އިބުރަތްތެރި ވާހަކަ
އެޒުވާނާ މަރުވީ ޒިނޭގެ ތަންމަތީގައެވެ.

ޢަރަބި ޤައުމެއްގައި ހިނގާދިޔަ ޙާދިޘާއެކެވެ. ﷲ އަށް އުރެދުމުގެ ތެރޭގައި އުޅެމުންދިޔަ ޒުވާނަކަށް ތެދުމަގުފެނި، ތަޥްބާވެ ދީނުގައި ޘާބިތުވާންފެށިއެވެ. މިގޮތުގައި ދުވަސްތައް ދަނިކޮށް މިޒުވާނާގެ ހިތުތެރެއަށް އައީ މުޅިން އެހެންކަމެކެވެ. ރަނގަޅުކަމެކެވެ. އެހެންނަމަވެސް، ނުރައްކާތެރި ކަމެކެވެ. ވަރަށް ސަމާލުވެ ރައްކާތެރި ނުވެވިއްޖެނަމަ މަގުންކައްސާލާވަރުގެ ކަމެކެވެ. އެއީ އެޒުވާނާ ﷲ އަށް އުރެދުމުގެ ތެރޭގައި އުޅުނުއިރު އެކީގައި އުޅުނު އެކުވެރިން ތެދުމަގަށް ގެނައުމަށް މަސައްކަތް ކުރުމެވެ.

އެ ޒުވާނާ އެމަސައްކަތް ފެށުމަށް އެމީހުންނާ ވާހަކަދައްކަން ފެށުމުން އެނާގެ އެކުވެރިން އޭނާއާ ދޭތެރޭ ކަންކަން ބެހެއްޓީ ހަމަ ކުރިންވެސް ކަންކަން ކުރަމުން އައި ބީދައިންނެވެ. ވާހަކަ ހުރީވެސް ހަމަ އެފަދައިންނެވެ. ކުރިން އެޒުވާނާ ކޮށްފައިވާ ތަފާތު ކުށްތަކުގެ ވާހަކައާއި ތަފާތު ރޭތަކުގެ ވާހަކައިން ހިތަށް އުނދަގޫ ކުރަންފެށިއެވެ.

މިގޮތުގައި ކަންތައް ހިނގަމުން ދަނިކޮށް އެ އެކުވެރިން އެޒުވާނާއަށް ހުށައެޅީ އެމީހުންނާއެކު ދަތުރު ދިއުމަށެވެ. ކާރެއް ހޯދުމަށެވެ. އެޒުވާނާ އެމީހުންނާއެކު ދަތުރުގައި ބައިވެރި ނުވާނެ ކަމަށް ބުންޏެވެ. އަދި އެނބުރި އަންނަމުން ކޮންމެވެސް ހަދިޔާއެއް ގެންދިނުމަށް އެދުނެވެ. އެމީހުންނާ ގުޅުމެއް ބޭއްވުމުގެ މަޤްޞަދުގައެވެ. އެހެންނަމަވެސް، އެ ޒުވާނާ މިދަތުރުގައި ކޮންމެހެންވެސް ދާން ޖެހޭނެ ކަމަށް އެމީހުން ބުންޏެވެ. އެ ޒުވާނާ އެ އެކުވެރިންނާއެކު ވުމަށް ބިރު ގަންނަ ވާހަކަ ބުނުމުން އެއެކުވެރިން ބުންޏެވެ. އަހަރެމެންވެސް ރަނގަޅުވާން ބޭނުމެވެ. އަދި ދަތުރުމަތީގައި ނަމާދުގެ ކަންކަން އޮންނަގޮތެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. އަހަރެމެންނަށް އެކަންކަން ކިޔާދީ އަހަރެމެންނާއެކު އިމާމުވެ ނަމާދު ކޮށްލާ ހެދުމަށް ދަމާ ހިނގާށެވެ. އެވާހަކަތައް އެގޮތައް ދެއްކުމުން އެ ޒުވާނާ އެ މަޤްޞަދުގައި އެމީހުންނާއެކު ދަތުރުދިޔައެވެ.

އެމީހުންގެ ދަތުރުގެ މަންޒިލަށް ދެވުމުން އެޒުވާނާ މަޑުކުރީ އެމީހުންގެ ކޮޓާރީގައެވެ. އެނާގެ އެކުވެރިން ކުލަބުތަކަށް ގޮސް، ރާބޮއެ މަޖާކުރަން ދިޔަނަމަވެސް، އެކަމުގައި ބައިވެރިއެއް ނުވެއެވެ. އެނުލަފާ އެކުވެރިންގެ ރޭވުމަކީ ކޮބައިކަން އެނގިލައްވާތޯއެވެ؟

އެމީހުން، ރީތިކަމާއި ޝާއްބަކަމުން ފުރިފައިވާ ޒިނޭކޮށް އުޅޭ ކަސްބީ އަންހެނަކަށް ބޮޑު އަގު ދީފައި ރަލާއިއެކު އެޒުވާނާ ހުރި ކޮޓަރިއަށް ފޮނުވިއެވެ. މި ޒުވާނާއަކީ މީގެކުރިންވެސް ފާފައިގެ ތެރޭގައި އުޅެފައި ހުރި ޒުވާނަކަށް ވުމާއި އެއަންހެނާގެ ފޮނި ވާހަކަތަކުގެ ސަބަބުން އެޒުވާނާއަށް މިއަންހެނާގެ އަތްދަށުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. އަދި މި އަންހެނާ، މިޒުވާނާއަށް ހުށައެޅި ރާތަށިތައް ބޯންފެށިއެވެ. އަދި އެންމެފަހުން، އެމަސްތުގެ ތެރޭގައި އެހެން ފާފަތަކަށްވެސް އަރައިގަނެވިއްޖެއެވެ. އަދި އެރޭ އެޒުވާނާ ނިދީ އެއަންހެނާ އާ ޒިނޭކޮށްގެންވާ ޙާލުގައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު އެޒުވާނާގެ އެކުވެރިން ހެމުން މަލާމަތްކުރަމުން އެޒުވާނާ ދޭތެރޭ ކަންތައްވީ ކިހިނެތްތޯ ބެލުމަށް އެކޮޓަރީގެ ގާތަށް އައިސް ދޮރުގައި ޓަކިދިނެވެ. ދޮރުހުޅުވީ ކަސްބީ އަންހެނާއެވެ. ހުޅުވުމުން ކަންތައްތައް ދިޔައީ ކިހިނެތްތޯ އެމީހުން އޭނާ އާ ސުވާލު ކުރިއެވެ. އެއަންހެނާ ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމުގައި ބުންޏެވެ. އަދި މިހާރު އެޒުވާނާއަށް ވަނީ ނިދިފައި ކަމަށް ބުންޏެވެ. އެހެން ބުނުމުން އެމީހުން ހެމުން މަލާމާތް ކުރަމުން އައިސް އެ ޒުވާނާއަށް ގޮވިއެވެ. އެކަމަކު އެޒުވާނާއަކަށް ނުހޭލެވުނެވެ. އެ ޒުވާނާވަނީ އެއަށްވުރެ ގަދަ ނިންޖަކުން ނިދާފައެވެ. އެޒުވާނާ ވަނީ ރޭގެ ގޯސް ޢަމަލުތަކާއި އެކު މިދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ނުބައި ނުލަފާ އެކުވެރިންގެ މަޅީގައި ޖެހި އެޒުވާނާ މަރުވީ ޒިނޭގެ ތަންމަތީގައެވެ.

******************

އޭ ފާފަތަކުން އިސްރާފުކުރަމުންދާ ޒުވާނުންނޭވެ! އަދި ލަހެއް ނުވެއެވެ. އަވަހަށް އިޞްލާޙުވާށެވެ. ފާފަތަކުގެ ތެރޭގައި އުޅެއުޅެ ހުއްޓާ މަރުވުމުގެ ކުރިން ﷲގެ މަގަށް ރުޖޫޢަވެ ތަޥްބާވާށެވެ. އަދި ގޯސް އެކުވެރިން ދޫކޮށްލާ ހެޔޮލަފާ ރަނގަޅު އެކުވެރިން އިޚްތިޔާރު ކުރާށެވެ.

69