ނަޞޭޙަތާއި އިރުޝާދު
ހުވަފެނުން، ޤަބުރުތައް ތެދުވެ ގޮވީ އަހަރެން ދަންނަ މީހެއްގެ ނަމުން!!

އުސްތާޛަކު ކިޔައިދިން ވާހަކައެއް:

އެއްރެއެއްގައި މީހަކަށް ހުވަފެނުން އެ ސިޓީގެ ގަބުރުސްތާނުގައި ވަޅުލާފައިވާ ގަބުރުތައް ކަފުނާއެކު ގަބުރުސްތާނުގެ ފާރު ކައިރިއަށް ގޮސް މީހަކަށް ގޮވާތަން ފެނުނެވެ. އެ ގަބުރުތައް ގޮވީ، މި ހުވަފެން ފެނުނު މީހާ ދަންނަ މީހެއްގެ ނަމުންނެވެ. މިގޮތަށް ހަމަ އެ ހުވަފެން ތަކުރާރުކޮށް އޭނާއަށް ފެންނަން ފެށުމުން އެއްކަލަ މީހާގެ ގާތަށް ގޮސް އެ ވާހަކަ އަހާލިއެވެ. އޭނާގެ ނަމުން އެ ގަބުރުތައް ކަށްވަޅުތަކުން ތެދުވެ އެ ގޮވަނީ ކީއްވެގެންތޯއެވެ؟

އޭނާ އިރުކޮޅަކު ވިސްނަން ހުރެފައި ޖަވާބު ދިނެވެ. މީގެ ދުވަސްކޮޅެއް ކުރިން އަހަރެން ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ބަލީގެން ފަރުވާއަކަށް ކަސްރަތު ކުރުމަށް ޑޮކްޓަރު އަހަރެންގެ ގާތުގައި ބުންޏެވެ. އެހެންވެ، އަހަރެން ދުވަންދާން ނިންމީމެވެ. އަހަރެން ދުވީ ގޭގެ ކައިރީގައި ވާ މަގުތަކުގައެވެ. މިގޮތަށް ދުވަމުން ދިޔައިރު މަގުން އުސްވެފައިވާ ހިސާބަކަށް އެރުމުން ގަބުރުސްތާނު ފެނެއެވެ. ދެން އަހަރެން އެތާނގައި ވަޅުލެވިފައިވާ މީހުންނަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަމެވެ. މި ގޮތަށް ކޮންމެ ފަހަރަކު ވެސް އަހަންނަށް ގަބުރުސްތާނު ފެނުމުން އެ މީހުންނަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރަމެވެ. ދެން އަހަރެންގެ ބަލި ރަނގަޅު ވުމުން ދުވަން ދިޔުން އަހަރެން ހުއްޓާލީމެވެ.

ނޯޓް: އެ ގަބުރުތަކަށް އޭނާ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމުން އޭގެ ޘަވާބާއި ފާފަ ފުއްސެވުން ގަބުރުތަކަށް ލިބެމުންދިޔައެވެ. އަދި އެކަން ހުއްޓާލުމުން ދުޢާގެ ސަބަބުން ލިބެމުންދިޔަ ދަރުމައަށް އަސަރުކުރިއެވެ.

މި ވާހަކައިން ލިބޭ ޢިބުރަތަކީ ކޮބާ؟

އަހަރެމެންނަށް ނޭނގުނު ކަމުގައި ވިޔަސް ހަގީގަތުގައި އަހަރެމެންގެ ދުޢާގެ ސަބަބުން މަރުވެފައިވާ މީހުންނަށް އޭގެ އަސަރު އެބަ ކުރެއެވެ. އާންމު ގޮތެއްގައި އަހަރެމެންގެ ލޮލަށް އެ ކަމެއް ނުފެންނަންޏާ އެ ކަމަކާމެދު ފަރުވާ ކުޑަ ކުރެވޭ ގޮތް ބައެއް ފަހަރުވެއެވެ. ނަމަވެސް ހަނދާން ކުރަންވީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެވެ. ”އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ އެންމެހައި ޢަމަލުތަކެއް މެދުކެނޑިގެންދެއެވެ. ދެމިހުންނާނެ ގޮތުގައި ދޫކޮށްފައިވާ ޞަދަޤާތެކެވެ. ނުވަތަ ދޫކޮށްފައިވާ ފައިދާކުރާނެ ޢިލްމެވެ. ނުވަތަ ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“

ޙަދީޘްގައި ބަޔާންވެފައިވާ ”ޞާލިޙް ދަރިއެއް އޭނާއަށްޓަކައި ދުޢާކޮށްދިނުމެވެ.“ މި ޢިބާރާތް ޝަރަޙަކުރައްވަމުން ޢިލްމުވެރިން ވިދާޅުވެއެވެ. އެ މީހެއްގެ މައިންބަފައިންނަށް ހެޔޮ ދުޢާ ކޮށްދިނުމުގައި ދެމިހުރުމަކީ އެ މީހަކު ޞާލިޙުންގެ ތެރެއިން އެކަލާނގެ ލައްވާނެކަމެކެވެ. އެހެންކަމުން އަހަރެމެންގެ ދުވަހުގެ ތާވަލަށް، (ކޮންމެ ދުވަހަކު ވެސް) މައިންބަފައިންނަށް ހެޔޮ ދުޢާކުރުން ހިމަނާލަން ވާނެއެވެ. އޭގެ ސަބަބުން ބަޔާންވެދިޔަ ދެ ފައިދާ ލިބިގަތުމަށެވެ. ދިރި ހުރި، ނުވަތަ މަރުވެފައިވާ މައިންބަފައިންނަށް އޭގެ ފައިދާ ލިބިގަތުމަށާއި، ތިމާ އަކީ ޞާލިޙުންގެ ތެރެއިން ވުމަށްޓަކައެވެ.

އެހެންކަމުން މިއަދުން ފެށިގެން އަހަރެމެން މަރުވަންދެން ވެސް މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުމުގައި ތިބެންވާނެއެވެ. އަދި އަހަރެމެންގެ ދަރިންނަށް ވެސް، އަހަރެމެން މަރުވުމުން އަހަރެމެންނަށް ހެޔޮ ދުޢާ ކުރުމަށް ވަޞިއްޔަތް ކުރަންވާނެއެވެ. އެކަމަކު ހަނދާންކުރާށެވެ! ތިބާ ތިބާގެ މައިންބަފައިންގެ މަތިން ހަނދާން ނައްތާލާފައި ދަރިންގެ ކިބައިން އެ ފަދަ ހެވަކަށް އުންމީދު ނުކުރާށެވެ! އެ ދަރީން ވެސް ތިބާއާ މެދު ޢަމަލު ކުރާނީ ތިބާ ތިބާގެ މައިންބަފައިންނާމެދު ޢަމަލުކުރާގޮތަކަށެވެ!

މައިންބަފައިންނަށް ޓަކައި ކުރެވިދާނެ ދުޢާއެއް:

  • رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
  • ‎رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
131
  1. shaarifa

    saalih dhari akah veveyyne goi bunelaafa oii nama ithurah rangalhu vis