ނަޞޭޙަތާއި އިރުޝާދު
ހަނަފަސް ސަހަރާއެއްގެ ތެރޭގައި ކުރެވުނު ދުޢާ

އީސާ عليه السلامގެ މީލާދުގެ 2000 ވަރަކަށް އަހަރުކުރިއެވެ.  ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅާއި އެއްގޮތަށް އިސްމާޢީލުގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ޙާޖަރުގެފާނު ގޮވައިގެން މައްކާގެ ބިމަށް ވަޑައިގެން އެއްވެސް ގަހެއް، ފެނެއް، ގެއެއްނެތް ހަނަފަސް ސަހަރާ ތެރެއަށް ދޫކޮށްލައްވަމުން ކަދުރުކޮޅަކާއި ފެންކަންވާރެއް އެ ދެމައިންގެ ކައިރީގައި ބެހެއްޓެވިއެވެ. އެހިނދު އިބްރާހިމްގެފާނު ފަހަތްޕުޅުން ހާޖަރު ދުވެވަޑައިގެން ވިދާޅުވިއެވެ. “އޭ އިބްރާހީމެވެ. އެއްވެސް އިންސިއެއް އަދި އެއްވެސް ދިރުމެއް ނެތް ހަނަފަސް ސަހަރާއަކަށް އަޅުގަނޑުމެން ދޫކުރައްވާފައި ތިޔަ ވަޑައިގަންނަވަނީތޯއެވެ؟” ތަކުރާރުކޮށް އެ ސުވާލުކުރުމުންވެސް އިބްރާހިމްގެފާނު ބަސްފުޅެއް ވިދާޅުނުވެ ވަޑައިގަންނަވާތީ އެންމެ ފަހުން ޙާޖަރު ވިދާޅުވިއެވެ.”ތިޔައީ މާތްﷲ ކަލޭގެފާނަށް އަމުރުކުރެއްވި ގޮތްތޯއެވެ؟” ޖަވާބުގައި އިބްރާހިމްގެފާނު އާއެކޭ ވިދާޅުވުމުން ހާޖަރު ވިދާޅުވިއެވެ. “އެހެންވީއިރު އެކަލާނގެ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ.”

ދެން އިބްރާހިމްގެފާނު އެ ދެމައިންނާއި ދުރަށް ވަޑައިގެން ދުޢާއެއް ކުރެއްވިއެވެ.

رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ‎﴿٣٧﴾

އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ.

އިބްރާހިމްގެފާނާއި ރަސޫލާ صلى الله عليه و سلم އާއި ޚަލްޤީ ސިފަތަކުގައި އެއްވައްތަރުކަން ހުންނަ ފަދައިން ޚުލްޤީ ސިފަތަކުގައިވެސް އެއްގޮތްކަން ހުރެއެވެ. އިބްރާހިމްގެފާނު އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ދުޢާކުރެއްވި ފަދައިން ރަސޫލާވެސް މި އުއްމަތަށް ދުޢާކުރެއްވިއެވެ.

މަރާޖިޢު:

ތަފްސީރު ސޫރަތު އިބްރާހީމް: ތަފްސީރު އިބްނި ކަޘީރު

 

47