ހިޖުރައިން 23 ވަނަ އަހަރު ގެ ޛުލްޙިއްޖާ މަހުގެ 21ވީ ހުކުރު ދުވަހުގެ ޚުތުބާގައި ޢުމަރުގެފާނަށް ފެނިވަޑައިގެން ހުވަފެންފުޅެއްގެ ވާހަކަ ވިދާޅުވިއެވެ. އެ ހުވަފެންފުޅުގައި ފެނިވަޑައިގަތީ ހާލެއް ޢުމަރުގެފާނަށް ކޮއްޖަހާތީއެވެ. ޢުމަރުގެފާނު އަމިއްލަފުޅަށް ހުވަފެންފުޅު ތަޢުބީރުކުރެއްވިއެވެ. ވިދާޅުވިއެވެ. މި ހުވަފެންފުޅުން ތިމަންކަލޭގެފާނުގެ އަޖަލު ގާތްވެއްޖެ ކަމުގެ އިޝާރާތްލިބެއެވެ. ތިމަންކަލޭގެފާނު އަވަހާރަވެއްޖެނަމަ 6 ބޭކަލެއްގެ މަޖްލީހަކުން ޚަލީފާއަކު ކަނޑައަޅާށެވެ. އެ 6 ބޭކަލުންނަކީ ރަސޫލާ صلى الله عليه وسلم ވަރަށް ބޮޑަށް ރުހިވަޑައިގެންނެވި 6 ބޭކަލުންނެވެ.
ހަނގުރާމައިގައި ހައްޔަރުކުރެވޭ އަސީރުން މަދީނާގައި ބޭތިއްބުމާއި ޢުމަރުގެފާނު ދެކޮޅެވެ. އެހެންވެ އިރާޤާއި ފާރިސްކަރައިގެ މަޖޫސީންނާއި މިސްރާއި ޝާމުގެ ނަޞާރާއިން އިސްލާމްނުވާހާ ހިނދަކު މަދީނާގައި ނުބޭތިއްބުމަށް ޢުމަރުގެފާނު ވަނީ އަމުރުކުރައްވާފައެވެ. މިކަމުން އުމަރުގެފާނުގެ ވިސްނުންފުޅުގެ ތޫނުކަން އެނގެއެވެ. އެހެނީ މިފަދަ މީސްތަކުން މަދީނާގައި ބައިތިއްބައިފިނަމަ ފިތުނަ ފަސާދަ އުފައްދަފާނެއެވެ. އެހެންނަމަވެސް އަސީރުންގެ ގޮތުގައި ގެނެވޭ މީހުންގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރުތައް ހުރި މީހުން މަދީނާގައި ބޭތިއްބުމުގެ ވިސްނުމެއް ބައެއް ސަހާބީން ގެންގުޅުނެވެ. ޢުމަރުގެފާނު ހިތްޕުޅާއި ދެކޮޅަށް މިކަމަށް އެއްބަސްވެވަޑައިގަތެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ދުޢާކުރެއްވިއެވެ. ”މި އަޅާ ޝަހީދެއްގެ ގޮތުގައި މަރުގަންނަވާންދޭވެ.“ އަދި މަދީނާގައި މަރުވުމުގެ ނަސީބު މިންވަރުކުރައްވާނދޭވެ
ބޭކަލުން ސުވާލުކުރެއްވިއެވެ. ތިއީ ކިހިނެއްވާނެ ކަމެއްހެއްޔެވެ؟ އިސްލާމީ ފުތޫޙާތު އެތައް ކަރައަކަށް ފެތުރިފައިވެއެވެ.
އިސްވެ ދެންނެވި ފަދައިން ބައެއް ޞަޙާބީން މަސައްކަތްތެރި މަޖޫސީންނަށް މަދީނާގައި އެޅުމުގެ ފުރުސަތުދީ އުޅުނެވެ. މިފަދަ އެއް ބޭކަލަކީ މުޣީރާ ބުން ޝުޢުބާ رضي الله عنه އެވެ. އެކަލޭގެފާނު ފައިރޫޒު އަބޫލުއުލުއާ ކިޔުނު މީހެއް ގެންގުޅެނެވެ. މި ފައިރޫޒަކީ ކަނބުރުވެރިއެކެވެ. މުޣީރާ ބުން ޝުޢުބާ رضي الله عنه ގެ ކަފާލަތުގެ ދަށުން ފައިރޫޒަށް މަދީނާގައި ހުރެވޭނެ ގޮތް ހަމަޖެހިފައިވާތީ ފައިރޫޒަށް މަސައްކަތްކޮށްގެން ލިބޭ އާމްދަނީއިން ކޮންމެ މަހަކަު 100 ދިރުހަމް މުޣީރާ ބުން ޝުޢުބާ رضي الله عنه ދޭން ޖެހެއެވެ. މި ގޮތަށް ވިޔަފާރީގެ ނަފާ ބެހުމުގައި މުޣީރާ ބުން ޝުޢުބާ رضي الله عنه އަށް ބޮޑު ބަޔެއް ދޭންޖެހޭތީ އެކަމުގެ ޝަކުވާ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އަށް ހުށައެޅިއެވެ. މައްސަލަ ބައްލަވާފައި ޢުމަރުގެފާނު ނިންމެވީ ވިޔަފާރީގެ ނަފާއިން މުޣީރާ ބުން ޝުޢުބާ رضي الله عنه ނަންގަވާ ބައި ބޮޑު ނޫންކަމުގައެވެ. މިކަމާ ފައިރޫޒު ހިތްހަމަނުޖެހުނެވެ.
އެއްރެއެއްގެ ފަތިސް ނަމާދު ވަގުތެވެ. ޢުމަރުގެފާނު ސަފުތައް ތަރުތީބު ކުރައްވާ الله أكبرއޭ ވިދާލުވިތަނާ ނުލަފާ މަޖޫސީ ކަލޭގެ ފައިރޫޒު އައިސް ޢުމަރުގެފާނަށް ތޫނު ހަތިޔާރަކުން ހަމަލާދިނެވެ. މިކަމުގެ ސަބަބުން ޢުމަރުގެފާނު ޝަހީދުވިއެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ގެ ދުޢާފުޅު މާތް ﷲ އިޖާބަކުރެއްވިއެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވެވަޑައިގެންނެވީ ރަސޫލާ صلى الله عليه وسلم ގެ ރަށްކޮޅުގައި ޝަހީދުވެވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. ކޮން މަޤާމެއްގައިތޯ؟ ރަސޫލާ صلى الله عليه وسلم ގެ މިމްބަރުކޮޅުގައެވެ.