މާތް ﷲ ވަޙީކުރައްވާފައިވެއެވެ.﴿ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّهُ عِندَهُ أَجْرٌ عَظِيمٌ ﴾ މާނަ:”ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ވާކަންކަށަވަރީ، އިމްތިޙާނެއް(ފިތުނައެއް) ކަމުގައެވެ. އަދި ބޮޑުވެގެންވާ ދަރުމަހުރީ، اللَّه ގެ ޙަޟުރަތުގައެވެ.” [64:15] އަދި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ))إِنَّ لِكُلِّ أُمَّةٍ فِتْنَةً وَفِتْنَةُ أُمَّتِي الْمَالُ(( މާނަ:’ހަމަކަށަވަރުން، ކޮންމެ އުންމަތަކަށްވެސް އިމްތިޙާނެއް(ފިތުނައެއް)ވެއެވެ.އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފިތުނައަކީ މުދަލެވެ.ޙަރާމް ގޮތްގޮތަށް މުދާ ހޯދުމާއި ދީނީ ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށް މުދަލަށް އަޅުވެތިވެ އެ ހޯދުމަށް ކޮންމެފަދަ ކަމެއް ކުރުމަށްވެސް މީހާ ތައްޔާރަށް ހުންނަކަމުގައިވަނީނަމަ، އޭނާ އެހެރީ ޝައްކެއްވެސް ނެތް ގޮތުގައި މުދަލުގެ ފިތުނައިގައި ޖެހިފައެވެ. ޙަދީޘެއްގައި ވެއެވެ: ))تَعِسَ عَبْدُ الدينار، تَعِسَ عَبْدُ الدرهم، تَعِسَ عَبْدُ الخَمِيصَة، تعس عَبْدُ الخَمِيلَة، إن أُعْطِيَ رَضِيَ، وإن لم يُعْطَ سَخِطَ ((‘ދީނާރުގެ އަޅާ ނިކަމެތިވެގެންވެއެވެ. ދިރުހަމުގެ އަޅާ ނިކަމެތިވެގެންވެއެވެ. އަލްޚަމީޞަ(ފޮތީގަނޑެއް) ގެ އަޅާ ނިކަމެތިވެގެންވެއެވެ. އަލްޚަމީލަ(ކުރެހުން އަޅާފައިހުންނަ ފޮތިގަނޑެއް) ގެ އަޅާ ނިކަމެތިވެގެންވެއެވެ. އޭނާއަށް އެ ލިބިއްޖެނަމަ ހިތްހަމަ ޖެހެއެވެ. އަދި ނުލިބިޖިއްނަމަ ރުޅިއަރައެވެ.ދުނިޔެވީ މުދަލުގެ އަޅުންނަށްވާ މީހާގެ ޙާލަތަކީ ޙަދީޘުގައި ބަޔާންވެފައިވާފަދަ ޙާލަތެކެވެ. އެއީ ނިކަމެތިވެގެންވާ ބައެކެވެ.ހިތުގެ ހިތްހަމަޖެހުން الله ނޫން އެހެން ފަރާތަކަށް އަނބުރާލައިފިނަމަ،އޭނާ ވެގެންދާނީ އެ އެދޭ ކަމެއްގެ އަޅަކަށެވެ. އޭނާގެ ހިތްހަމަޖެހުމާއި ހިތްހަމަނުޖެހުން އަދި އޭނާގެ ޚިޔާލާއި ފިކުރުތައް މުޅީންވެސް ގުޅިލާމެހި އަޅުވެތިވެފައި އޮންނާނީ އޭނާ އެ ހޯދަންބޭނުންވާ މުދާގަނޑަށެވެ.
ޓެކްނޮލޮޖީގެ މި ޒަމާނުގައި އެކި ފާޑުފާޑުގެ ފައިސާ ހޯދާނޭ ގޮތްތައް ކޮންމެ ދުވަހަކު ތަޢާރަފުވަމުން އަންނައިރު، މުދާ ހުއްދަ ނޫން ގޮތުގައި ހޯދުމުގެ ފިތުނައިން އަމިއްލައަށް ރައްކާތެރިވުމަކީ ފަސޭހަ ކަމެއް ނޫނެވެ.ހަޤީޤަތުގައި، މުދަލަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ.މައްސަލަޖެހޭ ހިސާބަކީ، މުދަލުގެ އަޅަކަށް މީހަވެގެންދާއިރުވެސް ތިމާއަށް އެކަން ނުވިސްނި، ދީނީ ވާޖިބުތަކުން މީހާ ދުރުހެލިކޮށްލާ ޙަރާމެއް ޙަލާލެއް ބެލުމެއްނެތި މުދާ ހޯދުމުގައި މީހާ މަޝްޣޫލުވެގެންދާ ހިސާބެވެ. މުދަލާމެދު ރަނގަޅު ނަޒަރިއްޔާތެއް ގެންގުޅުމަކީ އަބަދުވެސް ބޭނުންތެރިކަމެކެވެ.އިބްނު ތައިމިއްޔާ ރަޙިމަހުއްالله އާ، އާޚިރަތުގައި ބާއްޖަވެރިވާން އެދޭ މީހާ މުދަލާމެދު ދެކެންވީ ގޮތާ ބެހޭގޮތުން ސުވާލު ދެންނެވެމުން ވިދާޅުވިއެވެ.”އަހަރެމެން މުދަލާމެދު ދެކެންވީ އަހަރުމެން ފާޚަނާއާމެދު ގެންގުޅޭ ނަޒަރިއްޔާތުންނެވެ. އިތުރަށް ވިދާޅުވިއެވެ. “އަހަރެމެން ޙާޖަތަކަށް ބެނުންޖެހެމުން އެތަން ބޭނުންކުރަމެވެ. ނަމަވެސް އަހަރުމެންގެ ހިތުގައި އެތަނަކަށް އެއްވެސް ޖާގައެއް ނޯވެއެވެ.”
އައްޝައިޚް ޖަލާލް އަޙްމަދު މުދަލާއި ދުނިޔެވީ ކަންކަމުން މީހާ ދުރުހެލިވުމާ ބެހޭ ގޮތުން ދަންނަވާފައިވެއެވެ.މީހަކު ﷲ ގެ ރުއްސެވުމާއި ލޯބި ހޯދުމަށް މަސައްކަތް ކުރާވަރަކަށް އޭނާ މުދަލާއި ދުނިޔެވީ ކަންކަމަށް ހުންނަ ފޯރި ކުޑަވެގެންދާނެއެވެ. މަތިންދާބޯޓަކަށް ދަތުރެއް ފެށުމަށް ބޯޓަށް އަރައި އިންނަ މީހެއްގޮތަށް ތަސައްވަރު ކޮށްލައްވާށެވެ. “ރަންވޭމަތީ” ބޯޓު އޮންނަ އިރު ކުޑަދޮރުން ބަލާލުމުން އެހެން ބޯޓުތަކާއި ބިލްޑިންގ ތަކާއި ޓަރމިނަލް ސާފުކޮށް ބޮޑުކޮށް ފެންނާން ހުންނާނެއެވެ. ނަމަވެސް، ބޯޓު ނައްޓާލައި ހިއްލާލުމުން، ހަމަ އެތަކެތި މަޑުމަޑުން ކުޑަވަމުން ކުޑަވަމުން ގޮސް ގެއްލިގެންދެއެވެ.މިފަދައިން، މާތް ﷲ ގެ ރުއްސެވުން ލިބިގަތުމަށާއި އަޅުގަނޑުމެންގެ ހިތުގައި ﷲ އަށް އޮންނަ ލޯބި އިތުރުވާވަރަކަށް އެތަންތަން ކުޑަވަމުން ދިޔަފަދައިން ދުނިޔެވީ ކަންކަމާއި މުދަލަށް ހުންނަ ފޯރި މަޑުމަޑުން ކެނޑެމުންގޮސް މުދަލުގެ ފިތުނައިން އަޅުގަނޑުމެން އިންޝާ ﷲ ސަލާމަތްވެގެންދާނެއެވެ.