ނަޞޭޙަތާއި އިރުޝާދު
ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް

ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ އިޚްލާޞްތެރިވާށެވެ. ނިޔަތް ތެދުކޮށް ސީދާކުރާށެވެ. ދުނިޔެވީ އެދުމެއްނެތި ޤުރުއާން ހިތުދަސްކުރަން މަސައްކަތްކުރާ މީހާއަށް މާތްﷲ ތައުފީޤްދެއްވާ، އެކަން ފަސޭހަކޮށްދެއްވާނެއެވެ. މިކަމުން ލިބޭ އުޚުރަވީ ޘަވާބާމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ.

ޤުރްއާން ހިތުދަސްކުރަން ބޭނުންނަމަ ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާށެވެ. ފާފަކުރާވަރަކަށް ތިމާގެ ހިތުގައި ކަޅު ލައްތަކެއްޖެހި، ހިތުގެ އަލިކަން ފިލަމުންދާނެއެވެ. މިދަމިލަތައް ފިލުވޭނީ ޛިކުރުކުރުމުންނާއި، އިސްތިޣްފާރުކުރުމުންނާ އަދި ހެޔޮ ޢަމަލުތައް ކުރުމުންނެވެ.ޤުރުއާން ހިތުދަސްކުރަންއުޅޭ އެހެންކުދިންނާއިއެކު ގިނަ ވަޤުތުތައް ހޭދަކުރާށެވެ. މުރާލި އެކުވެރިންނާއިއެކު އުޅޭނަމަ، ތިބާވެސް މުރާލިވާނެއެވެ. ކޮންމެ ދުވަހަކުވެސް ހިތުދަސްކުރާނެ ވަކި މިންވަރެއް ކަނޑައެޅުމަކީ ހިތުސްކުރުމުގެ ދަތުރުގެ އެންމެ މުހިއްމު ބަޔެވެ. މި ގޮތަށް ދަސްކުރަން ކަނޑައަޅާ ބައިގެ އާޔަތްތަކުގެ މާނަ ފަހުމުވޭތޯ މަސައްކަތްކުރުމަކީވެސް ހިތުދަސްކުރުން ފަސޭހަ ކުރުމަށްޓަކައި ކުރެވިދާނެކަމެކެވެ.

މެދުކެނޑުމެއްނެތި ދަސްކުރާބައިތައް ތަކުރާރުކޮށް ކިޔަމުންދާށެވެ. ހިތް އަވަސްވެ، ކުރީގައި ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުން ދޫކޮށްނުލާށެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.«إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ»  [رواه مسلم[މާނައީ: ”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައިބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ.”

ހިތުދަސްކުރާ ސޫރަތްތައް ހިތުގައި ޘާބިތުކުރުމަށްޓަކައި  އެ ސޫރަތްތައް ގިނަގިނައިން ކިޔަވާށެވެ. ތިބާ އެކަނި އިނދެ ދަސްކޮށްފައިވާ ބައިތައް މުރާޖަޢާ ކުރުމަށްވުރެ، އެހެން މީހަކު ލައްވާ ކިޔުއްވުމުގެ ފައިދާ އެތައް ގުނަ އެއް ބޮޑެވެ. ކިޔުއްވުމަށްވުރެ، މޮޅު ގޮތެއް ބޭނުންނަމަ، (ރަނގަޅަށް ފަރިތަކުރުމަށްފަހު) އިމާމުވެ، ނަމާދުކުރާއިރު، ހިތުދަސްކޮށްފައިވާ ސޫރަތްތައް ކިޔަވާށެވެ. އިސްވެ މިދެންނެވި ހުރިހާ އުކުޅުތަކަށްވުރެ، މޮޅު އަދި ފައިދާ ބޮޑު އުކުޅެއް އެބައޮތެވެ. އެއީ ހިތުދަސްކުރާ ސޫރަތްތައް ދަމުނަމާދުގައި ކިޔެވުމެވެ. ހިތުދަސްކޮށްފައިވާ ސޫރަތްތައް ތިބާގެ ހިތުގައި ސާބިތުކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު މުޖައްރަބު އުކުޅަކީ ދަމުނަމާދުގައި އެ ސޫރަތްތައް ކިޔެވުމެވެ. އިންސާނާގެ ހިތާއި ދުލުގެ ގުޅުން އެންމެ ވަރުގަދަވާ ވަގުތަކީ ދަމުނަމާދުގެ ވަގުތެވެ. އެ ވަގުތުގައި ކިޔެވޭ އެއްޗެހި ވަރަށް ފަސޭހައިން ފަހުމުވެ، ހިތުގައި ހަރުލާނެއެވެ. މި ޙަޤީޤަތް ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި ބަޔާންވެގެންވެއެވެ.إن ناشئة الليل هي أشد وطئا و أقوم قيلا ~سورة المزمل :٦ މާނައީ: ހަމަކަށަވަރުން، ނިދުމަށްފަހު، ރޭ އަޅުކަން ކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާ ކަން ބޮޑެވެ.

 

 

 

 

 

 

1