ނަޞޭޙަތާއި އިރުޝާދު
މައްކާގައި ހޭދަކުރެވޭ ވަގުތުތައް ޣަނީމާކުރާށެވެ

މުސްލިމުން މިތަނުގައި ދިރިއުޅެމުންދާއިރު އޭނާ މި އުޅެމުންދަނީ ޢިލްމުގެ ނޫރު އެތަނުން ފާޅުވެގެންދިޔަ ބިންކަން ދަންނަންޖެހެއެވެ. ދީނުގެ ޢިލްމު އެކިކަންކޮޅުތަކަށް ފެތުރިގެންދިޔައީ މިބިމުންނެވެ. އެހެންކަމުން މި ބިމުގައި ދިރިއުޅޭއިރު ޢިލްމު ހޯދުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

އިބްނުލް ޤައްޔިމް މައްކާގައި ހުންނެވިއިރު ގިނަގިނައިން ނަމާދުކޮށް ޠަވާފުކޮށް ޤުރުއާން ކިޔަވާ ފޮތް ލިޔުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ގިނަގިނައިން ޒަމްޒަމްފެން ހިއްޕެވިއެވެ.

މައްކާއަށް އައުމުގެ ނަސީބު ލިބޭ ކޮންމެ މީހަކުވެސް އެކިއެކި އަޅުކަމުގައި ޝާމިލުވެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް ތަވާފުކުރުން، ނަމާދުކުރުން، ޛިކުރުކުރުން، ދުޢާކުރުން، ޤުރުއާން ކިޔެވުން، އެހެންމީހުންނަށްޓަކައި ދުޢާކޮށްދިނުން، ޢިލްމު އުނގެނުން އަދި ޛިކުރުގެ މަޖްލިސްތަކަށް ހާޟިރުވުންފަދަ ކަންކަމުގައެވެ.

އަދި ފާފަތަކުން ދުރުވާން ޖެހޭނެއެވެ. މައްކާއިން އެނބުރި ޤައުމަށް ދާންވާނީ ޢުމުރުގެ ބާކީއޮތް ބައި މާތް ﷲއަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ހޭދަކުރުމުގެ މަތިވެރި ޢަޒުމުގައެވެ.

މައްކާގެ މުޝްރިކުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާއިން ނެރެލުމުން މަދީނާއަށް މިސްރާބު ޖައްސަވަމުން މައްކާއާއި މުޚާތަބުކުރައްވާ ހަދީޘްކުރެއްވިއެވެ.

“ﷲ ގަންދީ ބުނަމެވެ. ތިޔައީ ﷲ ގެ ބިންތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވީ ބިމެވެ. އަދި ﷲ ގެ ބިންތަކުގެ ތެރެއިން އެންމެ ލޮބުވެތިކަންބޮޑުވެގެންވީ ބިމެވެ. ތިބިމުން ތިމަންކަލޭގެފާނު ނެރެނުލެވުނުނަމަ ތި ބިމުން ނުނިކުތީމުހެވެ.”

މައްކާގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ އަޖުރު އިތުރުވާއިރު، މައްކާގައި ކުރެވޭ ފާފަތަކުގެ އަޒާބުވެސް ބޮޑުވެގެންވެއެވެ.

﴿إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّـهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ﴾ [ سورة الحج ٢٥]

މާނައީ: ”ހަމަކަށަވަރުން ކާފިރުވެ ﷲގެ މަގުން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި ޤާއިމުވެ ހުންނަމީހާއާއި، ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި ތިމަންއިލާހު ލެއްވި މަސްޖިދުލް ޙަރާމްއިން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި އަނިޔާވެރިކަމާއެކު، ދީނާއި ޚިލާފުގޮތްތައް އުފައްދަން އުޅޭމީހާއަށް ތިމަންއިލާހު ވޭންދެނިވި އަޒާބު ދެއްވާ ހުށީމެވެ.”

މި އާޔަތުގައި މިވާ އިލްޙާދުގެ މާނައިގެ ތެރެއަށް އެންމެހާ ފާފަތަކާއި އުރެދުންތައް ވަންނާނެކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

މައްކާގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތް ވެގެންވާ ފަދައިން އެ ތާނގައި ކުރާ ފާފަތަކުގެ ނުބައިކަންތައް ވެސް ބޮޑުވެގެން ވެއެވެ.

ނިކަން ވިސްނަވާށެވެ. މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައިވާއިރު، އެފަދަ ފާފަތަކަށް އަރައިގަންނަ މީހާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟

މައްކާއަށް އައުމުގެ ނަޞީބު ލިބުމަކީ ރަނުގެ ފުރުސަތެކެވެ. މިފުރުސަތުގައި އިޚްލާސްތެރި ނިޔަތަކާއެކު ތައުބާވާށެވެ. ޙަޔާތުގެ ހުންގާނު ސީދާ މިސްރާބަށް އަނބުރާށެވެ.

53