ނަޞޭޙަތާއި އިރުޝާދު
ބައްޔެއް ނުވަތަ ޒަޚަމެއް ރަނގަޅު ކުރުމަށް ކުރެވިދާނެ ދުޢާއެއް

رَسول اللهِ صَلَّى اللَّهُ عليه وسلَّمَ كانَ إذَا اشْتَكَى الإنْسَانُ الشَّيْءَ منه، أَوْ كَانَتْ به قَرْحَةٌ، أَوْ جُرْحٌ، قالَ: النبيُّ صَلَّى اللَّهُ عليه وسلَّمَ بإصْبَعِهِ هَكَذَا، وَوَضَعَ سُفْيَانُ سَبَّابَتَهُ بالأرْضِ، ثُمَّ رَفَعَهَا باسْمِ اللهِ، تُرْبَةُ أَرْضِنَا، برِيقَةِ بَعْضِنَا، لِيُشْفَى به سَقِيمُنَا، بإذْنِ رَبِّنَا. [متفق عليه واللفظ لمسلم]

ރަސޫލާ ﷺ ގެ އަރިހުގައި ބައްޔަކާމެދު ނުވަތަ ފާރުކޮޅަކާމެދު ނުވަތަ ޒަޚަމަކާމެދު ޝަކުވާ ދެންނެވިއްޖެނަމަ، އެކަލޭގެފާނު އިނގިލިފުޅުން މިގޮތަށް ހައްދަވާ ވިދާޅުވެއެވެ. ދެން ސުފްޔާން ބުން އުޔައިނާ (ރަސޫލާ ﷺ ކަންތައް ކުރެއްވި ގޮތް ބަޔާން ކުރައްވަމުން) އެކަލޭގެފާނުގެ އިނގިލިފުޅު ބިމުގައި ޖެއްސެވިއެވެ. އަދި އިނގިލިފުޅު މައްޗަށް ނެންގެވުމަށްފަހު ވިދާޅުވިއެވެ.

”باسْمِ اللهِ، تُرْبَةُ أَرْضِنَا، برِيقَةِ بَعْضِنَا، لِيُشْفَى به سَقِيمُنَا، بإذْنِ رَبِّنَا“

މާނައީ: މާތްﷲ ގެ އިސްމުފުޅުން (ފަށަމެވެ). މާތް ﷲ ގެ އިޒުނަފުޅާއެކު އަޅަމެންގެ ބިމުގެ ވެލިންނާއި އަޅަމެންގެ އެއްބައެއްގެ ކުޅުގެ ޒަރިއްޔާއިން އަޅަމެންގެ ބަލިމީހާ ފަސޭހަ ކޮށްދެއްވާނދެއެވެ.

މި ޙަދީޘް ޝަރަޙަ ކުރައްވަމުން ޝައިޚް ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ.

”އެ ދުޢާ ކިޔުމަށްފަހު އެ ތަނުގައި އިނގިލި ޖައްސާނީއެވެ.

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ.

އެކަލޭގެފާނުގެ އިނގިލިފުޅުގައި ކުޅުފޮދެއް ލެއްވުމަށްފަހު ބިމުގައި އިނގިލިފުޅު ޖެއްސެވިއެވެ.

ހަށިގަނޑުގައި ނުވަތަ މޫނުގައި އޮށާޅައެއް ނުވަތަ ބިއްސެއް ނަގާކަމުގެ އިހްސާވެއްޖެނަމަ، ތިމަންނަ މި ގޮތަށް ކަންތައް ކުރަމެވެ. މާތް ﷲ ގެ އިޒުނަފުޅާއެކު އެ އޮށާޅަ އިތުރަށް ބޮޑުވެ ފަޅައިގެން ނުގޮސް ހިނދެގެން ދެއެވެ. މިއީ ވަރަށް ގިނައިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އަދި މިގޮތަށް ކަންތައް ކުރުމަށް އެހެން މީހުނަށް އިރުޝާދު ދިނީމެވެ.“

132