ފަތްޙުލް ބާރީގައި އިބްނު ހަޖަރު ވިދާޅުވެފައިވެއެވެ. “އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ އިބްރާހިމްގެފާނެވެ.”
ޒަމާންތަކެއްފަހުން މައްކާއަށް އައި ސައިލެއްގައި ގެފުޅު ވަރަށް ބޮޑަށް ވީރާނާވިއެވެ. މިކަމުގެ ސަބަބުން ޤުރައިޝުން ގަސްދުކުރީ ގެފުޅު މުޅިން ތަޅާލައި އަލުން ގެފުޅު ބިނާކުރުމަށެވެ. އޭރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢުމުރުފުޅުން 35 އަހަރެވެ.
އަދި ގެފުޅު ބިނާކުރުމަށްޓަކައި ޙަލާލް ގޮތުގައި ހޯދާފައިވާ މުދާ ފިޔަވައި އެހެން އެއްޗެއް ބޭނުން ނުކުރުމަށް އެމީހުން ނިންމިއެވެ.
މި ގޮތުން ގެފުޅު ބިނާކުރުމުގެ މަސައްކަތަށް އެއްކުރެވުނު ފައިސާއިގެ ތެރޭގައި ހަށިވިއްކައިގެން ހޯދާފައިވާ ފައިސާ ނުވަތަ ރިބާގެ މުޢާމަލާތްތަކުން ހޯދާފައިވާ ނުވަތަ މީހުންގެ އަތުން އަނިޔާވެރިގޮތުގައި ފޭރިގެންފައިވާ މުދަލުގެ ޛަރީޢާއިން ހޯދާފައިވާ ފައިސާ ހިމެނޭނަމަ އެ ފަދަ ފައިސާއެއް ބޭނުންނުކުރަން ނިންމިއެވެ. ގެފުޅުގެ ފާރުތައް ތަޅާލާ، ގެފުޅު ރޭނުމުގެ މަސައްކަތް ފެށުނެވެ.
މަސައްކަތް މުޅިން ނުނިމެނީސް އެކަމަށްޓަކައި އެއްކުރި މުދަލާއި ފައިސާ ހުސްވެއްޖެއެވެ. އޭރު އުތުރު ފަރާތުން ރާނަން ޖެހޭ ބައި ހުރީ އެއްކޮށް ރާނާނުނިމިއެވެ. އެހެންކަމުން ގެފުޅުގެ އުތުރު ފަރާތުން ބައެއް ފާރުގެ ބޭރަށްލިއެވެ. އަދި އެތަނަށް ޙިޖުރުއޭ ކިޔުނެވެ.
މި ގޮތަށް ބޭރަށްލި ބައި މިހާރު ހުންނަނީ ބައި ބުރެއްގެ ބައްޓަމަށް ފާރެއްގެ ގޮތަށް ރޭނިފައެވެ. މިތާގެ އެތެރޭގައިވާ ބިންކޮޅަކީ ގެފުޅުގެ ތެރެއިންވާ ތަންކޮޅެކެވެ.
ޤުރައިޝުން ގެފުޅު ބިނާކުރިއިރު ގެފުޅުގެ ދޮރުކޮޅުވެސް މައްޗަށް ޖެއްސިއެވެ. މިގޮތަށް ޢަމަލުކުރީ ހިތައްއެރި ކޮންމެ މީހަކަށް ގެފުޅަށް ނުވަދެވޭގޮތް ހެދުމަށްޓަކައެވެ.
ރެފަރެންސް:
د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق