ނަޞޭޙަތާއި އިރުޝާދު
ނަބިއްޔާ މުޙައްމަދު ﷺ‎ ގެ މައްޗަށް ޙައްޤުތަކެއްވާކަން އެނގޭ ހެއްޔެވެ؟

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه و آله وسلم ގެ މައްޗަށް ޙައްޤުތަކެއްވާކަން އެނގޭ ހެއްޔެވެ؟ އެއީ ކޮން ޙައްޤުތަކެއްކަން ދެނެގަންނަމާ ހިންގަވާށެވެ!
1. އެކަލޭގެފާނަށް އީމާންވުން: އެއީ އެކަލޭގެފާނުގެ ނަބީކަމާއި އެކަލޭގެފާނު ގެއްނެވި ރިސާލަތު ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.﴿فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنزَلْنَا …﴾ މާނަ: “ފަހެ، ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ ރަސޫލާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި ނޫރަށް (އެބަހީ: قرآن އަށް) އީމާންވާށެވެ! … “{އައްތަޣާބުން}
2. އެކަލޭގެފާނަށް ކިޔަމަންތެރިވުން: އެކަލޭގެފާނަށް އީމާންވުމަކުން އަދި ނުފުދެއެވެ. ޙަޤީޤީ އީމާންތެރިކަން ލާޒިމުކުރަނީ އެކަލޭގެފާނަށް ތަބާވުމަށާއި ކިޔަމަންތެރިވުމަށެވެ . ﴿مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ… ﴾ މާނަ: “ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ…” {އައްނިސާ}
3. އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށް ޢަމަލުކުރުން: މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴾‏ މާނަ:”އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ ޚުލްޤުފުޅެއްގެ މަތީގައިކަން ކަށަވަރެވެ.”{އަލްޤަލަމް} އެކަލޭގެފާނު އުޅުއްވިގޮތް “ކޮޕީ”ކޮށް އެގޮތަށް އުޅުމަށް އަޅުގަނޑުމެން މަސައްކަތްކުރާންޖެހެއެވެ. ﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ .. ﴾ މާނަ: “ހަމަކަށަވަރުން، اللَّه ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ.”{އަލްއަޙްޒާބް} އެކަލޭގެފާނުއެއީ އިންސާނިއްޔަތަށް ފޮނުވުނު ނަމޫނާއެވެ. “ރޯލް މޮޑެލް”އެވެ. އަދި އެކަލޭގެފާނުގެ ނަމޫނާ ދެނެގަތުމަށްޓަކައި ސިޔަރަތާއި ދީނީ ޢިލްމު އުނގެނުމަށް އިސްކަން ދެއްވާށެވެ.
4. އެކަލޭގެފާނުދެކެ ލޯބިވުން: ކީރިތި ޤުރުއާނުގައި ބަޔާނެވެގެންވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) اللَّه އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، اللَّه ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިގުވީ މީހުންނަށް، اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.” {އައްތައުބާ} އަޅުގަަނޑުމެންގެ އިމާންކަން ފުރިހަމަވަނީ އެކަލޭގެފާނުދެކެ ލޯބިވެގެންނެވެ.
5. އެކަލޭގެފާނަށް ޤަދަރާއި އިޙްތިރާމްކުރުން: މާތް ﷲ ވަޙީކުރަައްވާފައިވާ ބަސްފުޅެއްގައިވެއެވެ. “ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.” {އަލްއަޢްރާފް}
6. ނަބީކަން ހަތިމްކުރެއްވީ އެކަލޭގެފާނުކަން ޤަބޫލުކުރުން: ކީރިތި ޤުރުއާނުގައިވެއެވެ. “އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނުވެސްމެއެވެ.”{އަލްއަޙްޒާބް} އެކަލޭގެފާނަށްފަހު އިތުރު އެއްވެސް ނަބީބޭކަލަކު އަދި ރަސޫލުބޭކަލަކުވެސް މާތް ﷲ ނުފޮނުއްވާނެއެވެ.
7. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ފޮނުވުން: މާތް ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚيَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا ﴾ މާނާ: “ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!”.{އަލްއަޙްޒާބް}
މި ޙައްޤުތަށް އަދާކުރުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ގަދައަޅާ މަސައްކަތްކުރާންވާނެއެވެ.

0