ނަޞޭޙަތާއި އިރުޝާދު
ހިޔަލާއި އަތްވާދެމެދު އިށީނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.

ހެޔޮކަމުގެ ތެރެއިން ބަޔާންނުކޮށް އެއްވެސް ކަމެއް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫކޮށްލައްވާފައެއް ނުވެއެވެ. އަދި ނުބައިކަމުގެ ތެރެއިން ވެސް ކަމެއް، އެކަމަކުން ރައްކާވެތިބުމަށް އިންޒާރުނުކުރައްވާ ދޫކޮށްލައްވާފައެއް ނުވެއެވެ. އެއީ ކިތަންމެ ކުޑަ ކަމަކަށް ވިޔަސް މެއެވެ.

ބުރައިދަތުލް އަސްލަމީ ރިވާކުރައްވާފައިވެއެވެ. ((أَنَّ النَّبِيَّ صلى الله عليه وسلم نَهَى أَنْ يُقْعَدَ بَيْنَ الظِّلِّ وَالشَّمْسِ)) أخرجه ابن ماجه (3722) މާނައީ: ”ހިޔަލާއި އަތްވާދެމެދު އިށީނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.“ މާނައަކީ އެފަދަ ތަނެއްގައި އިށީނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. އެއީ ތަނެއް ނުވަތަ އެއްޗެއްގެ ހިޔާ ނިމި އަވި ފެށޭ ހިސާބެވެ. މީހެއް ތަނެއްގައި އިށީނދެގެން އިންނަ އިރު އޭނާގެ އެއްބައި ހިޔަލުގައި އަދި އަނެއް ބައި އަވީގައި ހުރުމެވެ. މިގޮތަށް އަވި ދީފައިވާ ތަނެއްގައި ގޮސް ނުއިށީނުމުގެ އިތުރުން، މީހަކު ތަނެއްގައި އިށީނދެގެން އިންދާ އެތަނަކަށް އަތްވާއި ހިޔާ ޖަމާވެއްޖެނަމަ ވެސް އެތަނަކުން ތެދުވަން ވާނެއެވެ. މިސާލަކަށް: މިސްކިތުގައި ޢަޞްރު ނަމާދު ފަހުން ޤުރްއާން ކިޔަވަން އިންދާ، އިރު ހުޅަނގު ފަރާތަށް ދަމުން ގޮސް އޭނާގެ ގަޔަށް އަވި އެޅިއްޖެނަމަ، އެ ވަގުތު އޭނާ އިންނާނީ މި ދެންނެވި ފަދަ ޙާލަތެއްގައެވެ. އެހެންކަމުން އޭނާގެ ވަގުތުން ތަން ބަދަލުކޮށްލާނީއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ މިކަން ނަހީކުރެއްވިގެން ވަނީ ކިހިނެތް ވެގެން ތޯއެވެ؟

އިމާމް އަޙްމަދު ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ”ހިޔަލާއި އަތްވާދެމެދު އިށީނުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.“ އަދި ވިދާޅުވިއެވެ. ”ޝައިޠާނާގެ އިށީނުމެކެވެ.“ أحمد (15421) މާނައަކީ މިފަދަ ތަންތާނގައި އިށީނުން ނަހީކުރައްވާފައިވަނީ އެއީ ޝައިޠާނާ އިށީންނަ ތަންތަން ކަމުގައި ވާތީއެވެ. ޝައިޠާނާ އެތަނެއްގައި އިށީންނަ ތަނެއްގައި އިށީންނަން ބޭނުންވާނީ ކާކުތޯއެވެ؟

މި ނަހީގެ ޙުކުމަކީ ކޮބައިތޯ؟

ބައެއް ނަހީ އަކީ ޙަރާމްކަންކަމެވެ. އަދި އަނެއްބައި ނަހީ އަކީ މަކްރޫހަ ކަންކަމެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަހީއެއް އަހަރެމެންނަށް ފެންނަ ހިނދު އެކަމަކީ މަކްރޫހަ ކަމެއް ކަމަށް އަހަރެމެންނަށް އެނގިއްޖެއުމަށް ދާންދެން އެކަމަކުން ދުރުހެލިވާން ޖެހޭނެއެވެ. މަކްރޫހަ ކަމެއް ކަން އެނގިއްޖެ ނަމަ ވެސް އެންމެ ރަނގަޅު ގޮތަކީ އެކަމަކުން ދުރުހެލި ވުމެވެ. ނަމަވެސް އެކަން ކުރުމަކުން ފާފަވެރިއެއް ނުވާނެއެވެ. ސުވާލަކީ މިއީ އޭގެތެރެއިން ކޮން ކަހަލަ ނަހީއެއްތޯއެވެ؟ ސަޢޫދީޢަރަބިޔާގެ ފަތުވާ ކޮމެޓީއާ މި ސުވާލު ކުރެވުމުން ޖަވާބުގައި ބުނެފައިވަނީ މިއީ މަކްރޫހަ ކަމެއް ކަމުގައެވެ. فتاوى اللجنة الدائمة (26/386) ނަމަވެސް ޙާޖަތެއް ނުވަތަ މަޖުބޫރީ ޙާލަތެއްގައި މިފަދަ ތަނެއްގައި އިށީނުމަކީ މަކްރޫހަކަން ވެސް އުފުލިގެން ދާނެކަމެކެވެ. މާނައަކީ އެކަން އެވަގުތަށް ހުއްދަވާނެއެވެ.

އެހެންކަމުން އަހަރެމެންނަށް އެނގިގެން ދަނީ މިއީ އަދަބުވެރިކަމުގެ ގޮތުން ކުރައްވާފައިވާ ނަހީއެއް ކަމެވެ. މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި؛

  • ހިޔަލާއި އަތްވާދެމެދު އިށީނުމަކީ ކަމްރޫހަ ކަމެއްކަން
  • ޝައިޠާނާއާ ދުރުހެލިވުން
  • ޝައިޠާނާ ކުރާ ކަންކަން އަހަރެމެން ކުރުމަށް ނަފުރަތުވުން
  • ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަކަށް އަމުރުކުރެއްވުމުން ނުވަތަ ނަހީ ކުރެއްވުމުން އެންމެ މުހިންމު ކަމަކީ އެކަން ނަހީ ކުރެއްވި ސަބަބު ހޯދުމަށްވުރެ އެކަމަކުން ދުރުހެލިވުން
  • ގިނަ ތަންތާނގައި އިށީނުން ހުއްދަ ކުރައްވާ ލުއި ކޮށް ދެއްވާފައިވާކަން
  • އެފަދަ ތަންތާނގައި އިށީނދެ އިންނަން އުނދަގޫ ވާނެ ކަމާއި، މި ނަހީގެ ސަބަބުން އުނދަގުލެއް ނުޖެހި ވާނީ ފަސޭހައެއްކަން
  • އިސްލާމީ ޝަރީޢަތަކީ ފަސޭހަ ޝަރީޢަތެއްކަން
40