މި ލިޔުމުގެ މަޢުޟޫޢު އަދި ރަނގަޅަށް ފަހުމް ނުވާނަމަ، އެއީ ތިބާއަށް އެފަދަ ބަހެއްގެ އަޑު އަދި ނުއިވެނީއެވެ.
ފިރިޔަކު އޭނާގެ އަނބިމީހާ ގޮވައިގެން އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް ދައްކަން ދިޔައިރު.. އަހާނ މި ވަދެވުނީ ރަނގަޅު ތަނަކަށްތަ؟ މިތާނގަ އިނީ ފިރިހެނެއް!! މައުލޫމާތު ސާފުކޮށްލި އިރު އެއީ އަންހެނުންގެ ޚާއްޞަ ޑޮކްޓަރެވެ. ކަމަކު ދާކަށް ނެތެވެ! އަންހެނުންގެ ޚާއްޞަ ”ފިރިހެން“ ޑޮކްޓަރެކެވެ! ފަހަރެއްގައި އަޅުގަނޑު އެހާ ހާސްވެފައި ހުއްޓަސް ތިބޭފުޅުން އެހާ ބޮޑަށް ހާސް ނުވެދާނެއެވެ. އަންހެނުންގެ ޚާއްޞަ ”ފިރިހެން“ ޑޮކްޓަރަކަށް ވިޔަސް މެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިކަމަށް ދެވޭ ސަމާލުކަން ކުޑަވުމުންނެވެ. ކޮންމެއަކަސް އެ ފިރިހެން ޑޮކްޓަރަކަށް އަނބިމީހާ ދައްކާކަށް ބޭނުމެއް ނުވެއެވެ. ހޮސްޕިޓަލުގައި އިތުރު ޑޮކްޓަރެއް ވެސް ނެތެވެ. މި ދެންނެވީ އަންހެނުންގެ ޚާއްޞަ އަންހެން ޑޮކްޓަރެއް ނެތް ވާހަކައެވެ. ޑޮކްޓަރުގެ ގާތުގައި ޝަކުވާ ކުރުމުން ބުނީ ”ތިމަންނަ އަކީ ފިރިހެނަކަށް ވިޔަސް ޕޭޝަންޓުން ބަލާ ގަޑީގައި ތިމަންނައަކީ ހަމައެކަނި ޑޮކްޓަރެކެވެ.“ ނުވަތަ ”ތިމަންނަގެ ފީލިންގްސް އަކީ ޑޮކްޓަރެއްގެ ފީލިންގްސް“ އެވެ. ”ފިރިހެން ޑޮކްޓަރެއް ނޫނެވެ.“ ފަހަރެއްގައި އަންހެން ޑޮކްޓަރެއް ވެސް މިފަދައިން ބުނެފާނެއެވެ. ތިމަންނައަކީ އަންހެން ޑޮކްޓަރެއް ނޫންކަމަށެވެ.
އެހެން ދާއިރާއެއްގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުން ވެސް ތިމާ އަކީ ވަކި ޖިންސަކަށް ނިސްބަތް ނުވާ، ނަމަވެސް އެ ދާއިރާއެއްގެ ފަންނުވެރިއެއް ކަމަށް ބުނެފާނެއެވެ. ޓެކްސީ ޑްރައިވަރެއް، ތިމަންނައަކީ ޓެކްސީ ޑްރައިވަރެއް ކަމަށް، ނަމަވެސް އަންހެން ޑްރައިވަރެއް ނޫންކަމަށް ބުނެފާނެއެވެ. އަދި ޖިމް އިންސްޓްރަކްޓަރެއް، ތިމަންނައަކީ ޖިމް އިންސްޓްރަކްޓަރެއް ކަމަށް، ނަމަވެސް ފިރިހެން އިންސްޓްރަކްޓަރެއް ނޫންކަމަށް ބުނެފާނެއެވެ. މިހެން ގޮސް ކިތަންމެ ދާއިރާއެއް ވެސް ކީދާނެއެވެ. މިފަދަ ބަސް ބަހާ މެދުގައި ތިބާ ވިސްނާލިން ތޯއެވެ؟ ނުވަތަ މިއީ މި ބަސް އިވުނު ފުރަތަމަ ފަހަރު ތޯއެވެ؟ ފުރަތަމަ ފަހަރު ކަމުގައި ވާނަމަ ސަމާލުވެލަން ރަނގަޅު ފުރުޞަތެކެވެ.
މާތް ﷲ އިންސާނުން ހައްދަވާފައި ވަނީ ތަފާތު ދެ ޖިންސަކަށެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ތަފާތު ވާނޭ ގޮތުގައެވެ. ތަފާތު ކޮށެވެ. ސޫރައިގައި ތަފާތެވެ. އަޑުގައި ތަފާތު ހުރެއެވެ. އިހުސާސްތައް ތަފާތެވެ. ތަފާތު ވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މޮޅު ކަމަކަށް ވާއިރު ޙަޤީޤީ ތަފާތު ވުމަކުން ތަފާތުވެގެންވާ ދެ ޖިންސުގެ ތަފާތުވުމަކީ ކަމުދާ ކަމަކަށް ނުވެއެވެ. މި އުސޫލު ހަމައެއް ނުޖެހޭ ނޫންތޯއެވެ؟ ސޫރަތު އާލް ޢިމްރާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ وَلَيْسَ الذَّكَرُ كَالْأُنثَىٰ ﴾ މާނައީ: ”އަދި ފިރިހެނަކު، އަންހެނަކާ އެއްފަދަވެގެން ނުވެއެވެ.“ މި އާޔަތުގައި މި ވަނީ އަންހެނުންނާއި ފިރިހެނުންގެ ގައިގައި ތަފާތެއް ވާކަމުގައެވެ. ނަމަވެސް މާތް ﷲ ގެ ޙަޟްރަތުގައި އަޅުތަކުން ތަފާތު ވެގެން ދާނީ އެ އަޅެއްގެ ތަޤްވާވެރިކަމުގެ ތަފާތުގެ މައްޗަށެވެ.
މި ލިޔުމުގެ ސުރުހީ ގައި ޑޮކްޓަރެއްގެ ވާހަކަ ގެނައީ މިއީ ތަޞައްވަރު ކޮށްލަން އެންމެ ފަސޭހަ އަދި އެންމެ ގިނައިން ކަން ހިނގާ ގޮތަށް ވާތީ އެވެ. އަދި އޭގެ ނުރައްކާ ވެސް ބޮޑު ވީމައެވެ. ދެ ޖިންސުގެ އިހުސާސްތަކާއި ޖިސްމުގައި ތަފާތުތަކެއް މާތް ﷲ ލައްވަވާފައިވާ އިރު އެކަމާމެދު އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ބާޠިލު ގޮތުގައި، ނުވަތަ އެއްވެސް ބޭނުމެއް ނެތި ދެ ޖިންސު ވަކި ކުރައްވާފައެއް ނުވާނެއެވެ. ސުރުހީގައި އެވާ ބަސް، ޑޮކްޓަރަކު ބުނާ ކަމުގައިވާނަމަ އެ ދެކޮޅު ހެދެނީ ފިތުރަތާއެވެ. އިންސާނުން ހައްދަވާފައިވާ ފިތުރަތުގެ ސާފުކަން އެވަނީ އޮޅިފައެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ އަންހެނުންނާއި ފިރިހެނުން ގައިގައި މާތް ﷲ ލައްވަވާފައިވާ ތަފާތުތައް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭކަމެވެ. އެއީ ނޭދެވޭ ތަފާތުކުރުމެއް ނޫނެވެ. މިސާލަކަށް ބުނާނަމަ ކަޅާއި ހުދުގައި ތަފާތެއް ވާކަމަށް ބުނުމުން މީހަކު ކުއްވެރި ވާނެތޯއެވެ؟ ނުވާނެއެވެ. ކުއްވެރި ވާނީ ދައްކޮށްލުމުގެ ގޮތުން ތަފާތުކުރުމެވެ. އެހެންކަމުން އަންހެނުންނާއި ފިރިހެނުން ހުރިހާ ހާލަތެއްގައި ހަމަހަމަ ކުރުން ވެގެންދާނީ ޢަދުލުވެރިކަމާ އިދިކޮޅު ކަމަކަށެވެ.
އަންހެން ޖިމް އިންސްޓްރަކްޓަރެއް ފިރިހެނަކަށް އިރުޝާދު ދީ، މިސާލަކަށް ޑެޑް ލިފްޓް ފަދަ އެއްޗެއް އުފުއްލާ އިރު، އެ އުފުއްލުމުގައި އެހީތެރިވުމަކީ ހަމަވިސްނޭ ބުއްދިއަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިދެންނެވީ ފިރިހެނަކާ އަންހެނަކު އެހާ ގާތް ވުމަކީ ދުނިޔެވީ ގޮތުން ބަލާއިރު ވެސް އެ ދެމެދުގައި ޝަހުވާނީ އެދުމެއް ހިނގާފާނެ ކަމެއްކަމެވެ. އެހެންކަމުން އިސްލާމްދީން މަނާ ކުރަނީ ޙަރާމްކަމަށް ދިޔުމުގެ މަގެވެ. މީހަކު ތިމަންނަ އަކީ ވަކި ޖިންސަކަށް ނިސްބަތް ނުވާ ކޮޑްޓަރެކޭ ނުވަތަ އިންސްޓްރަކްޓަރެކޭ ބުނި ކަމުގައި ވިޔަސް އެމީހަކީ ފިރިހެނެއް ކަމުގައި ވާނަމަ ފިރިހެންވަންތަ ކަމުގެ އިހުސާސްތައް އަދި އަންހެނެއް ނަމަ އަންހެންވަންތަ ކަމުގެ އިހުސާސްތައް ހުންނާނެއެވެ. ވަކި ދާއިރާއަކުން ޑިގްރީއެއް ޕީއެޗްޑީއެއް ނެގުމަކުން އެ އިހުސާސެއް ނުދާނެއެވެ.
ވަރަށް މުހިއްމު ލިޔުމެއް