ނަރަކަ ވާހަކަ ދައްކާނެތަ؟
އާނއެކެވެ. ނަރަކަ ވާހަކަ ދައްކާނެއެވެ. އެކަން ޤުރުއާނާއި ސުންނަތުން ޘާބިތުވެއެވެ.
މާތްﷲ ވަޙީކުރެއްވިއެވެ.
{ یَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِیدࣲ }
(سورة ق:30)
“އެދުވަހަކީ، ތިމަންރަސްކަލާނގެ، ނަރަކަޔަށް، ކަލޭ ފުރިއްޖެހޭ ވަޙީ ކުރައްވާނޭ ދުވަހެވެ. އަދި އެ ނަރަކަ، ދެން އިތުރަކަށް ނެތްތޯއޭ ދަންނަވާނޭ ދުވަހެވެ.”
ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.
( لَا تَزَالُ جَهَنَّمُ تَقُولُ هَلْ مِنْ مَزِيدٍ ، حَتَّى يَضَعَ رَبُّ الْعِزَّةِ فِيهَا قَدَمَهُ ، فَتَقُولُ قَطْ قَطْ وَعِزَّتِكَ ، وَيُزْوَى بَعْضُهَا إِلَى بَعْضٍ ).
البخاري (6661)، ومسلم (2848)
“‘ދެން އިތުރަކަށް ނެތް ތޯއެވެ؟’ މިފަދައިން ދެންނެވުމުގައި ނަރަކަވާނެތެވެ. މަތިވެރިވަންތަ އިލާހު އެކަލާނގެ ފައިންޕުޅު ނަރަކައިގައި އެޅުއްވުމަށް ދާންދެނެވެ. އެހިނދު ނަރަކަ ދަންނަވާނެއެވެ. ‘އިބަ އިލާހުގެ މަތިވެރިވަންތަކަން ގަންދެއްވައި ދަންނަވަމެވެ. ފުދިއްޖެއެވެ. ފުދިއްޖެއެވެ.’ އަދި އެނަރަކަ އެކަތި އަނެކެއްޗަށް ވަދެ ކުރުޖެހިގެން ދާނެއެވެ.”