ޚަބަރު
އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށް މަސައްކަތް ކުރޭ: ހުކުރުޚުތުބާ

އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

އެހެންމީހުންގެ އުނި ސިފަތަކާއިގެން އަވަދިނެތި އުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރެވޭތޯ މަސައްކަތް ކުރާށެވެ! އަހުރެމެންގެ ކޮންމެމީހެއްގެ ކިބައިގައި ވެސް އުނި ސިފަތައް ހުންނާނެތެވެ. ޢައިބުތައް ހުންނާނެތެވެ. އެންމެންނަށް ވެސް ކުށް ކުރެވޭނެތެވެ. އިސްކަން ދޭންވީ އަމިއްލަ ނަފްސު އިޞްލާޙު ކުރުމަށެވެ. އިސްލާމްދީން އަންގަވަނީ، އެހެން މީހުންގެ ޢައިބުތައް ފޮރުވައި ވަންހަނާކުރުމަށެވެ. ހަދީޘް މާނައިގައެވެ. “ދުނިޔެމަތީގައި މުސްލިމެއްގެ އުނިކަން ވަންހަނާކޮށްދިން މީހާ ދަންނާށެވެ! ޤިޔާމަތްދުވަހުން ﷲ އޭނާގެ އުނިކަން ވަންހަނާކޮށް ދެއްވާނެތެވެ!” މީހުން ބޭޒާރުކުރުމަށްޓަކައި އެމީހުންގެ ވީޑިޔޯތަކާއި ފޮޓޯތައް ސިއްރުން ނަގައިގެން ސޯޝަލްމީޑިއާއަށް ލައި، އެމީހުން ބޭޒާރު ކުރުމަކީ ރަސޫލާ  ގެ މި ބަސްފުޅާ ޚިލާފް ޢަމަލެކެވެ. ޤިޔާމަތް ދުވަހު މާތްﷲ އެފަދަ މީހުން ބޭޒާރުކުރައްވާނެ ކަމެވެ.

މިއަދު ޙާލަތަށް ބަލާއިރު ބައެއް މީހުންގެ މަސައްކަތަކީ، އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި، ސޯޝަލްމީޑިއާގައި އެކަންކަން ހާމަކުރުމެވެ. ބައެއްފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތްކުރަނީ، މީހުންގެ ޙާލަތާއި ސިފައާ ބެހޭގޮތުންނެވެ.އަނެއްބައި ފަހަރަށް މަލާމަތްކޮށް ނެތިމޮށެނީ، މީހުންގެ ޙަސަބާއި ނަސަބާއި ބެހޭގޮތުންނެވެ، އެފަދަ މީހުން ދެކޭގޮތުގައި، އެމީހުންނަކީ އެއްވެސް އުނި ސިފައެއް ނެތް ފުރިހަމަ ބައެކެވެ، އެހެން މީހުންނަކީ އުނި ބައެކެވެ.

އެހެން މީހުންނާ ކުރިމަތިވާ ބަލިމަޑުކަމާއި ތަދުމަޑުކަމާމެދު އުފާނުކުރާށެވެ! މާތްﷲ ޚުދު ތިމާއަށް ވެސް މުޞީބާތެއް ކުރިމަތި ކުރެއްވުމަކީ ވަރަށް ގާތް ކަމެކެވެ. އިބްނު ސީރީން (ރަޙިމަހުﷲ) ވިދާޅުވިއެވެ. “މީހަކު ބަގުރޫޓްވުމުން އަހުރެން އޭނާއަށް މަލާމާތް ކުރީމެވެ. އެކަމާ ވިދިގެން އަހުރެން ބަނގުރޫޓްވެގެން ދިޔައެވެ.”

އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެކެވެ. އޭގެ ތެރޭގައި ޢަމަލުން ކުރާ އަނިޔާއާއި، ބަހުން ކުރާ އަނިޔާއާއި ނަފްސާނީ ގޮތުން ކުރާ އަނިޔާވެއެވެ. ޢަމަލުން ކުރާ އަނިޔާގެ ތެރޭގައި، މީހުންގެ ނަފްސަށާއި، އަބުރަށާއި މުދަލަށާއި، އަދި އެ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ވެއެވެ. މީހުންނަށް ފުރައްސާރަކުރުމަކީ އެމީހުންގެ ނަފްސަށް ދެވޭ އަނިޔާއެކެވެ.

 

 

1