ނަޞޭޙަތާއި އިރުޝާދު
އަހަރީ ޗުއްޓީ މައްކާގައި ހޭދަކޮށްލަންޖެހޭ 5 ސަބަބެއް

އަހަރީ ޗުއްޓީގައި އެކި ޤައުމުތަކަށް ދިޔުމަކީ ދިވެހިންގެ ތެރޭގައި ޢާއްމުވަމުންދާ ކަމެކެވެ. މި ގޮތަށް ޤައުމުތަކަށް ގިނަ މީހުންދަނީ އާއިލީ ދަތުރެއްގެ ގޮތުގައެވެ. މި ފަދަ ދަތުރުތަކުގެ މަންޒިލެއްކަމުގައި މައްކާ ހަދައިފިނަމަ ގިނަގުނަ ފައިދާއާއި ދަރުމަޔާއި ޘަވާބު ލިބޭނެކަން ކަށަވަރެވެ.

އަހަރީ ޗުއްޓީގައި ބަރަކާތްތެރި މަންޒިލަކަށް ދަތުރުކުރުމުގެ ފައިދާތައް އިންތިހާއަށް ގިނަވެގެންވެއެވެ. އެކަމުގެ ސަބަބުން ތިބާގެ ރިޒުޤާއި، ވަގުތާއި، އަދި ގުޅުންތަކުގައި ބަރަކާތްލެއްވިގެންދާނެއެވެ. މި އަރޓިކަލްގައި މި ބަލާލަނީ އަހަރީ ޗުއްޓީ ހޭދަކުރާނެ މަންޒިލަކަށް މައްކާ ހަދަން ޖެހޭ 5 ސަބަބެވެ.

ފުރަތަމަ ސަބަބު

މައްކާއަކީ މި ބިންމަތީގައިވާ އެންމެ މާތް އަދި އެންމެ ބަރަކާތްތެރި ބިމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

މާނައީ:”ހަމަކަށަވަރުން މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި އަޅުކަމުގެ ގެއަކީ މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތްލައްވާފައިވާ ތަނެއްގެ ގޮތުގައެވެ. އަދި ޢާލަމްތަކަށް ތެދުމަގެއް ކަމުގައެވެ.]

ދެވަނަ ސަބަބު

އިބްރާހިމް عليه السلام މައްކާ ގެ ގޮވާމާއި މޭވާއާއި އަދި އެރަށުގެ ޞާޢާއި މުއްދުގައި ބަރަކާތްލެއްވުމަށް ދުޢާކުރެއްވިއެވެ.  (رواه الترمذي و صححه الألباني)

ތިންވަނަ ސަބަބު

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.«صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ» [مسند أحمد وصححه الألباني]މާނައީ:”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ޘަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ޘަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.]

ހަތަރުވަނަ ސަބަބު

މައްކާގެ މާތްކަމާއި ބަރަކާތްތެރިކަން އަދައިގެން ސަލަފުންގެ ބޭކަލުންނާއި ބޮޑެތި ޢިލްމުވެރިން ގިނަގިނައިން މައްކާއަށް ޒިޔާރަތްކުރައްވާ އުޅުއްވިއެވެ. އެބޭކަލުންނަށް މައްކާއަށް އައުމުގެ ފުރުޞަތު ލިބިއްޖެނަމަ ހެޔޮ ޢަމަލުތަކުގެ މީޒާންބަރުވާފަދަ ޞާލިޙް ޢަމަލުތައް ގިނަކުރަން ހިއްމަތްކުރެއްވިއެވެ. މިފަދަ އެއް މިސާލަކީ އިބްނުލް ޤައްޔިމް رحمه الله އެވެ. އިބްނުލް ޤައްޔިމް މައްކާގައި ހުންނެވިއިރު ގިނަގިނައިން ނަމާދުކޮށް ޠަވާފުކޮށް ޤުރުއާން ކިޔަވާ ފޮތް ލިޔުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ގިނަގިނައިން ޒަމްޒަމްފެން ހިއްޕެވިއެވެ.

ފަސްވަނަ ސަބަބު

މާތް ﷲ އަށް އަޅުކަންކޮށް ކިޔަމަންތެރިކަމުގެ ޢަމަލުތައް ކުރުމަށް ޙަރަމްފުޅަށް ކެރިކުޅަދާނަވީވަރަކުން ދިޔުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބާރުއަޅުއްވާފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.

(اِستَمْتِعُوْا بِهذَا البَيت فَقَدْ هُدِمَ مَرتين، ويُرْفَعُ في الثالثةِ) [رواه البزار وصححه الألباني في السلسلة الصحيحة].

”މި ގެފުޅުގެ ކައިރީގައި މަޑުކޮށް އަޅުކަންކުރުމުގެ އުފާވެރިކަން ލިބިގަންނާށެވެ. އެ ގެފުޅު ދެ ފަހަރު ބިމާ ހަމަކުރެވުނެވެ. ތިންވަނަ ފަހަރަށް ގެފުޅު އުފުލޭނެއެވެ.“

އަހަރީ ޗުއްޓީ ގެ މަންޒިލެއްކަމުގައި މައްކާ ހަދައިފިނަމަ ދަރިންގެ ހިތުގައި އިސްލާމްދީނާއިމެދު ޝައުގުވެރިކަން އުފެދި، ދީނީ ކަންކަމަށް ސަމާލުވެ ލޯހުޅުވޭނެއެވެ. މި މާތް ބިމުގައި ކުރެވޭ ދުޢާތައް އިޖާބަވުމުގެ އުއްމީދު ބޮޑުވެގެންވާކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. ކިތަންމެ ޒުވާންކޮށް ހުއްޓަސް މާދަމާވެސް މަރުވެދާނެއެވެ. މަރުވުމުގެ ކުރިން މި މުޤައްދަސް ބިމަށް ޒިޔާރަތް ކުރުމުގެ ނިޔަތާއި އުއްމީދު ހަޤީޤަތަކަށް ހެއްދެވުމަށް އަވަސްވެލައްވާށެވެ.

12