https://youtu.be/6BCqrQCcysEއީސާ عليه السلامގެ މީލާދުގެ 2000 ވަރަކަށް އަހަރުކުރިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނު ގޮވައިގެން މައްކާގެ ބިމަށް ވަޑައިގެން އެއްވެސް ދިރުމެއްނެތް ހަނަފަސް ސަހަރާ ތެރެއަށް ދޫކޮށްލައްވަމުން ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ދެމައިންގެ ކައިރީގައި ބެހެއްޓެވިއެވެ. އެހިނދު އިބްރާހިމްގެފާނު ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ. ”އޭ އިބްރާހީމެވެ. އެއްވެސް އިންސިއެއް އަދި އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑުމެން ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީތޯއެވެ؟“ ތަކުރާރުކޮށް އެ ސުވާލުކުރުމުންވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ޙާޖަރު ވިދާޅުވިއެވެ.“ތިޔައީ މާތްﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟“ ޖަވާބުގައި އިބްރާހިމްގެފާނު އާއެކޭ ވިދާޅުވިއެވެ. ދެން ހާޖަރު ވިދާޅުވިއެވެ. ”އެހެންވީއިރު އެކަލާނގެ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ.“
ދެން އިބްރާހިމްގެފާނު އެ ދެމައިންނާއި ދުރަށް ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ.
ﵟرَّبَّنَآ إِنِّيٓ أَسۡكَنتُ مِن ذُرِّيَّتِي بِوَادٍ غَيۡرِ ذِي زَرۡعٍ عِندَ بَيۡتِكَ ٱلۡمُحَرَّمِ رَبَّنَا لِيُقِيمُواْ ٱلصَّلَوٰةَ فَٱجۡعَلۡ أَفۡـِٔدَةٗ مِّنَ ٱلنَّاسِ تَهۡوِيٓ إِلَيۡهِمۡ وَٱرۡزُقۡهُم مِّنَ ٱلثَّمَرَٰتِ لَعَلَّهُمۡ يَشۡكُرُونَ ٣٧ﵞ ﵝإِبۡرَاهِيم : ﵗﵓﵜ
މާނައީ: ”އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީ އެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.“
ހާޖަރުގެފާނު ތުއްޕުޅު އިސްމާޢީލްގެފާނާއެކު ހަނަފަސް ސަހަރާގެ ތެރޭގައި އިންނަވަނިކޮށް ބޯން ގެންދިޔަ ފެންފޮދު ހުސްވެ ފެނަށްޖެހުނެވެ. އަދި އިސްމާޢީލްގެފާނު ފެންފޮދެއް ބޭނުންފުޅުވެގެން ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ހާޖަރުގެފާނު ފެންފޮދެއް ހޯއްދެއްވުމަށް ޞަފާއާއި މަރުވާ ފަރުބަދަ ދެމެދު ދުވެވަޑައިގެންނެވިއެވެ. އެކަމަނާގެ ދަރިކަލުން ބަނޑުހައިކަމާއި ކަރުފުޅުހިއްކުމުގެ ވޭނުގައި ކީރިތިކުރައްވަމުން ގެންދެވިއިރު ހުދު އެކަމަނާވެސް އިންނެވީ ގަދަ ހޫނުގެ ސަބަބުން މީހަކަށް ތަސައްވަރުވެސް ކޮށްނުލެވޭ ފަދަ ޙާލު ކޮޅެއް ޖެހިވަޑައިގެންފައެވެ.
ތުއްޕުޅު އިސްމާޢީލުގެފާނު އޮންނެވި ދިމާއިން އެކަމަނާއަށް އަޑެއް އިވިވަޑައިގަތީ 7 ވަނަ ފަހަރަށް މަރުވާ ފަރުބަދައަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ދިމާއަށް ބެލުމުން އެކަމަނާއަށް ފެނިވަޑައިގަތީ ޖިބްރީލްގެފާނު، އެކަމަނާގެ ދަރިކަލުން އިސްމާޢީލުގެފާނު އޮންނެވި ދިމާއަށް ފައިބައިވަޑައިގެންނެވި މަންޒަރެވެ. ޖިބްރީލްގެފާނު އެކަލޭގެފާނު ގެ ފުންނާބުފުޅުން ނުވަތަ ފިޔަފުޅުން ބިންމަތީގައި ޖެއްސެވިއެވެ. އެ ޖެއްސެވިތަނުން ފައިދާވެ ކޯދުލާފައި ފެންއަރަން ފެށިއެވެ. ޙާޖަރު އަވަހަށް ކައިރިއަށް ވަޑައިގެން ކައިރިކައިރީ ހިލަޖައްސަވާ ފެންގަނޑު ފެތުރިގެންނުދާގޮތަށް ހެއްދެވިއެވެ. އަދި ”ޒަމްޒަމް“ ނަމުން އެފެންގަނޑަށް ނަންދެއްވިއެވެ. އަދި ދުރުހިސާބުން ދަތުރުކޮށްފައި ދިޔަބަޔަކަށް އެހިސާބުގަނޑުގައި ދޫނި އުޅޭތީ ފެނިގެން އެތަނަށް ދިޔައިރު ފެން ހުއްޓާ ފެނުނެވެ. އަދި ޙާޖަރުގެ ދެމައިންވެސް ފެނުނެވެ. އަދި އޭގެފަހުން އެތާނގައި މީހުން ވަޒަންވެރިވާންފެށިއެވެ.
ޒަމްޒަމްފެން ބޯއިރު ޚާއްޞަ ދުޢާއެއްކުރަން އޮތްކަމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާކަން އެނގޭކަށް ނެތެވެ.
ނަމަވެސް ޒަމްޒަމް ފެން ބޯއިރު ކުރުމަށް އިބްނު ޢައްބާސް رضي الله عنهما، އިރުޝާދުދެއްވާފައިވާ ދުޢާއަކީ:
((…اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا ، وَرِزْقًا وَاسِعًا ، وشفاءً مِنْ كُلِّ دَاءٍ…)) [رواه الفاكهي في أخبار مكة رقم: ١١۰٧، وحسنه عبدالملك دهيش في تحقيقه للكتاب]
މާނައީ: “އޭﷲ! ހަމަކަށަވަރުން ފައިދާކުރަނިވި ޢިލްމަށް މިއަޅާ އެދެމެވެ. އަދި ތަނަވަސް ރިޒްޤަށެވެ. އަދި ކޮންމެ ބައްޔަކުން ޝިފާދެއްވުމަށެވެ…”
އެމީހަކު ދެދުނިޔޭގެ ބާއްޖަވެރިކަމުގައި ވާ ކޮންމެ ދުޢާއެއް ކިޔުމުގެ ދޮރު ހުޅުވިގެންވެއެވެ.
ޒަމްޒަމްފެންއާރު ނެރުއްވުމާއި ހަނަފަސް މައްކާ ވާދީގައި ދިރުން ލެއްވުން ވަނީ ގުޅި ލާމެހިފައެވެ.
وَقَالُوۤا۟ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَاۤۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنࣰا یُجۡبَىٰۤ إِلَیۡهِ ثَمَرَ ٰتُ كُلِّ شَیۡءࣲ رِّزۡقࣰا مِّن لَّدُنَّا وَلَـٰكِنَّ أَكۡثَرَهُمۡ لَا یَعۡلَمُونَ } [سُورَةُ القَصَصِ: ٥٧] އަދި އެއުރެން ބުނޫއެވެ. ތިމަންމެން ކަލޭގެފާނާއެކު ތެދުމަގަށް تبع ވެއްޖެނަމަ، ތިމަންމެން ރަށުން ތިމަންމެން ޖަހައިގަނެވޭ ހުށްޓެވެ. أمان ކަން ލިބިގެންވާ حرم އެއް ތިމަންރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ حضرة ން ލިބެނިވި رزق އެއްގެ ގޮތުގައި، ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ.