ޚަބަރު
މީހެއްގެ ބަދަލުގައި ޙައްޖު އަދި ޢުމްރާ ކުރުމަކީ ހުއްދަކަމެއް
މީހެއްގެ ބަދަލުގައި ޙައްޖު އަދި ޢުމުރާ ކުރުމަކީ ހުއްދަކަމެކެވެ. އެއީ ދެމީހެއްގެ މަތިންނެވެ.
1- މަރުވެފައިވާ މީހާގެ މަތިން
2- ބައްޔެއްގެ ސަބަބުން ޙައްޖާއި ޢުމުރާ ކުރުމަށް ނުކުޅެދި، ޝިފާ ލިބޭނެކަމުގެ އުއްމީދު ކެނޑިފައިވާ (މިސާލަކަށް އެނދުމަތިކުރެވިފައިވާ) ބަލިމީހާގެ މަތިން
މީހެއްގެ މަތިން ޙައްޖު ނުވަތަ ޢުމުރާ ކުރެވިދާނެ ކަމުގެ ދަލީލު
عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ قَالَ : بَيْنَا أَنَا جَالِسٌ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ أَتَتْهُ امْرَأَةٌ فَقَالَتْ : إِنِّي تَصَدَّقْتُ عَلَى أُمِّي بِجَارِيَةٍ وَإِنَّهَا مَاتَتْ فَقَالَ : وَجَبَ أَجْرُكِ ، وَرَدَّهَا عَلَيْكِ الْمِيرَاثُ ، قَالَتْ : يَا رَسُولَ اللَّهِ ، إِنَّهُ كَانَ عَلَيْهَا صَوْمُ شَهْرٍ أَفَأَصُومُ عَنْهَا ؟ قَالَ : صُومِي عَنْهَا ، قَالَتْ : إِنَّهَا لَمْ تَحُجَّ قَطُّ أَفَأَحُجُّ عَنْهَا ؟ قَالَ : حُجِّي عَنْهَا . [رواه مسلم) 1149(]
މާނައީ: ޢަބްދުﷲ ބިން ބުރައިދާ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު އިށީނދެވަޑައިގެން އިންވަނިކޮށް އެކަލޭގެފާނުގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. “އަހަރެންގެ މަރުވެފައިވާ މަންމާގެ މަތިން ޖާރިޔާއެއް (އަޅު އަންހެނެއް) އަހަރެން ޞަދަޤާތްކޮށްފީމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާއަށް (ތިޔަ ކުރި ހެޔޮ ޢަމަލުގެ ސަބަބުން) ސަވާބު ޔަޤީން ވެއްޖެއެވެ. އަދި ތިބާއަށް މީރާޘުގެ (ތަރިކައިގެ) ތެރޭގައި އެ އަޅު އަންހެނާ ތިބާއަށް ލިބޭނެއެވެ.” އެ އަންހެން މީހާ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! މަންމަ މަރުވިއިރު އެއްމަހުގެ ރޯދަ ނުހިފާ އެބަ އޮތެވެ. މަންމަގެ މަތިން އަހަރެން އެ ރޯދަތައް ހިފަންވީ ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާގެ މަތީން ތިބާ އެރޯދަތައް ހިފާށެވެ.” އެ އަންހެން މީހާ ދެންނެވިއެވެ. “ތިމަންގެ މަންމަ ދުވަހަކުވެސް ޙައްޖު ވެފައި ނުވެއެވެ. އަހަރެން މަންމަގެ މަތީން ޙައްޖުވާންވީ ހެއްޔެވެ؟” ޙަދީޘް ކުރެއްވިއެވެ. “އޭނާގެ މަތީން ތިބާ ޙައްޖުވާށެވެ.”
ބަދަލުގައި ޙައްޖު އަދި ޢުމުރާ ޞައްޙަވާނީ އެކަން ކުރުމުގައި ދެ ޝަރުޠެއް ފުރިހަމަ ވުމުންނެވެ.
1- ފުރަތަމަ ޝަރުޠަކީ: ބަދަލުގައި ޙައްޖު ނުވަތަ ޢުމުރާ ކުރާ މީހާއަކީ އެންމެ ފުރަތަމަ އަމިއްލަ ނަފުސަށް ޙައްޖު ނުވަތަ ޢުމުރާ ކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ.
ދަލީލު: عَنْ ابْنِ عَبَّاسٍ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَمِعَ رَجُلًا يَقُولُ لَبَّيْكَ عَنْ شُبْرُمَةَ، قَالَ: مَنْ شُبْرُمَةُ؟ قَالَ: أَخٌ لِي أَوْ قَرِيبٌ لِي، قَالَ: حَجَجْتَ عَنْ نَفْسِكَ؟ قَالَ: لا، قَالَ: حُجَّ عَنْ نَفْسِكَ ثُمَّ حُجَّ عَنْ شُبْرُمَةَ)) [رواه أبو داود (1811) ، وابن ماجه (2903) وصححه الألباني في صحيح ابن ماجه وفي “إرواء الغليل” ( 4 / 171)]
އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، މީހަކު لَبَّيْكَ عَنْ شُبْرُمَةَ (ޝުބްރުމާގެ ކިބައިން އަހަރެން ނިޔަތް ގަންނަމޭ/ ޝުބްރުމާގެ ކިބައިން މިކަން ޤަބޫލުކުރައްވާނދޭވެ) ކިޔައި (ޙައްޖަށް ނިޔަތްގަތް އަޑު) އިވިވަޑައިގަތެވެ. އެކަލޭގެފާނު (އެމީހާއަށް) ޙަދީޘްކުރެއްވިއެވެ. “ޝުބުރުމާއަކީ ކާކު ހެއްޔެވެ؟” އެމީހަކު ޖަވާބުދިނެވެ. “އެއީ އަހަރެންގެ އަޚެކެވެ. ނުވަތަ ގާތްތިމާގެ މީހެކެވެ.” އެހިނދު އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. “ތިބާ އަމިއްލަ ނަފްސަށް ޙައްޖުވެއްޖައިންތޯއެވެ؟” އެމީހާ ޖަވާބުދިނެވެ. “ނޫނެކެވެ.” ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “(ފުރަތަމަ) ތިބާގެ އަމިއްލަ ނަފްސަށް ޙައްޖުވާށެވެ. ދެން އޭގެ ފަހުގައި ޝުބުރުމާގެ މައްޗަށް ޙައްޖުވާށެވެ.”
2- ދެވަނަ ޝަރުޠަކީ: އެމީހެއްގެ މައްޗަށް، ބަދަލުގައި ޙައްޖު ނުވަތަ ޢުމުރާ ކުރެވޭ މީހަކީ މަރުވެފައިވާ މީހަކަށް ނުވަތަ ބައްޔެއްގެ ސަބަބުން ޙައްޖު ނުވަތަ ޢުމުރާގެ އަޅުކަން އަދާ ކުރުމަށް ނުކުޅެދޭ، ޝިފާ ލިބޭނެ ކަމުގެ އުއްމީދު ކެނޑިފައިވާ (މިސާލަކަށް އެނދުމަތި ކުރެވިފައިވާފަދަ) ބަލިމީހަށް ވާން ޖެހޭނެއެވެ.
ސުވާލު: މަރުވެފައިވާ މީހެއްގެ މައްޗަށް ޙައްޖު ނުވަތަ ޢުމުރާ ވުމަށްޓަކައި ނިޔަތް ގަންނާނީ ކިހިނެއް ހެއްޔެވެ؟
ޖަވާބު: ﷲ ގެ ވަޖުހަފުޅު އަދައިގެން، މިވެނި މީހެއްގެ މައްޗަށް ޙައްޖު ނުވަތަ ޢުމުރާ ކުރާކަމަށް ހިތަށް އެރުވުމުން ނިޔަތް ގަނެވުނީއެވެ. އެމީހާގެ ނަން ކިޔުން ލާޒިމެއް ނުވާނެއެވެ. އަދި ދުލުން ނިޔަތް ކިޔުންވެސް ލާޒިމެއް ނޫނެވެ. އަދި ޙައްޖަށް ނުވަތަ ނުވަތަ ޢުމުރާއަށް ނިޔަތް ގަންނައިރު، އަޅުކަން ފެށުމުގެ ކުރިން (މީޤާތު ފަހަނައަޅައި ދިޔުމުގެ ކުރިން) ނިޔަތް ގަތީމާ ނިމުނީއެވެ. ދެން އަޅުކަމުގެ ކޮންމެ ރުކުނަކާއި، ކޮންމެ ވާޖިބަކާއި، ކޮންމެ ސުންނަތެއް އަދާކުރާ ކޮންމެ ފަހަރަކު ވަކިވަކިން އެ އަޅުކަންތަކަށް ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ. ޠަވާފު ކުރާއިރު ނިޔަތް އާކޮށް، ސަޢުޔު ކުރާއިނު ނިޔަތް އާކޮށް ހަދާކަށް ނުޖެހޭނެއެވެ. އަޅުކަން ފެށުމުގެ ކުރިން އެ ނިޔަތް ގަންނަ ނިޔަތް ގަތުން ފުދޭނެއެވެ. (ބައްލަވާ: ”فتاوى اللجنة الدائمة للإفتاء” (11/82) އަދި “مجموع فتاوى ابن باز” (17/79) )
ސުވާލު: މަރުވެފައިވާ މަންމަ އާއި ބައްޕަގެ މައްޗަށް އެއް ޙައްޖުގައި ޙައްޖުކުރުމަށް ނުވަތަ އެއް ޢުމުރާގައި ޢުމުރާ ކުރުމަށް ނިޔަތް ގަނެވިދާނެތޯއެވެ؟
ޖަވާބު: އެގޮތަށް ނިޔަތް ނުގަނެވޭނެއެވެ. ޙައްޖު ނުވަތަ ޢުމުރާ ކުރެވޭނީ ފަހަރަކު މީހެއްގެ މަތީންނެވެ. އެގޮތަށް ދެމީހެއްގެ މައްޗަށް އެއްފަހަރާ ޙައްޖު ނުވަތަ ޢުމުރާ ކުރުމަށް ނިޔަތްގަނެފިނަމަ އެ ޙައްޖު ނުވަތަ ޢުމުރާ ލިބޭނީ އެ ޙައްޖު ނުވަތަ ޢުމުރާވާ މީހަކަށެވެ. އެ ނިޔަތް ގަނެވުނު ދެމީހުންނަކަށް އޭގެ ސަވާބެއް ނުލިބޭނެއެވެ. (ބައްލަވާ: “الأم” (2/137) އަދި “المغني” (3/97) )
އަދި މަންމަ ނުވަތަ ބައްޕަގެ މައްޗަށް ޙައްޖު ނުވަތަ ޢުމުރާ ކުރަން ޤަސްދުކުރާނަމަ ފުރަތަމަ މަންމަގެ މައްޗަށް ޢުމުރާކުރުން އިސްކުރުން އެދެވިގެންވެއެވެ.
ސުވާލު: ދިވެހި ރާއްޖެއިން ޢުމުރާއަށް އަޅުގަނޑުމެން ދާއިރު ފުރަތަމަ މި ދަނީ އަމިއްލަ ނަފުސުގެ މައްޗަށް ޢުމުރާ ކުރުމަށެވެ. ދެން މަދީނާއަށް ގޮސް އަނެއްކާ މައްކާއަށް އެނބުރި އަންނައިރު ކުރާ ޢުމުރާ މަރުވެފައިވާ މީހެއްގެ މައްޗަށް ކުރެވިދާނެތޯއެވެ؟
ޖަވާބު: އެގޮތަށް ކުރެވިދާނެއެވެ.
ސުވާލު: ބަދަލު ޙައްޖު ނުވަތަ ޢުމުރާ ކުރެވޭނީ ގާތްތިމާގެ މީހުންގެ މައްޗަށް އެކަނި ހެއްޔެވެ؟ ދުރުހިލޭ މީހެއްގެ މައްޗަށް ކުރެވިދާނެ ހެއްޔެވެ؟
ޖަވާބު: ކިތަންމެ ދުރުހިލޭ މީހެއްގެ މައްޗަށްވެސް، ރަޙުމަތްތެރިއެއްގެ މައްޗަށްވެސް ނުދަންނަ މީހެއްގެ މައްޗަށްވެސް ކުރެވިދާނެއެވެ.
ސުވާލު: ބަދަލު ޙައްޖު ނުވަތަ ޢުމުރާ ކުރާއިރު، ފިރިހެނެއްގެ މައްޗަށް ޙައްޖު ނުވަތަ ޢުމުރާ ކުރަންޖެހޭނީ ފިރިހެނެއް ހެއްޔެވެ؟ އަންހެނެއްގެ މައްޗަށް އަންހެނެއް ހެއްޔެވެ؟
ޖަވާބު: ފިރިހެނެއްގެ މައްޗަށް އަންހެނަކަށް އަދި އަންހެނެއްގެ މައްޗަށް ފިރިހެނަކަށްވެސް ކުރެވިދާނެއެވެ.
މުހިއްމު ނުކުތާތަކެއް
ހ- ކުޅަދާނަކަން ލިބިގެންވާ ދިރިހުރި މީހެއްގެ މަތީން ބަދަލު ޙައްޖުކުރުމުން އެ ޙައްޖު ޞައްޙައެއް ނުވާނެއެވެ.
ށ- ބަދަލު ޙައްޖުކުރެވޭނީ ކޮންމެ ކޮންމެ ބަލި މީހެއްގެ މައްޗަކުން ނޫނެވެ. އެފަދައިން ޙައްޖު ނުވަތަ ޢުމުރާ ކުރެވެނީ ފަސޭހަ ވުމުގެ އުންމީދު ނެތް، ދަތުރު ފަތުރު ކުރުމުގެ ކުޅަދާނަކަން ނުލިބޭ، އެނދުމަތިކުރެވިފައިވާ ބަލި މީހުންގެ މަތީންނެވެ.
ނ- ފައިސާއަށް ޓަކައި (ފައިސާ ހޯދުމުގެ ގޮތުން) ބަދަލު ޙައްޖުވުން ހުއްދައެއް ނޫނެވެ. އެކަމަކު ޙައްޖުވުމަށްޓަކައި ފައިސާ ނެގުމަކީ ހުއްދަކަމެކެވެ. އެއީ އެކަމަށް ބޭނުންވާ ޚަރަދު ބަރަދު ހަމަޖެއްސުމަށްޓަކައެވެ. އެގޮތަށް ނަގާ ފައިސާގެ ބާކީ ހުރިނަމަ ބޭނުންކުރުމުގައިވެސް މައްސަލައެއް ނެތެވެ. އަނބުރާ ރައްދުކުރުން ޝަރުޠު ނުކުރާހާ ހިނދުގައެވެ. (ބައްލަވާ: ”لقاءات الباب المفتوح” ( 89 / السؤال 6 ) للشيخ محمد بن صالح العثيمين رحمه الله އަދި ”الضياء اللامع من الخطب الجوامع” ( 2 / 477 ، 478) لشيخ الإسلام ابن تيمية)
މަރްޖިޢުތައް:
4