެގެންވާ ކަންތައްތައް:

 

އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް މަނާވެގެންވާ ކަންތައްތަކަކީ އިޙްރާމް ބަނުމުގެ ސަބަބުން (މީގާތުން ޢުމްރާ ވުމަށް ނުވަތަ ޙައްޖުވުމަށް ނިޔަތް ގަން ހިސާބުން އިޙްރާމް ކެނޑުމާއި ހަމައަށް) އެކަމެއް ކުރުމުން ދުރުހެލިވާން ޖެހޭ ކަންތައްތަކެވެ. ތިރީގައި މިވަނީ އެކަންތައްތަކެވެ.

 

ބޮލުން އިސްތަށްޓެއް ކެނޑުން. ސޫރަތުލް ބަގަރާގެ 196 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُۚ ) މާނައަކީ: ”އަދި هَدْى، އެ ކަތިލުމުގެ محل އަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ!“ މީގެ ތެރޭގައި ހަށިގަނޑުގެ އެއްވެސް ގުނަވަނަކުން އިސްތަށިކޮށުން ނުވަތަ ބޭލުން ހިމެނެއެވެ. މީގެ އިތުރުން ނިޔަފަތި ކެނޑުންވެސް ހިމެނެއެވެ.

އިޙްރާމް ބަނުމަށްފަހުގައި ހެދުމުގައިވެސް އަދި ހަށިގަނޑުގައިވެސް، އެއްވެސް ކަހަލަ މީރުވަސް ދުވާ ޛާތުގެ އެއްޗެއް ބޭނުން ނުކުރުން. عَنِ ابْنِ عَبَّاسٍ ، “ أَنَّ رَجُلا كَانَ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَوَقَصَتْهُ نَاقَتُهُ وَهُوَ مُحْرِمٌ فَمَاتَ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : اغْسِلُوهُ بِمَاءٍ وَسِدْرٍ ، وَكَفِّنُوهُ فِي ثَوْبَيْهِ ، وَلا تُمِسُّوهُ بِطِيبٍ ، وَلا تُخَمِّرُوا رَأْسَهُ ، فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّيًا “ މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި މީހަކު އިޙްރާމް ބަނދެގެން ހުއްޓާ މަރުވެގެން ޖަމަލުމަތިން ވެއްޓުނެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ”ފެނުންނާއި ކުންނާރުފަތުން އޭނާ ފެންވަރުވާށެވެ. އަދި އޭނާގެ ދެހެދުމުން (އިޙްރާމްގެ ދެފޮށާއިން) ކަފުންކޮށްލާށެވެ. އެއްވެސް ކަހަލަ މީރުވަސް ދުވާ އެއްޗެއް ނުލާށެވެ. އަދި ބޯވެސް ނުފޮރުވާށެވެ. ހަމަކަށަވަރުން ގިޔާމަތް ދުވަހުގައި އޭނާ މަޙްޝަރު ކުރެވޭނީ ތަލްބިޔާ ކިޔާމީހެއްގެ ގޮތުގައެވެ.“

ޖިމާޢު ވުން. ސޫރަތުލް ބަގަރާގެ 197 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ) މާނައަކީ: ”ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ.“

ޝަހްވަތާއި އެކު ލޯބިކޮށް ގައިގޯޅިވެ ހެދުން. އިޙްރާމް ބަނދެގެން ހުންނަ މީހާ އަށް ކައިވެނި ނުކުރެވޭ އިރުގައި ކައިވެނި މަތީގައި ހުރެގެން ލޯބި ކުރުންވެސް މަނާވެގެން ވެއެވެ.

ކައިވެނި ކުރުން، އަދި ކައިވެންޏަށް އެންގޭޖްވުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَا يَنْكِحُ الْمُحْرِمُ ، وَلَا يُنْكَح ، ولَا يَخْطُبُ ) މާނައަކީ: ”އިޙްރާމް ބަނދެގެން ހުންނަ މީހާ ކައިވެނި ކުރުމެއް، އަދި ކައިވެނި ކޮށްދިނުމެއް އަދި ކައިވެންޏަށް އެންގޭޖްވުމެއްވެސް ނުވެއެވެ.“

އެއްގަމު ޝިކާރަ ކުރުން. ސޫރަތުލް މާއިދާގެ 95 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنتُمْ حُرُمٌ ) މާނައަކީ: ”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (حج އަކަށް، ނުވަތަ عمرة އަކަށް) ތިޔަބައިމީހުން إحرام ބަނދެގެންތިބެ (އެއްގަމު) ޝިކާރަ قتل ނުކުރާށެވެ!“

ފިރިހެނުން ފަހާފައި ހުންނަ އެއްވެސް އެއްޗެއް ލައިގެން ނުވާނެއެވެ. عَنِ ابْنِ عُمَرَ ، أَنَّ رَجُلًا سَأَلَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ , مَا يَلْبَسُ الْمُحْرِمُ ؟ قَالَ : “ لَا يَلْبَسُ الْقَمِيصَ وَلَا الْعَمَائِمَ ، وَلَا السَّرَاوِيلَاتِ ، وَلَا الْبَرَانِسَ, وَلا الْخِفَافَ , إِلَّا أَنْ لَا يَجِدَ نَعْلَيْنِ فَلْيَلْبَسْ نَعْلَيْنِ , وَيَقْطَعْهُمَا أَسْفَلَ الْكَعْبَيْنِ , وَلَا يَلْبَسُ مِنَ الثِّيَابِ شَيْئًا مَسَّهُ الزَّعْفَرَانُ وَالْوَرْسُ) މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އިޙްރާމް ބަނދެގެން ހުންނަ މީހާ އަށް ލެވޭނީ ކޮންކަހަލަ ހެދުމެއްތޯ މީހަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ކުރިއެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. ”ގަމީހެއް، ފަގުޑި އެއް، ހަރުވާޅެއް، ބަރާނިސް (ފެންވަރާ ނިމިގެން ލައި އުޅޭ ކޯޓު)، ޚުއްފެއް ނުލެވޭނެއެވެ. ނަމަވެސް ފައިވާނެއް ނުލިބިއްޖެ މީހާ ޚުއްފަކަށް އެރިޔަސް މައްސަލަ އެއް ނެތެވެ. ނަމަވެސް ތަނބިކައްޓަށްވުރެ މައްޗަށް އިންނަބައި ބުރިކޮށްލާށެވެ. އަދި ޒަޢްފަރާނެއް ނުވަތަ ވަރަސް (މީރުވަސް ދުވާ އެއްޗެއް) ލާފައި ހުރު ހެދުމެއް ލައިގެން ނުވާނެއެވެ.

އަންހެނުން އިޙްރާމް ހެދުމުގައި ތިބޭއިރުގައި ނިގާބް (ބޮލުން ފެށިގެން މޫނުމައްޗަށް ވައްޓާލާފައި އޮންނަ މޫނު ނިވާކުރާ ފޮތިކޮޅު) އަޅައިގެން ނުވާނެއެވެ. އަދި ހަމައެފަދައިން އަތަށް އަންގިވެސް ލައްވައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި މޫނު ނިވާކުރަން ބޭނުންނަމަ ވަކިން ފޮތިކޮޅަކުން މޫނު ނިވާކުރެވިދާނެއެވެ. ނޫންނަމަ ބުރުގާ އިން އަތްތިލަ ފޮރުވޭ ވަރުގެ ދިގު ބުރުގާ އެއް އެޅިދާނެއެވެ.

ނޭނގުމެއްގެ ތެރޭގައި، ނުވަތަ ހަނދާން ނެތިގެން ނުވަތަ މަޖްބޫރުވެގެން މިއިން ކަމެއް ކޮށްފިމީހާގެ މައްޗަށް ފާފައެއް ނެތެވެ. ސޫރަތުލް އަޙްޒާބްގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ ) މާނައަކީ: “ އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ.“ މި އާޔަތުން ދޭހަވަނީ ނޭނގިގެން ނުވަތަ ހަނދާން ނެތިގެން ކުށެއް ކުރިކަމުގައިވީނަމަވެސް އެމީހެއްގެ މައްޗަށް ފާފައެއް ނެތް ކަމެވެ. ސޫރަތުއް ނަޙްލުގެ 106 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠٦﴾ ) މާނައަކީ: “ إيمان ކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ حال، مجبور ވެގެންވާ މީހާ މެނުވީ، إيمان ވުމަށްފަހު، اللَّه އަށް كافر ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: مجبور ވެގެންވިޔަސް) كافر ކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللَّه ގެ حضرة ން ކޯފާލެއްވުންހުށްޓެވެ. އަދި ބޮޑުވެގެންވާ عذاب، އެއުރެންނަށްހުށްޓެވެ.“ ވީމާ، މަޖްބޫރީވެގެން ކަމެއް ކުރުމަކުން ފާފައެއް ނެތެވެ.

 

އިޙްރާމް ބަނދެގެން ހުންނަ މީހާގެ މައްޗަށް މަނާވެގެންވާ ކަމެއް ހަނދާންނެތި ކުރެވެމުންދަނިކޮށް، ހަނދާންވެއްޖެނަމަ، ނުވަތަ މީހަކު ހަނދާންކޮށްދީފިނަމަ، ވަގުތުން އެކަމެއް ދޫކޮށްލަން ޖެހޭނެއެވެ. އަދި މަޖްބޫރީވެގެން މިއިން ކަމެއް ކުރަމުންދިޔަ މީހަކު މަޖްބޫރީކަން ފިލުމާއި އެކު އެކަމެއް ވަގުތުން ހުއްޓާލަން ޖެހޭނެއެވެ. މިޘާލަކަށް: ހަނދާންނެތި ބޯ ނިވާކޮށްފި މީހާ، ހަނދާންވުމާއި އެކު ބޯ ކަޝްފު ކުރަން ޖެހޭނެއެވެ. އަދި ހަނދާންނެތި ގައިގާ މީރުވަސްދުވާ އެއްޗެއް ލެވިފައިވާނަމަ، ހަނދާންވުމާއި އެކު އެތަނެއް ދޮވެ ވަސްކަނޑުވާލަން ޖެހޭނެއެވެ.

މަދީނާ އަށް ޒިޔާރަތް ކުރުން

 

މަދީނާ އަށް ޒިޔާރަތް ކުރުމުގެ ޙުކުމާއި އޭގެ މާތްކަން:

 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޒިޔާރަތް ކުރުމަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭނެ އެންމެ ހެޔޮ ޢަމަލު ކަމުގައިވާނެ ކަމާއި މެދުގައި ޢިލްމުވެރިން އިއްތިފާގުވެލައްވައެވެ. މި ޒިޔާރަތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތަށް ޒިޔާރަތް ކުރުމަށްވެސް ނިޔަތް ގަންނަން ވާނެއެވެ. އެހެނީ، އެމިސްކިތުގައި ކުރެވޭ އެންމެ ނަމާދަކީ އެހެން އެއްވެސް މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދާއި އެއްފަދަ ނަމާދެއްކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފައިވެއެވެ. ޙަދީޘް ކުރައްވާފައިވެއެވެ. (لَا تُشَدُّ الرِّحَالُ إلَّا إلَى ثَلَاثَةِ مَسَاجِدَ : الْمَسْجِدِ الْحَرَامِ وَمَسْجِدِ الرَّسُولِ وَبَيْتِ الْمَقْدِسِ ) މާނައަކީ: ”ތިންމިސްކިތަކަށް މެނުވީ ދަތުރު ހަދާފައި ދިޔުމެއް ނެތެވެ. މަސްޖިދުލް ޙަރާމާއި، ރަސޫލާގެ މިސްކިތާއި އަދި ބައިތިލް މަގްދިސް އެވެ.“ އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ زَارَ قَبْرِي وَجَبَتْ لَهُ شَفَاعَتِي ) މާނައަކީ: ”ތިމަންކަލޭގެފާނުގެ ގަބުރުފުޅަށް ޒިޔާރަތް ކޮށްފި މީހާ އަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ވާޖިބު ވެއްޖެއެވެ.“ އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ. ( مَنْ زَارَ قَبْرِي بَعْدَ مَوْتِي ، كَانَ كَمَنْ زَارَنِي فِي حَيَاتِي ) މާނައަކީ: ”ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުގައި ތިމަންކަލޭގެފާނަށް ޒިޔާރަތް ކުރިމީހާ، ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ޒިޔާރަތް ކުރިފަދަ އެވެ.“

 

މަދީނާ އަށް ޒިޔާރަތް ކުރުމުގެ އަދަބުތައް:

 

މަދީނާ އަށް ދަތުރުކުރާ ހިނދު އޭނާގެ ދަތުރަކީ ބަރަކާތް ލެއްވިގެންވާ އަދި ﷲ ގެ ޙަޟްރަތުގައި ގަބޫލު ވެގެންވާ ފަދަ ދަތުރެއް ކަމުގައި ލެއްވުން އެދި ގިނަ ގިނައިން ދުޢާ ކުރަންވާނެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން އިތުރު ކުރަން ވާނެއެވެ.

މަދީނާ އަށް ޒިޔާރަތް ކުރުމުގެ ކުރިން ފެންވަރާ ޠާހިރުވެ ރީތި ހެދުމެއް ލުން އެދެވިގެން ވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތާއި ހަމަވުމުން މިސްކިތަށް ވަނުމަށް ކަނާތުފައި އިސްކޮށް ނިކުތުމަށް ވާތުފައި އިސްކުރަންވާނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތަށް ވަދެ އެތަނުގައިވާ ”ރައުޟާ“ ނުވަތަ ”ސުވަރުގޭގެ ބިންކޮޅު“ ގައި ތަޙިއްޔަތުލް މަސްޖިދި ކުރާށެވެ. އަދި އެއަށްފަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަބުރުފުޅަށް ޒިޔާރަތް ކުރާށެވެ. އަދި އަޑުހަރުނުކޮށް މަޑުމަޑުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ސަލާމް ކުރާށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަބުރުފުޅަށް ޒިޔާރަތް ކުރާ ހިނދު އަންނަނިވި ޛިކްރު ކިޔާށެވެ. (السلام عليك يا رسول الله, السلام عليك يا نبي الله السلام عليك يا حبيب الله, السلام عليك يا خيرة خلق الله, السلام عليك يا صفوة الله, السلام عليك يا سيد المرسلين وخاتم النبيين, السلام عليك يا قائد الغر المحجلين, السلام عليك وعلى أهل بيتك الطيبين الطاهرين, السلام عليك وعلى أزواجك الطاهرات أمهات المؤمنين, السلام عليك وعلى أصحابك أجمعين, السلام عليك وعلى سائر عباد الله الصالحين, جزاك الله يا رسول الله أفضل ما جزى نبياً ورسولاً عن أمته, وصلى الله عليك كلما ذكرك الذاكرون, وغفل عن ذكرك الغافلون. أشهد أن لا إله إلا الله, وأشهد أنك عبده ورسوله, وأمينه وخيرته من خلقه, وأشهد أنك قد بلغت الرسالة, وأديت الأمانة, ونصحت الأمة, وجاهدت في الله حق حهاده )

ވަގުތު ދަތިވެއްޖެނަމަ މި ޛިކްރުގެ އެއްބައި ކީ ނަމަވެސް މައްސަލަ އެއް ނެތެވެ.

އެއަށްފަހު ކުޑަތަންކޮޅެއް ކުރިޔަށް ޖެހިލާފައި އަބޫބަކުރު ރަޟިޔަﷲ ޢަންހު އަށް ސަލާމް ކުރާށެވެ. އަދި އަންނަނިވި ޛިކްރު ކިޔާށެވެ. (السلام عليك يا خليفة رسول الله، السلام عليك يا صاحب رسول الله في الغار، السلام عليك يا رفيقه في الأسفار، السلام عليك يا أمينه على الأسرار، جزاك الله عن الإسلام والمسلمين خيراً، اللهم ارض عنه وارض عنا به )

އެއަށްފަހު ކުޑަތަންކޮޅެއް ކުރިޔަށް ޖެހިލާފައި ޢުމަރު ރަޟިޔަﷲ ޢަންހު އަށް ސަލާމް ކުރާށެވެ. އަދި އަންނަނިވި ޛިކްރު ކިޔާށެވެ. (السلام عليك يا أمير المؤمنين، السلام عليك يا من أيد الله به الدين، جزاك الله عن الإسلام والمسلمين خيراً، اللهم ارض عنه وارض عنا به )

ބަގީޢް އާއި އުޙުދު، އަދި ގުބާ އަށް ޒިޔާރަތް ކުރުން:

 

މަދީނާގައި ހޭދަކުރާ ކޮންމެ ދުވަހަކު ބަގީޢަށް ޒިޔާރަތް ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބަގީޢަށް ޒިޔާރަތް ކުރާ ހިނދުގައި އަންނަނިވި ޛިކްރު ކިޔާށެވެ. (السلام عليكم دار قوم مؤمنين، وإنا إن شاء الله بكم لاحقون، اللهم اغفر لأهل البقيع، اللهم اغفر لنا ولهم )

ގެއިން ވުޟޫކޮށްގެން ގުބާ މިސްކިތަށް ޒިޔާރަތް ކުރާށެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެ ހޮނިހިރު ދުވަހެއްގައި ގުބާ މިސްކިތަށް ޒިޔާރަތް ކުރައްވައެވެ. ބައެއް ފަހަރު ހިންގަވާފައެވެ. އަނެއްބައި ފަހަރަށް ސަވާރީ އެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވެއެވެ. (مَنْ تَطَهَّرَ فِي بَيْتِهِ ، ثُمَّ أَتَى مَسْجِدَ قُبَاءَ ، فَصَلَّى فِيهِ صَلَاةً كَانَ لَهُ كَأَجْرِ عُمْرَةٍ) މާނައަކީ: ”ގެއިން ވުޟޫކޮށްގެން، ގުބާ މިސްކިތަށް އައިސް، ނަމާދެއް ކޮށްފިނަމަ ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު އެމީހަކަށް ލިބޭނެއެވެ.“

އުޙުދުގެ މައިދާނަށާއި އެހަނގުރާމާގައި ޝަހީދުވީ ބޭކަލުންނަށް ޒިޔާރަތް ކުރުން. عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ : “ يَقُولُ خَرَجْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى خَيْبَرَ أَخْدُمُهُ ، فَلَمَّا قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَاجِعًا وَبَدَا لَهُ أُحُدٌ ، قَالَ : “ هَذَا جَبَلٌ يُحِبُّنَا وَنُحِبُّهُ) މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޚިދުމަތް ކުރެއްވުމަށް ޓަކައި އެކަލޭގެފާނުގެ އަރިހުގައި ޚައިބަރަށް ނިކުމެ ވަޑައިގަތީމެވެ. އެނބުރި ވަޑައިގަތް މަގުމަތީގައި އުޙުދު ފަރުބަދަ ފެނިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ. ”މިއީ އަހަރުމެން ދެކެ ލޯބިވާ ފަރުބަދަ އެކެވެ. އަދި އަހަރުމެންވެސް އެފަރުބަދަ ދެކެ ލޯބިވަމެވެ.“

އުޙުދު ފަރުބަދައިގެ ކައިރީގައި ހިޖްރައިން 3 ވަނަ އަހަރުގައި މަޝްހޫރު އުޙުދު ހަނގުރާމަ ހިނގައިދިޔައެވެ. އަދި މި ހަނގުރާމާގައި 70 ޞަޙާބީން ޝަހީދުވެގެން ދިޔައެވެ. މިހުރިހާ ބޭކަލުންވެސް ފަސްދާނަލެވިފައިވަނީ އެމައިދާނުގައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ގިނައިން އުޙުދުގެ ޝަހީދުންނަށް ޒިޔާރަތް ކޮށް ހެއްދެވިއެވެ.

އުޙުދުގެ ޝަހީދުންނަށް ޒިޔާރަތް ކުރައްވާ ހިނދު އަންނަނިވި ދުޢާ ވިދާޅުވި އެވެ. (السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَإِنَّا إِنْ شَاءَ اللَّهُ لَلَاحِقُونَ أَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ) މާނައަކީ: ”މުއިމިނުންނާއި މުސްލިމުންގެ ތެރެއިން މިގޯތީގެ އަހްލުވެރިންނަށް ސަލާމް ހުއްޓެވެ. ﷲ އިރާދަ ކުރެއްވިއްޔާ އަހަރުމެންވެސް އަދި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަމެވެ. އަހަރުމެންނާއި ތިޔަބައިމނީހުންގެ ފާފަ ފުއްސަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ.“

އުޙުދު ހަނގުރާމާގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ހަނދާން އާކޮށް ޢިބްރަތް ޙާޞިލް ކުރުން ހުއްޓެވެ.

އުޙުދު ފަރުބަދަ މައްޗަށް އެރުމުން ވަކި އިތުރު ދަރުމަ އާއި ޘަވާބު ލިބޭނެ ކަމަށް އެއްވެސް ދަލީލެއް އައިސްފައި ނުވެއެވެ.

މަދީނާގެ ޒިޔާރަތް ނިންމާލުން:

 

މަދީނާގެ ޒިޔާރަތް ނިންމާލާފައި ފުރައިގެން ދިޔުމުގެ ކުރިން މަސްޖިދުއްނަބަވީގައި ނަމާދުކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޒިޔާރްތް ކޮށް، ތިމާ މީހާގެ ފާފަ ފުއްސަވައި ދެއްވުމަށާއި ޢުމުރުގައި ބަރަކާތް ލެއްވުމަށާއި އަދި މިއީ ރަސޫލާގެ މަގްބަރާ އަށް ޒިޔާރަތް ކުރެވޭ އެންމެ ފަހު ފަހަރު ކަމުގައި ނުލެއްވުމަށާއި ގިނަގިނައިން މިބިމަށް އައިސް ރަސޫލާގެ މަގްބަރާ އަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ދެއްވުން އެދި ތަކްރާރުކޮށް ދުޢާ ކުރުން އެދެވިގެން ވެއެވެ. والله أعلم.

 

45